ޑރ. މުހައްމަދު ޖަމީލް އަހުމަދު

އެމްޑީއެން މައްސަލާގައި ޕީޖީގެ ބަހެއް މުހިންމު: ޖަމީލް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލާ އެކަން ސަރުކާރުން ހާމަކުރިނަމަވެސް، ޖަމިއްޔާގެ މަސައްކަތް ހުއްޓާނުލާނެ ބުނެފައިވާތީ އެއީ ފާޅުގައި ގާނޫނަށް ގޮންޖެހުމުގެ އަމަލެއް ކަމަށާ އެކަމުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ ބަހެއް މުހިންމު ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީއެން ރަސްމީކޮށް އުވާލާ އެކަން ސަރުކާރުން ހާމަކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ސަރުކާރުގެ ނިންމުމަށް ފާޑުކިޔާ އެމްޑީއެންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާ އުވާލުމަށް ނިންމީ އުސޫލުތަކުގެ ބޭރުން ކަމަށެވެ. އަދި ސަރުކާރުން އެ ނިންމުން ނިންމި ނަމަވެސް ޖަމިއްޔާގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އުވާލާފައިވާ ޖަމިއްޔާއަކުން ފާޅުގައި ގޮންޖަހައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނުމަކީ ގާނޫނަށް ގޮންޖެހުން ކަމަށެވެ. އަދި މިކަމުގައި ލޯމަރައިގެން ތިބެފިނަމަ މިއީ ގާނޫނުގެ ބާރު ކެނޑިގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މަސްލަހަތު އެއްކިބާކުރުމަށް ފަހު މިކަމުގައި ޕީޖީގެ ބަހެއް ރައްޔިތުންނަށް މުހިންމު." ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އުވާލާފައިވާ ޖަމިއްޔާއަކުން ފާޅުގައި ގޮންޖަހައި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ބުނުމަކީ ގާނޫނަށް ގޮންޖެހުން. ލޯމަރައިގެން ތިބެފިނަމަ މިއީ ގާނޫނުގެ ބާރު ކެނޑިގެންދާނެ ކަމެއް. މަސްލަހަތު އެއްކިބާކުރުމަށް ފަހު މިކަމުގައި ޕީޖީގެ ބަހެއް ރައްޔިތުންނަށް މުހިންމު
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލާގައި ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ހެދި އެސެސެމަންޓްގައި ޔޫތް މިނިސްޓްރީއަށް އަންގާފައި ވަނީ އެ ރިޕޯޓުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ.

ފުލުހުން ޔޫތް މިނިސްޓްރީއަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ޖަމިއްޔާ އުވާލަން އެ މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ ފަސް ދުވަހުގަ އެވެ. އަދި ޖަމިއްޔާއާ ބެހޭ ގާނޫނުގެ ދަށުން ޖަމިއްޔާއެއް އުވާލަން ނިންމުމުން އެ ޖަމިއްޔާއެއްގެ ދަރަންޏާ މުދަލާ ގުޅޭ ކަންކަން ނިންމަން ދޭން ޖެހޭ 45 ދުވަހުގެ މުއްދަތު އެމްޑީއެންއަށް އެ ދުވަހު ދިނެވެ.

އެ މުއްދަތު ހަމަވުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މުދަލާއި ދަރަންޏާ އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ދިން 45 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް އެ ޖަމިއްޔާ އިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެމްޑީއެން އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރާ ކަމަށެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.