ލައިފްސްޓައިލް

"ކަޕިލް ޝަރުމާ ޝޯ"އަށް ސުނިލް އެނބުރި އަތުވެދާނެ ކަމުގެ އިޝާރާތެއް!

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ އާއި އޭނާގެ ޝޯގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ސުނިލް ގްރޯވަރުގެ މެދުގައި މައްސަލަތަކެއް ޖެހި ސުނިލް ޝޯ އާ ވަކިވިތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ. ދާދިފަހުން ކަޕިލް ވަނީ ސުނިލް އާ ނުލާ އޭނާ ފެށި "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ދެ ވަނަ ސީޒަންގެ 100 ވަނަ އެޕިސޯޑް ދެއްކުން ފާހަގަ ކޮށްފަ އެވެ. ނަމަވެސް މި ޝޯގެ ފޭނުން އަދިވެސް ސުނިލް މަތިން ހަނދާން ކުރެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސުނިލް އާ ނުލާ ކަޕިލް ޝަރުމާ ޝޯ ފުރިހަމައެއް ނޫނެވެ.

މިހާރު ކަޕިލް ޝަރުމާ ޝޯ ޕްރޮޑިއުސްކުރަނީ މަޝްހޫރު ފިލްމު އެކްޓަރު ސަލްމާން ޚާނެވެ. ކަޕިލް ޝޯއަށް ސުނިލް އަނބުރާ ގެނައުމަކީ ސަލްމާން ވެސް ވަރަށް ބޮޑަށް އެދޭ ކަމެކެވެ. އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ ޝޯ އާ ހަވާލުވީއްސުރެ މި މަސައްކަތް ކެނޑިނޭޅި ސަލްމާން ދަނީ ކުރަމުންނެވެ.

ސުނިލް އަށް ބޮލީވުޑުން ވެސް ވަރަށް ގިނަ ފުރުސަތުތަކެއް ސަލްމާން ވަނީ ހޯދާދީފަ އެވެ. އަދި އޭނާގެ "ބާރަތު" އާއި އެހެން ބައެއް ފިލްމުތަކުގައި ވެސް ސުނިލް ބައިވެރިކޮށްފައި ވެއެވެ. "ބާރަތު"ގެ ޝޫޓިންގެ ދުވަސްވަރު ވެސް ސަލްމާން ވަނީ ސުނިލް އާ ވާހަކަ ދައްކައިގެން ދެ މީހުންގެ އަރާރުން ނިމުމަކަށް ގެނެވޭތޯ ވަރަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސުނިލް އެއްގޮތަކަށް ވެސް ކަޕިލް އާ އެކު މަސައްކަތްކުރާކަށް ބޭނުމެއް ނުވި އެވެ.

ނަމަވެސް މިހާރު މަޑުމަޑުން ކަޕިލް އާއި ސުނިލްގެ މެދުގައި އޮތް ރުޅިވެރިކަން ނިމުމަކަށް އައިސް ދެ މީހުންގެ ގުޅުން ބަދަހިވާން ވަނީ ފަށާފަ އެވެ. ސަލްމާންގެ ކޮއްކޮ ސުހައިލް ޚާންގެ އުފަން ދުވަސް ފާހަގަކުރަން ދާދިފަހުން ބޭއްވި ޕާޓީއެއްގައި ސުނިލް އާއި ކަޕިލް އެކުގައި ވާހަކަ ދައްކަނިކޮށް ފެނިފައި ވެއެވެ. އަދި މި ދެ ކޮމޭޑިއަނުންނާއި ސަލްމާން އާއެކު ނަގާފައިވާ ފޮޓޯއެއް ކަޕިލް ވަނީ ސޯޝަލް މީޑިއާގައި ވެސް ޝެއާ ކޮށްފަ އެވެ.

ކަޕިލްގެ ޕޯސްޓްގައި ސަލްމާން ޚާނާއި ސުނިލް އަށް ވެސް "ބާއީ" ގެ ނަމުން މުޚާތަބު ކޮށްފައި ވެއެވެ. މިއީ ގާތް އަޚުންނަށް މުޚާތަބުކުރާ ނަމެއް ކަމަށް ވުމުން ސުނިލް އާއި އޭނާގެ މެދުގައި ވެސް އަޚްވަންތަކަން އަލުން ގާއިމް ކުރެވިފައިވާ ކަމަށް ބެލެވޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މި ފޮޓޯ ފެނިގެން ކަޕިލް އާއި ސުނިލްގެ ފޭނުން ސޯޝަލް މީޑިއާގައި ވަރަށް އުފާ ފާޅުކޮށް ކޮމެންޓްތައް ކުރި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކަޕިލް ވަނީ ސުހައިލް ޚާންގެ "ޕިންޗް" ޝޯގައި ބައިވެރިވެ އޭނާ އާ ސުނިލް އާ ދެމެދު ވީ އަރާރުމާ ބެހޭ ގޮތުން ތަފްސީލްކޮށް ވާހަކަ ދައްކާފަ އެވެ. ކަޕިލް ބުނި ގޮތުގައި އެމީހުންގެ އަރާރުމުގެ ވާހަކަ ބޮޑުކުރީ މީޑިއާ އިންނެވެ.

"އެއްބަޔަކު ބުނެފައިވޭ އަހަރެން ސުނިލް ގައިގައި ފައިވާން ކިބަޔަކުން ޖެހިއްޔޭ. އަނެއްބަޔަކު ބުނި އަހަރެން އައުމުގެ ކުރިން އެމީހުން ކާން ފެށީމަ އަހަރެން ރުޅި އައިއްޔޭ. ތި މީހުންނަށް ހީވޭތަ އަހަރެންގެ މޫނަށް ބަލާފަ އަހަރެންނަކީ އެކަހަލަ ކަމެއް ކޮށްފާނެ މީހެކޭ،" ކަޕިލް ސުވާލު ކުރި އެވެ.

ކަޕިލް ބުނި ގޮތުގައި މި ވާހަކަ ތަކަކީ ހަދަހަދައިގެން ދެއްކި ފުލޯކު ވާހަކަ ތަކެކެވެ. ސުނިލް ވެސް އަދި ޚުދް އޭނާ ވެސް އެއީ ތެދެއް ކަމަކަށް ދުވަހަކުވެސް ބުނެފައި ނުވާނެ ކަމަށް ކަޕިލް ބުންޏެވެ.

ކަޕިލް އިތުރަށް ބުނީ އެ ވާހަކަތައް ދެއްކީ ތިން ވަނަ މީހެއް ކަމަށާއި އެމީހާ ދެއްކި ވާހަކަތަކަށް ހަތަރު ވަނަ މީހާ އާއި ފަސް ވަނަ މީހާ ވެސް ރިއެކްޓްކުރީ ކަމަށެވެ. މައްސަލަ ގޯސްވީ އެހެންވެ ކަމަށެވެ.

ސުނިލް ވެސް މި މައްސަލަ ސާފުކޮށްދެމުން ކުރި ޓުވީޓްގައި ބުނެފައިވަނީ "އިރާދަކުރައްވައިފިނަމަ އަހަރެމެން އެކުގައި މަސައްކަތްކުރާ ތަން އަދިވެސް ފެނިދާނެ. އަހަރެންނަކަށް ހަގީގަތުގައި ވެސް ޖަވާބެއް ނޭނގޭ. ހުރިހާ ކަމެއް ވެސް ވާނީ ގުދުރަތީ ގާނޫނުގައިވާ ގޮތަށް،" މިހެންނެވެ.

ސުނިލް އާއި ކަޕިލް އަލުން ގުޅިދާނެކަމުގެ އަޑުތައް ގަދަވީ ސުނިލްގެ މި ޓުވީޓަށް ފަހުގަ އެވެ. މީގެ ކުރިން ސުނިލް ހުރިހާ ފަހަރަކުވެސް ބުނެފައިވަނީ ކަޕިލް އާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ސުނިލް ދިން އިންޓަވިއު އެއްގައި ބުނީ އެއްވެސް ކަމެއް ތާ އަބަދަށް ނޯންނާނެ ކަމަށާއި އެނބުރި އަންނާނެ ކަމަށެވެ. އެހެންވީމާ ޝުކުރުވެރިވުމަށް އޭނާ އެދިފައި ވެއެވެ.