ލައިފްސްޓައިލް

މާބަނޑުއިރު އިތުރުވާ ބަރުދަން ވިހެއުމަށްފަހު ނުދާ ސަބަބު

ވަރަށް ހިކިކޮށް ތިބޭ މީހުން ވެސް އެއް ކުއްޖެއް ނުވަތަ ދެ ކުއްޖަކު ވިހާއިރަށް އާދަޔާޚިލާފަށް ފަލަވެފައި ތިބޭތަން ފެނެ އެވެ. ސިންގަޕޫރުގައި ވަރަށް ފަހުން ކޮށްފައިވާ ދިރާސާއެއްގައި މިކަން މެދުވެރިވާ ސަބަބު ހޯދާފައި ވެއެވެ. މި ދިރާސާއިން ދެއްކި ގޮތުގައި މާބަނޑު ދުވަސްވަރު ކޮލިޓީ ދަށް ކާނާ ކެއުމަކީ ވިހައިގެން ދޮޅު އަހަރުވާއިރުވެސް ބަރުދަން ލުއި ނުވާ އެއް ސަބަބެވެ. އަދި މާބަނޑުއިރު ރޭގަނޑު ލަސް ގަޑީގައި އެއްވެސް ފައިދާއެއް ނުކުރާ ކާނާ ކެއުމަކީ ވިހައިގެން ބަރުދަން ލުއި ނުވަން މެދުވެރިވާ ދެ ވަނަ ސަބަބެވެ.

ރޭގަނޑު ނިދާ ގަޑިއާ ކައިރިކޮށްފައި ކޮލިޓީއެއް ނެތް ކާނާ މާބަނޑުމީހުންނަށް ވިހައިގެން 18 މަސް ވާއިރު ބަރުދަން ލުޔެއް ނުކުރެވެ އެވެ. ސަބަބަކީ މިފަދަ މީހުންނަށް ބަރުދަން އިތުރުވުމުގެ މައްސަލަ ތިން ގުނައަށް އިތުރުވާތީ އެވެ.

ސިންގަޕޫރުގެ ކޭކޭ ވިމެންސް އެންޑް ޗިލްރަންސް ހޮސްޕިޓަލް (ކޭކޭއެޗް)ގެ ރިސާޗަރުން ކޮށްފައިވާ މި އާ ދިރާސާގައި 687 މާބަނޑު މީހުން ބައިވެރިކުރި އެވެ. މި އެންމެންނަށް ވެސް އެމީހުންގެ ބަނޑަށް 26 ހަފުތާ އިން ފެށިގެން 28 ހަފުތާ އާ ދެމެދު ކޭ ކާނާގެ ކޮލިޓީ އާއި އަދި ކޭ ގަޑިތައް ނޯޓްކުރަން އިރުޝާދު ދީފައި ވެއެވެ. ރިސާޗަރުން ވަނީ މި ހުރިހާ އަންހެނުންގެ ވެސް ފުރަތަމަ ޓްރައިމިސްޓާގައި ބަރުދަން ހުރި ވަރާއި ވިހައިގެން 18 މަސް ފަހުން ބަރުދަން ހުރި ވަރު ވެސް ބަލާފަ އެވެ.

ޖާނަލް ނިއުޓްރިޝަންސްގައި ޝާއިއުކޮށްފައިވާ މި ހޯދުމުގައިވާ ގޮތުން މި ހުރިހާ އަންހެނުންގެ ތެރެއިން 18 ޕަސެންޓް މީހުން ވިހައިގެން 18 މަސް ވީއިރު ފަސް ކިލޯ ނުވަތަ އެއަށް ވުރެ ވެސް އިތުރަށް ފަލަވެފައި ވެއެވެ. އަދި ރޭގަނޑު 7.00 ގެ ފަހުން ދަށް ކޮލިޓީ ކާނާ ކޭ މީހުންގެ ބަރުދަން އަދި މިއަށް ވުރެ ވެސް މާ ބޮޑަށް ވަނީ އިތުރުވެފަ އެވެ.

ރޭގަނޑު 7.00 ގެ ފަހުން ހަށިގަނޑަށް ފައިދާ ނުކުރާ ކަހަލަ ކާނާ ކެއުމަކީ އާއްމުގޮތެއްގައި ވެސް މީހުން ފަލަވާން މެދުވެރިވާ ސަބަބަކަށް ވާއިރު މި މައްސަލަ މާ ބަނޑު މީހުންނަށް ތިން ގުނަ އިތުރުކަން މި ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ.

މި ހޯދުމުގައި ބުނެފައިވާ ގޮތުގައި ވިހައިގެން އަހަރެއްހާ ދުވަސް ތެރޭ މާ ބޮޑަށް ފަލަވުމަކީ އަންހެނުންނަށް ވަރަށް ބޮޑެތި ސިއްހީ މައްސަލަތައް ދިމާވާ ކަމެކެވެ. ސަބަބަކީ މިފަދަ މީހުންގެ ބޮޑީ މާސް އިންޑެކްސް މަތިކަމުންނެވެ. ވިހެއުމަށްފަހު 15 އަހަރު ފާއިތުވާއިރުވެސް މި މައްސަލައިން އެމީހުންނަށް އަރައި ނުގަނެވި އިތުރަށް ފަލަވާކަން ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުގައި ވެއެވެ.
ކުއްޖަކު ވިހެއުމަށްފަހު މާ ބޮޑަށް ބަރުދަން އިތުރުވެ އެ ބަރުދަން ލުއި ނުކުރެވުމަކީ ސިއްހީ ގޮތުން ވަރަށް ގެއްލުންތައް ހުރި ކަމެކެވެ. ސަބަބަކީ މިގޮތަށް ފަލަވާއިރު އެންމެ ގިނައިން ސަރުބީ ޖަމާވަނީ އަންހެނުންގެ ހަށިގަނޑުގެ އެހެން ބައިތަކަށް ވުރެ ބޮޑަށް ބަނޑާއި ބަނޑުގައިވާ މުހިއްމު ގުނަވަންތަކަށް ކަމަށް ވާތީ އެވެ.

މި ދިރާސާގައި މަސައްކަތް ކުރެއްވި ރިސާޗަރަކު ބުނި ގޮތުގައި ކޮލިޓީ ދަށް ކާނާ އަށް ވުރެ ވެސް ބޮޑަށް ގޯހީ ރޭގަނޑުގެ ވަގުތުގައި ކެއުމެވެ. އެކަމުން ހަށިގަނޑަށް މާ ބޮޑެތި ގެއްލުން ވެއެވެ.

"އަހަރެމެންގެ ހަށިގަނޑު އުފެދިފައި ހުންނަ ގޮތުން ކާއެއްޗެތި ސަރުބީ އަށް ބަދަލުކުރުމާއި އެނޫންވެސް ހުރިހާ މެޓަބޮލިޒަމްގެ މަސައްކަތެއް ކުރަނީ ދުވާލު ގަޑީގައި. ރޭގަނޑު ގަޑިއަކީ އަރާމުކުރާ ވަގުތު. އެހެންވެ ރޭގަނޑު ގަޑީގައި މާ ގިނައިން ކެއުމުން އަހަރެމެންގެ ބޮޑީ ކްލޮކްގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ނުހިނގާ. އަދި އެކަމުގެ ސަބަބުން ލިވާ، ބަނޑު، ޕެންކްރިއަސް، ފެޓް ޓިޝޫގެ މެޓަބޮލިކް ރިދަމް އަށް ދަތިތައް ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.

ރޭގަނޑު މާ ލަހުން ކެއުމުގެ މާނައަކީ ނިދާ ގަޑި ވެސް ލަސްވުމެވެ. ނިދާ ގަޑި ފަސްކޮށް ނިދާ ވަގުތު މަދުކުރުމަކީ ބަރުދަން އިތުރުވުމާއި ފަލަބައްޔަށް މަގުފަހިވާ ކަންކަމެވެ.

އެސޯސިއޭޓް ޕްރޮފެސާ ޔަޕް އަދި ޑރ. ސީ ލިންގް އިރުޝާދު ދެއްވަނީ މާބަނޑު މީހުން ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށެވެ. ހޯލް ގްރެއިން، މޭވާ، ތަރުކާރީ އަދި ލޯ-ފެޓް ޑައިރީ ޕްރޮޑަކްޓްސް ހިމެނޭ ގޮތަށެވެ. އަދި ސަރުބީ ގިނަ ކާނާ އާއި ލޮނާއި ހަކުރު އަޅާފައި ހުންނަ އެއްޗެތި ކެއުން މަދުކޮށްލުމެވެ. ދުވާލަކު ގަވާއިދުން ކައި އުޅޭ ގަޑިތަކުގައި ކެއުމަކީ ވެސް މާބަނޑު މީހުންނަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި ގާ ގަޑިތަކަށް ބަދަލު ގެންނަނަމަ އަދި ރޭގަނޑު ގަޑީގައި ކާން ބޭނުން ނަމަ ވީހާވެސް ލުއި ކާނާ އަކުން ފުއްދާލަން މި ދިރާސާގައި އިރުޝާދު ދީފައި ވެއެވެ.