ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(22 ޑިސެމްބަރ 2019 އާ ގުޅޭ)

"އެހެންވީމަ އަހަރެން އިޒްވާއާ ވާހަކަދައްކާނަން" އަނިލްއަށް ޔަގީންކަން ލިބުމުން އޭނާ ކުރިއަށް ދާންވީ ގޮތް ސާފުވެއްޖެ އެވެ.

ކޮޓަރީގައި އޮންނަން ހޭޒަލް ބޭނުންވަނީ މީހުންނާ ކުރިމަތިލާން ނޭދޭތީ އެވެ. އެކަނި އޮތުމަކުން މީހާއަށް ލުޔެއް ނުލިބެ އެވެ. ޚިޔާލުތަކާއި ފިކުރުތައް މަދެއްނުވިއެވެ. ލިއަމްގެ އިޙްސާސްތައް ވަނީ ހަށިގަނޑުގައި މޫލައި ވަކިހިއްޕާލާފަ އެވެ. އުފުރާލަން ގަސްދުކުރިޔަސް އެއީ ފަސޭހަ ރަޙުމަތެއްގައި ކުރެވެން އޮތް ކަމެއްނޫނެވެ. އިމާންތެރިކަމުގެ ފިނިކަން ނަފްސު ރައްކާތެރި ކުރަން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ބުއްދީގެ ބާރު ދެރަވަމުން ދާކަން ހޭޒަލްއަށް އިޙްސާސް ކުރެވެއެވެ.

އެނދުގައި އުއްޑުން އޮތް ހޭޒަލް އަރިއަކަށް އެނބުރިލިއެވެ. ހަށިގަނޑު ގޮނިކޮށްލުމާއެކު ކަނާއަތް ގެނެސް ހިތް އޮންނަ ފަޅީގެ މޭގައި ޖައްސާ ބާރުކޮށްލިއެވެ. އޭނާގެ ވައަތުގައި ތުރުތުރެއް ހުރިއިރު އައްސިކަމެއް އިޙްސާސް ކުރެވެމުންދިޔައެވެ. އެއީ މިފަހަކަށް އައިސް އޭނާއަށް އަލަށް ވާންފެށި ގޮތެކެވެ. އެ ހިތުގައި އުފެދޭ ވަރުގަދަ ރިހުމުގެ އަސަރު ފާޅުވާ ގޮތަކީ އެއީއެވެ. ދެ ލޯ މަރާ ތަގުޅިކޮށްލުމާއެކު ކުޑަކޮށް ދުރުކޮށްލެވިފައިވާ ތުންފަތުގެ ދޭތެރެއިން އެތެރެއަށް ދަމާލައި ނޭވާ ބޭރުކުރަމުން ދިޔައީ ލަސްލަހުން އެއްހަމައެއްގަ އެވެ. ވޭނީ ކުކުރާލުމެއްގެ އަޑު ހިކިފައިވާ ތެދުންފަތުން ބޭރުވީ ހޭޒަލްގެ އިޚްތިޔާރަކާ ނުލައެވެ. އެހެންވިޔަސް އޭނާގެ ދެ ލޮލުން ކަރުނަ ފާޅެއްނުވެއެވެ. ވަގުތުކޮޅަކަށް އޭނާ އެ ގޮތުގައި ވިއެވެ. ދެން އަނެއްކާ ވެސް ހަށިގަނޑު ދަމާލައިފި އެވެ. އިޙްސާސް ކުރެވުނު ވޭނުގެ އަސަރު ފިލާ ދިޔައީ ކަހަލަ އެވެ. އޭނާގެ ނޭވާ ހަމައަކަށް އެޅިއްޖެއެވެ. މޭގައިވީ އަތްތިލަ ނަގައި އުއްޑުން ޖެހިލައި ބަނޑުމަތީ ބާއްވާލި އެވެ.

ހޭޒަލްގެ ސިކުނޑީގެ މަސައްކަތް ހިނދުކޮޅަކަށް ހުއްޓުމަށްފަހު އަނެއްކާ ވެސް މަސައްކަތް ކުރަން ފެށީ އެވެ. އޭނާ ނޫނަސް ފިރިންގެ ފަރާތުން ބޭވަފާތެރިކަމާ ކުރިމަތިލާފައިވާ ކިތަންމެ އަންހެނުންނެއް ތިބޭނޭ ހިތަށް އެރި އެވެ. އެމީހުންނަށް ވާނޭ ގޮތާމެދު ހޭޒަލްއަށް ވިސްނުނެވެ. އެފަދަ ހުރިހާ އަންހެނުން ހޭޒަލް ފަދައިން ކަންތައްކުރާނޭބާ އެވެ. ނޫނީ ކުރެވެން އޮންނާނެބާ އެވެ. އެންމެންނަކީ ނަސީބުވެރީންނެއްނޫނެވެ. ފިރިމީހާ ދޫކޮށްލާފައި އެނބުރި އަންނާނޭ ގެއެއް ގެދޮރެއް ނެތްތަނުގައި އޭނާ ބަލައިގަންނާނޭ ޢާއިލާއެއް ނެތް މީހުން ވެސް އުޅޭނެ އެވެ. ދަރީންނަކީ ވެސް އަގެއްނެތް ކައިވެންޏަކުން ސަލާމަތްވުމަށް ކުރިމަތިވާ ހުރަހެކެވެ. ދެމީހުން ވަކިވުމުން ދަރީން ބިކަވާނޭކަން އެނގިހުރެ އެ ފައިސަލާ ނިންމަން ޖެހިލުންވާ ކިތަންމެ އަންހެނަކު އުޅޭނެ އެވެ. މުޖުތަމަޢުގެ ހާލަތު ގޮސްފައި އޮތް ހިސާބުން އެއީ މީހާގެ އެންމެ ބޮޑު ދުޝްމިނެވެ. ތިމާގެ ދިރިއުޅުމަށް މީހަކު ފާޑެއް ކިޔާކަށް ބޭނުމެއްނޫނެވެ. އެކަމަކު އަނެކާގެ ކަންކަމަށް ގޮތްކިޔަން އެހާމެ ޤާބިލުވެފަ ކުޅަދާނަ އެވެ. އެގޮތަށް އެކަން ނުކޮށްފިއްޔާ ދެން އެވީ އެމީހަކީ ބަލިކަށި ގޮތްދޫނުކުރާ ރަނގަޅު ގޮތެއްވާން ނޭދޭ މީހަކަށް ހެދުމެވެ.

ހޭޒަލް އެކަނިވާން ބޭނުންވިޔަސް އޭނާއަކީ އެކަނިވެރިއެއްނޫންކަން އެނގެއެވެ. އޭނާ އެނބުރި އަންނާނޭ ޢާއިލާއެއް އެބައޮތެވެ. އެމީހުންނަކީ ހޭޒަލް ދެކެ ލޯބިވާ ބައެކެވެ. ކޮންމެ ހާލެއްގައި ވެސް ހޭޒަލްއާއެކު ތިބޭނޭ ބައެކެވެ. ފިރިމީހާ ގާތުން ވަރިވާން ބޭނުންވެ އެ ނިންމުމުގައި ސާބިތުވެވުނީ ވެސް އެހެންވެ އެވެ. އެކަމަކު ހުރިހާ އަންހެނުންނަށް އޭނާއަށް ލެއްވި ރަޙުމަތެއްނުވެ އެވެ. ވަރިވާން ބޭނުންވެ ނުވެވިފައި ވެސް އެތައް އަނތްބަކު ތިބޭނޭ ހޭޒަލްގެ ހިތަށް އެރިއެވެ. ފިރިންގެ ބޭވަފާތެރިކަން އެނގޭއިރު ވެސް އެމީހުން ދޫކޮށްލާފައި ދެން އަންނަން އޮތީ އެއަށްވުރެ ދަތި ހަރުކަށި ދިރިއުޅުމަކަށްކަން އެނގޭތީ އެގޮތް ބޭނުން ނުވެފައި ވެސް ކިތަންމެ އަންހެނަކު ތިބޭނެކަން ގައިމެވެ. ޚިޔާލުތަކުގައި އޮވެ ހޭޒަލްއަށް އޭނާގެ ބަނޑުގައި ފިރުމާލެވުނެވެ. ލޯ ހުޅުވާލައިފަ ވެސް މަރާލީ ޖަޒުބާތުތައް ދިރުވާލައި ފޮރުވާލުމުގެ ހަރަކާތެއްގެ ގޮތުންނެވެ.

ލިއަމް ވަނީ އެކި ގޮތްގޮތުން ހޭޒަލްއާ ބައްދަލުކުރަން މަސައްކަތް ކޮށްފައެވެ. ހޭޒަލް އެގޮތް ނޭދޭކަން އޭނާގެ ޢާއިލާއަށް އެނގެއެވެ. އެމީހުން އޭނާ ރައްކާތެރިކޮށްދެ އެވެ. ހޭޒަލްގެ ނުގަބޫލުގައި އޭނާއާ ލިއަމް ބައްދަލުކުރާނޭ ފުރުޞަތެއް އެމީހުން ނުދެ އެވެ. ހޭޒަލްއަށް ނުވިސްނޭކަމަކީ އަދިވެސް ލިއަމް އޭނާ ބޭނުންވާ ސަބަބެވެ. އެ ދެމެދުގައި އޮތް ހުރިހާ ގުޅުމެއް ނެތި ދިއުމުން ވެސް އެކަން ޤަބޫލުކުރަން ލިއަމް ބޭނުންނުވަނީ ކީއްވެކަމެއް ހޭޒަލްއަކަށް ނުވިސްނެ އެވެ.

ފަތިހުގެ ވަގުތެވެ. އައު ދުވަހަކަށް ދުނިޔެ ކުރިމަތިލަނީއެވެ. އުދަރެހުން އިރުގެ ފުރަތަމަ ދޯދި ތައް ފާޅުވެލި ނަމަވެސް އެ އަލިކަން ފަނޑުކޮށްފައިވަނީ ބައްދަމުން އަންނަ ބޯކަޅު ވިލާތަކުންނެވެ. ފުޅާ ބެލްކަނީގައި ހުރި ގޮނޑީގައި ހޭޒަލް އިނެވެ. އެތަނަށް ނިކުތް ސާއިރާގެ އަތުގައި އޮތް "ބްލޭންކެޓް ޝޯލް" ގޮނޑީގައި އިން ހޭޒަލްގެ ގައިގާ އޮޅާލަ ދިނެވެ. ވިއްސާރަވާން އުޅޭއިރު އެތަނުގައި އެހާ ގިނައިރު ނީނުމަށް ހޭޒަލް ގާތު ސާއިރާ ބުނެލިއެވެ. ހޭޒަލް ބޯޖަހާލީ އެވެ. ރޭގައި އޭނާއަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގުނަސް ދެ ލޯ މެރުނީ ކުޑަ ވަގުތުކޮޅަކަށްކަން އެނގެއެވެ. ހަތަރުގަޑި ބައިވީއިރު އަނެއްކާ އޭނާއަށް އޮތީ ހޭލެވިފައެވެ. އޭރުއްސުރެ އޭނާ އެ އުޅެނީ ހޭލައެވެ.

"ސާއިރާ..." ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކައިރީ މަޑުކޮށްލައިގެން ރިޒްވާން ހުއްޓެވެ.

ހޭޒަލްގެ ނަޒަރު ރިޒްވާނަށް ހުއްޓުނެވެ. ސާއިރާއާ ކުރިމަތިލައިގެން ހުރެ ހިނިތުންވެލުމާއެކު ރިޒްވާނު ހިފައިގެން ހުރި ދެ ޖޯޑު ސާއިރާއަށް ދިއްކޮށްލިއެވެ. އެ ހަރަކާތާއެކު އޭނާ ސާއިރާއާ ގާތްވެލައި ނިތުގައި ބޮސްދީފިއެވެ. އެ ދެމެދުގައި އޮތް ގާތްކަމާއި ލޯބި ހޭޒަލްއަށް ފެނެ އެވެ. އޭނާގެ ހިތުގައި ޖެހޭގޮތްވި އެވެ. ރިޒްވާނާ މެދު ސުވާލު އުފެދުނެވެ. އޭނާ ސާއިރާއަށް ކަމެއް ސިއްރުކޮށްފާނޭބާއޭ ހޭޒަލްގެ ހިތަށް އެރި އެވެ. މިހާ ދުވަހު އޭނާގެ މަންމައަށް ރިޒްވާނާއެކު އުފާވެރި ދިރިއުޅުމެއް ލިބުމުގެ ސިއްރަކީ ކޮބާބާއޭ ވެސް ހޭޒަލްގެ ހިތަށް އެރި އެވެ. ދިރިއުޅުން ކާމިޔާބުވާނީ ނުކުޅެދޭ މީހަކަށޭ ހޭޒަލް ސިކުނޑި ބުންޏެވެ. ލޮލަށް ފެންނަ ކަންފަތަށް އަޑުއިވޭ މީހަކަށް ކޮންމެކޮންމެ ކަމަކަށް ކެތްނުވާނޭތީ އެވެ.

ހޫނުކޮށް ހުރި ކޮކޯ ޖޯޑު ގެނެސް ހޭޒަލް ކަނާތުގެ ތެރެއަށް ސާއިރާ ލައިދިނެވެ. އެއާއެކު ދެއަތުން އެ ޖޯޑުގައި ހޭޒަލް ހިފާލައިފި އެވެ. ސާއިރާގެ ހޫނު ކޮފީ ޖޯޑު ހިފައިގެން ހޭޒަލްގެ ގާތުގައި މަޑުކޮށްލި އެވެ. ވަގުތުކޮޅަކަށް ރިޒްވާން އެ ދެމައިންނަށް ބަލަން ހުރެފައި އެތެރެއަށް ވަދެއްޖެ އެވެ. އެތަންވަޅު ހޭޒަލް ބަލާލީ އޭނާގެ މަންމައަށެވެ. މެޔާ ހަމައަށް ދެއަތުން ޖޯޑު އުފުލާލައިގެން ސާއިރާ ހުރީ ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. ހޭޒަލް މަޑުމަޑުން އޭނާގެ މަންމައަށް ގޮވާލި އެވެ. ސާއިރާގެ ސަމާލުކަން ވަގުތުން ދަރިފުޅަށް ދެވުނެވެ. އެއްޗެކޭ ބުނަން ނުބުނަން އުޅޭ ފަދަ ފަސްޖެހުމެއް ހޭޒަލްގެ މޫނުން ފާޅުވި އެވެ. ސާއިރާ ކެތްތެރިވި އެވެ. ލުއި ހިނިތުންވުމެއް ދަރިފުޅާ ބަދަލުކޮށްލިއެވެ. އޯގާތެރިކަމާއެކު ހޭޒަލްގެ ބޮލުގައި ވައަތުން ފިރުމާލިއެވެ. ދައުރުވަމުންދާ ފިނިފިނި ވައިރޯޅީގައި އެ މޫނުމައްޗަށް އިސްތަށްޓެއް ވެއްޓެން ނޭދޭ ފަދައިން ހޭޒަލްގެ ކަންފަތް ދޮށަށް އިސްތަށިތައް ލައްވާލަ ދިނެވެ.

"މަންމަ... މި ރިލޭޝަންޝިޕްގަ ހެޕީތަ؟" ހޭޒަލް ކުރީ މީގެ ކުރީން ދުވަހަކުވެސް ނުކުރާ ސުވާލެކެވެ. މިހުރިހާ ދުވަހު ހޭޒަލް އެ ސުވާލުނުކުރީ ސާއިރާގެ ފުށުން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އަސަރުނޫނީ ނުފެންނާތީ އެވެ. އެވަގުތުވީ އެ ދެމައިންނާ ބައިވެރިވާން އެތަނަށް ރިޒްވާނު ވެސް ކޮފީޖޯޑު ހިފައިގެން އައި ވަގުތެވެ. ދޮރުމަތީ ހުރެފައި އޭނާއަށް ޖެހިލެވުނީ ގޭތެރެއަށެވެ. އެވަގުތު އޭނާ ފެނިއްޖެނަމަ ހޭޒަލް ދައްކަން ގަސްދުކުރާ ވާހަކަ ހުއްޓާލާނޭކަން ރިޒްވާނަށް ޔަގީންވެ އެވެ.

"ވަރަށް ހެޕީ... ޒެއްލު ހިތްހަމަނުޖެހޭތަ ރިޒްވާނާމެދު، މަންމަގެ ކުދީންގެ ރުހުން ލިބިގެން އާ ދިރިއުޅުމެއްފެށީ، އަނެއްކާ އެއީ ދަރިފުޅު މަންމައަށް ޓަކައި ކޮށްދިންކަމެއްތަ؟" ސާއިރާ އެނބުރިލައި ހޭޒަލްގެ ކުރިމަތީގައި ހުއްޓިލި އެވެ.

"މަންމަ އޭނާއަށް އިތުބާރުކުރަންތަ؟... ހިތަކަށް އެއްފަހަރުވެސް ނާރާތަ އޭނާ ދޮގު ހަދާ މަންމައަށް އޮޅުވާލަފާނޭ، އޭނާ ލޯބިވާކަމަކަށް ހެދެނީނޫންކަމެއް ވެސް ނޭނގެއެއްނު" ހޭޒަލްއަށް ބުނެވުނެވެ. ސާއިރާ ހުރީ އަޖައިބުވެފަ އެވެ. ހިނދުކޮޅަކަށް އޭނާ ބަސްހުއްޓުނީ އެވެ. ހޭޒަލް އެފަދަ ނަޒަރަކުން ރިޒްވާނާ މެދު ދުށީ ކީއްވެކަމާ މެދު ސާއިރާ ސުވާލު އުފެދުނެވެ.

"ޒެއްލު!... ދަރިފުޅު ބުނަން އުޅޭ އެއްޗެއް މަންމައަކަށް އަދި ސާފެއްނުވި" ސާއިރާގެ އަޑުގައިވީ ހައިރާންކަމެވެ. ނަމަވެސް އެ އަޑުއިވުނު ރިޒްވާނުގެ ތޫނު ވިސްނުން ކަމެއް ދެނެގެންފިއެވެ. އިސްޖަހާލެވުމާއެކު ރިޒްވާނު ހިފަހައްޓާލައިގެން ހުރި ކޮފީޖޯޑުގައި އަނެއް އަތްތިލަ ގެނެސް ދެއަތުން ހިފަހައްޓާލައި ބާރުކޮށްލި އެވެ. ނުސީދާކޮށްވިޔަސް ހޭޒަލް އެ ދައްކާ ވާހަކައިގެ އަސްލު ގުޅިފައިވަނީ ކޮންކަމަކާކަން ރިޒްވާނަށް އެނގުމުން އޭނާ އިންތިހާއަށް މާޔޫސްވެއްޖެ އެވެ. ހޭޒަލް އެއްވެސް ކަމެއް އޭނާއާ ޙިއްޞާނުކުރާނޭކަން އެނގެ އެވެ. އެހެންވިޔަސް ރިޒްވާނަށް އެއީ އޭނާގެ އަންހެން ދަރިފުޅެވެ. އެ ދަރިފުޅުގެ ކައިވެނި ރޫޅި ދިރިއުޅުންދެކެ ފޫހިވެ މާޔޫސްވެފައިވާއިރު އެ ވޭނުގައި އެކަނިވާން ދޫކޮށެއްނުލެވޭނެ އެވެ. އެއްވެސް ބަފައަކަށް އަންހެންދަރިފުޅުގެ އެ ހިތްދަތިކަން ދުށުމަށް ކެތެއްނުވާނެ އެވެ. އޭނާ ހޭޒަލްއަށް އެހީވާނެ އެވެ. ބަދަލުގައި ރުޅިއާއި ނަފުރަތާ ކުރިމަތިލާން ޖެހުނަސް ރިޒްވާނުގެ ފަރުވާލެއްނެތެވެ.

"އެއްވެސް މީހަކަށް މާބޮޑަށް އިތުބާރުކުރާކަށްނުވާނެ" ހޭޒަލްގެ އަޑު މަޑެވެ. އެހެންނަމަވެސް ސާއިރާ ހުރީ ދަރިފުޅުގެ ވާހަކަތަކަށް ފަރުވާތެރިވެ އެވެ.

"ޒެއްލުގެ ވާހަކަ މަންމަ ޤަބޫލުކުރަން، ދަރިފުޅު ކަންބޮޑުނުވޭ، ރިޒްވާނު ލޯބިވަނީ ހަމައެކަނި މަންމަދެކެއެއްނޫން، އާތިޝްއާއި ޒެއްލު ދެކެ ވެސް އޭނާ ވަރަށް ލޯބިވޭ، މަންމައަށް އޭނާ އެންމެ ކަމުދިޔައީ އެހެންވެ، އޭނާގެ ވިސްނުން އަބަދުވެސް ހުރީ އަހަރެމެން ތިންމައިންނާ ގުޅިފައި، މިއަދު އޭނާގެ ވެސް އަހަރެމެންނޫން ބަޔަކުނެތް... ޚާއްޞަކޮށް ޒެއްލުއަކީ މަންމަގެ އެންމެ ކުޑަދަރިފުޅަށްވާތީ އެ ލޯބި ރިޒްވާނުގެ ހިތުގައި ވެސް ވޭ" ސާއިރާ ވާހަކައިގަ ހުރެ ކުރިއަށް ޖެހިލައި ހޭޒަލްގެ ކޯތާފަތުގައި ކަނާއަތްތިލަ ޖައްސާލި އެވެ.

* * * * *

މޫނުގެ ކުލަވަރު ބަދަލުވެގެން ދިއުމާއެކު ސައިފްއަށް ދަތްކުނޑިވިކާލެވުނެވެ. އޭނާ އައިސް އެޕާޓްމެންޓަށް ވަންއިރު ސިޓިންރޫމު ސޯފާގައި ތިބި ދެ އަންހެން ކުދީން ފެނުނެވެ. މޫނުގެ ކުލަވަރު ބަދަލުވީ އެހެންވެ އެވެ.

"ސައިފް...ކޮކީ.." ސޯފާގައި އިން ނީލަމް ގޮވާލި އެވެ. ސައިފްގެ އަތުގައި ހިފައިގެން ހުރި ކުޑަކުއްޖާ ދުއްވައިގަތީ ބަދިގެއާ ދިމާއަށެވެ. ސައިފް ބޯޖަހާލި ނަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ ނީލަމްއާއެކު ސޯފާގައި އިން ވީރާ އަށެވެ. މަޑުކުރުމެއްނެތި ކޮޓަރިއާ ދިމާއަށް އޭނާ ދިޔައެވެ. އެވަގުތު ބަދިގެތެރެއިން ޔަޝްފީ ނުކުމެގެން އާދެ އެވެ.

"ސައިފް" ޔަޝްފީ އޭނާގެ ފިރިމީހާއަށް ގޮވާލި އެވެ. އެހެންނަމަވެސް ސައިފް ހަލުވިކޮށް ގޮސް ކޮޓަރިއަށް ވަނީ އެވެ. އޭނާ ދެން ގޮވާލީ ސޯފާގައި އިން ނީލަމް އަށެވެ. ނީލަމްއަކީ ޔަޝްފީގެ ރައްޓެއްސެކެވެ. ވީރާއާ ބައްދަލުވީ އޮފީސްތަކުގެ މެދުގައި ހަފްތާއަކަށް ހިންގި ލަނޑުދަނޑި ހާސިލުކުރުމާބެހޭ ވޯކްޝޮޕަކުންނެވެ. ނީލަމްއާ ގާތްކަމެއް ވީރާ އުފެއްދީ ސައިފްއަށް އޭނާ އެނގޭތީ އެވެ. ނީލަމްއަކީ ސައިފްއަށްވުރެ ބޮޑަށް އޭނާގެ އަންހެނުންގެ ރައްޓެއްސެއްކަން ވީރާއަށް އެނގުނެވެ. އޭނާ އެހިސާބަށް އަންނަން ގަސްދުކުރީ ސައިފް އޭނާއަށް ސަމާލުކަން ދޭލެއް ކުޑަވީމަ އެވެ. ކޮންމެ ގޮތަކުން ވެސް ވީރާ ބޭނުންވަނީ ސައިފް އެވެ. ސައިފް އަބަދުވެސް އޭނާގެ އަނބިމީހާއާ ނުގުޅޭކަން ފާހަގަކުރެއެވެ. އެކަމަކު އެ ދެމީހުން ވަކިނުވަނީ ދަރިފުޅަށް ޓަކައިކަން ވެސް ބުނެ އެވެ. ވީރާއަށް އެކަންކަން އާ ނަމަވެސް އޭނާ ހުރީ ސައިފްއާއި އޭނާގެ ދަރިފުޅު ބަލައިގަންނަން ތައްޔާރަށެވެ. އެކަމަކު އޭނާއަކީ ދެއަނތްބަށް ކައިވެންޏެއް ކުރާނޭ ޒުވާނެއް ނޫނެވެ. އެހެން އަންހެނަކާ ސައިފް ޙިއްޞާކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އެހެންވެ އޭނާގެ ވިސްނުން ހުރީ އެންމެ ރަނގަޅު ދިމާއަކަށް ނޫނެވެ. ސައިފްއާއި ޔަޝްވީ ވަކިވާންވީ ވަގުތު ޖެހިއްޖެކަން ކަނޑައެޅީ ވީރާ އަމިއްލަ އަށެވެ. ސައިފްގެ ދިރިއުޅުމުން ޔަޝްފީ ބޭރުކޮށްލުމުގެ މަސައްކަތް ފެށުމަށް ވީރާ ހުރީ އަތުކުރި އޮޅާލައިގެން ފުރިހަމަ ތައްޔާރުވެ އެވެ. ނީލަމްއާއެކު ބަދަހިވަމުން ދިޔަ އެކުވެރިކަން ސައިފްއަށް އެންގުން މުހިންމުނޫންކަން ވެސް ވީރާ ނިންމީ އެހެންވެ އެވެ.

"އާދޭ ސައިބޯން..." ޔަޝްފީ ބުންޏެވެ.

"ސައިފް ޖިމަށް މިހާރު ދަނީ ކޮކީ ގޮވައިގެންތަ؟" ބަދިގެއަށް ވަންނަމުން ނީލަމް އަހާލިއެވެ.

"ޖިމަކަށްނޫން، ހިނގާލަން އެ ދިޔައީ... ބަންދު ދުވަސްދުވަހު ހެނދުނު ހެނދުނާ އެމީހުން ނުކުންނާނެ، ކަސްރަތުކުރާ ކިޓުގަ ނުކުންނާނީ" ހިނިއައިސްފައި ހުރެ ޔަޝްފީ ބުންޏެވެ.

"ޔަޝްފީ ނުދަންތަ؟" ވީރާ އެއްސެވެ. ޔަޝްފީގެ ނަޒަރު ވީރާއާ އަމާޒުވި އެވެ. އޭނާ ދެފަރާތަށް ބޯހޫރާލި އެވެ.

"ސައިފް ވަރަށް ބުރަކޮށް އުޅޭނީ، އެވަގުތު ކޮޅަކީ ފާދާއެންޑް ޑޯޓާ ވަގުތުކޮޅެއް... މުޅި ދުވަހުހެން ހަނާ އުޅޭނީ އަހަންނާއެކު" ޔަޝްފީ ބުންޏެވެ.

"ނިދަން ނުތިބެ މިހާ ހެނދުނާ ކޮންތާކަށް ތިދަނީ" ޔަޝްފީ ސުވާލު އަމާޒުކޮށްލީ ނީލަމްއާ އެވެ.

"އަހަރެމެން ވެސް ދުވަން ނުކުމެފަ... އެމާޖެންސީވެގެން އެންމެ ކައިރީގަ ހުރީ މިގެވީމަ މިއައީ، ނަސީބެންނު ޔަޝްފީ ހޭލާ އުޅޭކަން، އެހެންނޫނީ މިއަދު ގަޔަށް ލެވިގެން ހުރެ ގެއަށް ދާން ޖެހޭނީ" ނީލަމް ހީނލި އެވެ.

"އޭތް!... ތި މީހުން ދުވަންދާއިރު އަހަރެން ވެސް ގެންދަންވީނު" ޔަޝްފީ އެދުނެވެ.

"އަހަންނަށް ވެސް މިދެވެނީ ވީރާގެ ހިތްވަރުން" ނީލަމް ބުންޏެވެ.

"އަހަރެންގެ މައްސަލައެއްނެތް... ދަރިފުޅު ބަލަމުން ޔަޝްފީއަށް ދެވޭނެތަ؟... މިގެއިން އިތުރު ބަޔަކު ނުފެނޭ" ވީރާ ބުންޏެވެ. އޭނާ އެ އެޕާޓްމެންޓަށް ވަނީއްސުރެ އޭނާގެ ނަޒަރު އެގޭގެ އެކިދިމާއަށް ހުއްޓެމުންދިޔަ އެވެ.

ޔަޝްފީގެ ވާހަކައިން އެގެއަކީ އޭނާގެ މައިންބަފައިންގެ ގެ އެވެ. އޭނާއާއެކު އެއްބަނޑު އެއްބަފާ ތިންކުދީން އެ ޢާއިލާގައި ތިބެއެވެ. ކޮންމެ ކުއްޖަކަށް ގެއިން އެޕާޓްމެންޓެއް ދީފައި ހުރި ކަމެވެ. ޔަޝްފީ ތަނަކަށް ދާން ޖެހިއްޖެނަމަ އެއިން ބަޔަކަށް ދަރިފުޅު ލާފައި ދަނީ ކަމަށް އޭނާ ބުންޏެވެ. ސައިފް ގޭގައި ހުރިއްޔާ އޭނާ ވެސް ދަރިފުޅު ބަލާދޭކަން ޔަޝްފީ ބުންޏެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ދަރިފުޅު ގޮވައިގެން ތަންތަނަށް ދާނީ ސައިފްކަން ޔަޝްފީގެ ވާހަކައިން އެނގުނެވެ. ފަޚުރުވެރިކަމާއެކު ފިރިމީހާއަށް ޔަޝްފީ ތާރީފުކުރި އެވެ. އޭނާއަށް އެއްވެސް ވަރަކަށް ވީރާއަކީ އެގެއަށް އޭނާގެ ދިރިއުޅުމަށް ޖާސޫސް ކުރަން އައިސް އިން މީހެއްކަމެއް ނޭނގެއެވެ. ހިނިތުންވުމަކާއެކު ދިރިއުޅުމުގެ ވާހަކަތައް ހާމަކުރީ މާބޮޑުކަމެއްކަމަށް ނުދެކި އެވެ. ނޭނގުމެއްގައި ވިޔަސް ތިމާ ހާމަކުރާ ކަންކަމުގެ ސަބަބުން ހަސަދަވެރިންނާއި ދުޝްމަނުންނަށް އަމިއްލަ ދިރިއުޅުމަށް ވަނުމަށް ދަޢުވަތު ދެވެ އެވެ. ކޮންމެކޮންމެ މީހަކާ ކަންކަން ޙިއްޞާކުރަން ނުވާނީ އެހެންވެ އެވެ. އަމިއްލަ ސަލާމަތަށެވެ. ވީރާގެ ހިތް އޭނާއާ މެދު އޮތް އެނގޭނަމަ ޚުދު ޔަޝްފީ ވެސް އެހާ ހާމަކަން ބޮޑުކޮށް ދިރިއުޅުމުގެ އެއްވެސް ކަމެއް ޙިއްޞާއެއް ނުކުރީހެވެ.

ވީރާގެ ފުރިހަމަ ސަމާލުކަން ޔަޝްފީއަށް ދެވިފައި ވެއެވެ. އޭނާގެ ކޮންމެ ހަރަކާތަކާއި ބޭރުފުށަށް ފެންނަ ސޫރައާއި އަޅާފައި ހުރި ހެދުމަށެވެ. އުމުރުން ދުވަސްވީ ސިފައެއް އެއްގޮތަކަށް ވެސް ޔަޝްފީ ގައިގަ ނުޖަހަ އެވެ. ހެނދުނުގެ އެ ވަގުތުގައި އޭނާ ހުރީ އަތްކުރު ޓީޝާޓުކޮޅަކާއި ސޯޓުބުރިއެއްގަ އެވެ. ބޮލުމެދަށް ހުޅިއެއް ޖަހާލާފައެވެ. ކާމޭޒުމައްޗަށް ބަލާލުމުން ޔަޝްފީއަކީ ކައްކަން އެނގޭ މުރާލި އަންހެނެއްކަން ޔަގީންވެ އެވެ. ބޮޑާކަމެއް އޭނާގެ ނެތަސް ވީރާ ޤަބޫލުކުރީ ޔަޝްފީ ކަންދައްކަނީ ކަމުގަ އެވެ. ބަޔަކު އައުމުން ދިރިއުޅުމުގައި ހުރި އުނިކަން ފޮރުވަން އޭނާ މަސައްކަތް ކުރަނީ ކަމުގަ އެވެ. އެއްމިޔަކަނުން ވީރާގެ ތުންފަތް ދެމިލީ މަލާމާތުގެ ގޮތަކަށެވެ. ރޫޅި ފުނޑުފުނޑުވަމުންދާ ގުޅުމެއް ސަލާމަތްކުރުމަށް ކުރާ މަރާމާތަކުން އިހު ހުރި ގޮތަކަށް ބަދަލެއްނުވާނޭ ވީރާގެ ހިތް ބުނެ އެވެ. ޔަޝްފީ އެކުރަނީ ބޭކާރުކަމެކޭ ވީރާއަށް ހީވި އެވެ. އެހެންވިޔަސް އޭނާގެ މަޤުޞަދަކަށްވީ ޔަޝްފީއާ ގުޅުން ބަދަހިކުރުމެވެ. ހުރިހާ ސިއްރުތަކެއް ހޯދޭހާ ގާތްކަން ބޭއްވުމެވެ. އޭނާގެ އެ ޢަމަލުން ސައިފް ކަންބޮޑުވީވަރެއް ވީރާއަށް ކުޑަކޮށް ވެސް ނޭނގެ އެވެ.

* * * * *

ރިޒްވާނަށް ސިއްރުން ބަލަން ހުރި ހޭޒަލްއާ އޭނާގެ ނަޒަރު ސީދާ ވިއެވެ. އެއާއެކު ފެނުނީ ނިކަން އަވަހަށް ހޭޒަލް ކޮޓަރިއަށް ވަންނަން ދިޔަ ތަނެވެ. ރިޒްވާނު ސޯފާއިން ތެދުވެގެން އައެވެ. ހޭޒަލްގެ ކޮޓަރިއާ ހަމައަށް އާދެވުނު އިރު އޭނާ އެތެރެއަށް ވަދެ ދޮރު ލައްޕައި ފިއެވެ. ރިޒްވާނު މަޑުމަޑުން ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ. ރިޒްވާނު ކަމާއި އެތެރެއަށް އެބަ ވަންނަން ކަމުގައި އޭނާ ބުންޏެވެ. ދޮރު ހުޅުވާލުމުން ރިޒްވާނަށް ފެނުނީ އެނދުގެ އެއްފަރާތެއްގަ ހޭޒަލް އިން ތަނެވެ. ލަސް ގޮތަކަށް ރިޒްވާނު ދޮރުފަތް ކައިރިކޮށްލި އެވެ. އެހެންނަމަވެސް ދޮރެއް ނުއެއް ލައްޕަ އެވެ. ދެން އޭނާ އައިސް ހޭޒަލްގެ ގާތުގައި އެނދުގައި އިށީނދެއްޖެއެވެ. އޯގާތެރިކަމާއެކު ހޭޒަލްއަށް ގޮވާލިއެވެ. ހާލު އޮޅުންފިލުވާލި އެވެ. ހޭޒަލް އެދޭނަމަ މާޙައުލު ބަދަލުކޮށްލަން ގަސްދުކުރާކަން ރިޒްވާނު ބުންޏެވެ. ދުވަސްކޮޅަކު މާލެއާއި ރާއްޖެއާ ދުރުގައި އުޅުން ކިހިނެއްތީވާނީ ރިޒްވާން އެއްސެވެ. ޢާއިލާގެ ހުރިހާ މެންބަރުން އެކުގައި ދާނީކަން ވެސް ރިޒްވާން ބުންޏެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ހޭޒަލް ވަކިއެއްޗެއް ނުބުންޏެވެ. އޭނާ ވަކިން ބޮޑަށް އިސް އޮބާލި އެވެ. ކަނާއަތުން ވައަތުގެ އިނގިލިތަކާ ކުޅެންފެށުމާއެކު ކޮންމެވެސް ކަމަކާ އޭނާ ޖެހިލުންވާކަން ރިޒްވާން ދެނެގަތެވެ.

"އަހަރެން އައުމުން ހޭޒަލްއަށް އުނދަގޫވީތަ؟" ރިޒްވާން އަހާލީ މަޑުމަޑުން ލަސްލަހުންނެވެ. ހޭޒަލް ދެފަރާތަށް ބޯހޫރާލި އެވެ. އޭނާ ރިޒްވާނު ގާތު ސުވާލެއް ކުރަން ބޭނުންވެ އެވެ. އެހެންވިޔަސް އެއީ އެ މަޤާމުގައި ހުންނަ މީހަކާ ކުރަން ލަދުވެތި ސުވާލު ތަކެކެވެ. ނުކެރިފައި އިނދެ ވެސް ހޭޒަލް ވާހަކަދެއްކި އެވެ. ރިޒްވާނު ސިހުނީ ހަޔާތުގައި ދުވަހަކުވެސް ނުސިހޭވަރަށެވެ. ހޭޒަލްގެ ސުވާލު އަމާޒުވީ ދުވަހަކުވެސް ރިޒްވާނުގެ ވިސްނުން ހިންގާފައިނުވާ ދިމާއަކަށެވެ.

(ނުނިމޭ)