ކުރީގެ ރައީސް އަބުދުﷲ ޔާމިން ޖަލަށްލީ މި ސަރުކާރުގެ ލާދީނީ އެޖެންޑާ ކުރިޔަށް ގެންދިއުމަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނާއި ދެކޮޅަށް އިއްވާފައިވާ ޖަލު ހުކުމާއި ދެކޮޅު ހެދުމުގެ ގޮތުން ޕްރޮގްރަސިވް ކޯލިޝަނުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރައީސް ޔާމީނަކީ ޕޯޑިއަމްއަކަށް އަރުއްވާ ކޮންމެ ފަހަރަކުވެސް މި ގައުމުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނޯންނާނެ ކަމަށް ވިދާޅުވަމުން ގެންދެވި ބޭފުޅެއް ކަމަަށެވެ.
"އެމަނިކުފާނު އެކަހެރިކޮށްގެން ނޫނިއްޔާ މިބައި މީހުންގެ މި ލާދީނީ އެޖެންޑާ ކުރިޔަކަށް ނުގެންދެވޭނެ. މިއަދު ފެނިގެން މިދަނީ އެމަންޒަރު. އާދެ، ބޭރުގެ ފަރާތްތަކެއްގެ ރޭވުންތެރިކަމާއެކު މިތަނުގައި މިހިންގާ ކަންކަމަކީ މިއީ ހަމަ ނޭގި ހިނގާ ނޫނިއްޔާ އަޅުގަނޑުމެން އަޅާ ނުލާ ތިބެގެންވާނެ ކަންކަމެއް ނޫން" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ފެނިގެންމިދަނީ އިސްލާމްދީނަށް ރާއްޖޭގައި ތަފާތު ގޮންޖެހުންތައް ދިމާވެފައިވާ މަންޒަރު ކަމަށާއި، ދީނުގެ އިލްމުވެރިންގެ އަގުވެސް ވެއްޓިފައިވާ ކަމަށެވެ. ސަރުކާރުން ލިބޭ އިނާޔަތަކަށް ތިން ހަތަރު ޝޭހުން ވެގެން މިކަންތައްތައް އޮޔާދާން ދޫކޮށްލުމުގެ ސަބަބުން، އާންމު ރައްޔިތުންގެ ތެރޭގައި ކަންބޮޑުވާންޖެހޭ ދަރަޖައަކަށް ޝޭހުންނާއި މެދު ނަފްރަތު އުފެދިފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"ރަށްރަށުގައި ބައެއްފަހަރު އެބަ އަޑު އިވޭ އެބައިމީހުން ދައްކާ ވާހަކަ އަޑު އަހާނެ ކަމެއްނެތޭ ބުނާ އަޑު. މިއީ މިގައުމުގައި މިދަންނަވާ ލާދީނީ އެޖެންޑާ ފަތުރަން، މިބައިމީހުން މި ރާވާ ރޭވުންތަކުގެ ތެރެއިން ހިންގާ ކަންތައްތަކެއް. އިލްމުވެރިންގެ އަގު މިގައުމުގެ ވެއްޓުމުން އެބައިމީހުންގެ އަޑު މިގައުމުގައި ނާހާ ހިސާބަށް ދިއުމުން މިގައުމުގައި އިސްލާމްދީން ނޫން ދީންތައް ފަތުރަން ފުރުސަތު ލިބިގެންމިދަނީ" މުއިއްޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިލްމުވެރިން އެއްބަޔަކު އަނެއްބަޔަކާއި ޖެއްސުމުގެ ކަންތައްތަކެއް މިހާރު ހިންގަމުންގެންދާ ކަމަށާއި، އެކަންކަމާއި ލޯމަރާލައިގެން ތިބެގެން ނުވާނެ ކަމަށެވެ. އަދި މިގައުމުގެ ކަންކަން މިހާރު މިދަނީ އެމީހުން ބޭނުންވާގޮތަށް ވަރަށް ބާރު ސްޕީޑްގައި ކަމަށެވެ.