ހަބަރު

ވަޒީރުންގެ މަޖިލީހުން މުހިންމު ނިންމުންތަކެއް

ރިވައިސްޑް ކިޔޯޓޯ ކޮންވެންޝަން (އާރުކޭސީ)ގައި ސޮއިކުރުމާއި، އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕްކަސް) ގައި ބައިވެރިވުމާއި، ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ) މުއާހަދާގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޒްތައް ނެގުމަށް މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރިވައިސްޑް ކިޔޯޓޯ ކޮންވެންޝަން (އާރުކޭސީ) ނުވަތަ "ދަ އިންޓާނޭޝަނަލް ކޮންވެންޝަން އޮން ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖާރސް" މުއާހަދާ އަކީ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ)ގެ މުއާހަދާއެކެވެ. އާރުކޭސީ އަކީ ކަސްޓަމުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައިގަނޑު އަސާސްތަކާއި ސްޓޭންޑާޑްތައް ބަޔާންކުރާ ޑަބްލިއުސީއޯގެ މުއާހަދާއެކެވެ. އާރުކޭސީގެ މަގްސަދަކީ، ދޭދޭ ގައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮށް، ލުއިފަސޭހަކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރެވޭނެ ގޮތުގެ މަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމެވެ.

އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕްކަސް) ކޮމިޝަން އުފެއްދުމުގެ މަގްސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސް ހިސާބުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރިޔަށްގެންދަވާ އިސް ފަރާތްތައް އެއްމާހައުލަކުން ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ގޮތުން މި ސަރަހައްދުގެ ކާނާއާއި ދަނޑުވެރިކަމުގެ ތަފާސްހިސާބުގެ ހާލަތު ވަޒަންކުރުމުގެ ގޮތުން ތަފާސް ހިސާބުގެ ނިޒާމު ހަރުދަނާކުރުމަށް ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ކަމާބެހޭ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) ގެ ފަންނީ ބޭފުޅުންނާ ހިއްސާކުރުމަށް ކޮންމެ ދެ އަހަރަކުން އެއްއަހަރު އެ ކޮމިޝަނުގެ ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ.

ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ) މުއާހަދާގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޒްތައް ނެގުމަށްވެސް މިއަދު ބޭއްވި ވަޒީރުންފެ މަޖިލީހުން ލަފާދެއްވާފައިވެއެވެ. އެގޮތުން ސީޑޯގެ 16ވަނަ މާއްދާގެ އެކެއް ގެ ބީ، އީ، ޖީ، އެޗް އަދި އެ މާއްދާގެ ދެވަނަ ވަނަ ނަމްބަރަށް ދިވެހި ދައުލަތުން ކޮށްފައިވާ އިއުތިރާޒް ނެގުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވެއެވެ.

ސީޑޯ މުއާހަދާ އެކުލެވިގެން ވަނީ ތައުލީމު ހާސިލުކުރުމުގައާއި، ސިއްހީ ފަރުވާ ހޯދުމުގައާއި،ވަޒީފާއާ އާމްދަނީ ހޯދުމުގައާއި، ސިޔާސީ ކަންކަމުގައި ބައިވެރިވުމުގައާއި، މަދަނީ ހައްގުތައް ލިބިދިނުމުގައި އާއިލާއާ ގުޅުންހުރި އެކިކަންކަމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަންހެނުންނާމެދު ކުރެވޭ ތަފާތުތައް ނައްތާލުމުގެ މައްޗަށެވެ.