ކުޅިވަރު

ގައުމީ ޓީމުން އައި ކުޅުންތެރިންގެ ފެންވަރު ދަށް

ގައުމީ ޓީމުގެ ޑިއުޓީ ނިންމާފައި އައި ކުޅުންތެރިންގެ ފަރާތުން ފެންނަން ޖެހޭވަރުގެ ކުޅުމެއް ނުފެންނަ ކަމަށް ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށާއި ސައުތު އޭޝިއަން ގޭމްސްއަށް ފަހު ލީގް އަލުން ފަށައިގެން ކުރިއަށްދާއިރު އީގަލްސް ކުޅުނު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ފޯކަ އިދޫ އަތުން ބަލިވި މެޗަކީ މި ސީޒަންގައި އީގަލްސްއަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ.

ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރި ސްކޮޑުން އީގަލްސްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބުނެވެ. އެއް އަހަރުގެ ދިގުމުއްދަތަކަށް ފަހު ހަސަން ރާއިފް އަހްމަދު (ހަންނަ) އަށްވެސް ގައުމީ ޓީމުން ފުރުސަތު ލިބުނެވެ.

ސީޒަން މިހާހިސާބަށް ދިޔައިރު މާޒިޔާ އާއި ޔުނައިޓަޑް ވިކްޓަރީ ފިޔަވައި ބާކީ ކުލަބުތަކުން ގަވާއިދުން ޕްރެކްޓިސް ނުކުރެ އެވެ. އީގަލްސްއަށް ވެސް ވަނީ އެ ހާލަތު ކުރިމަތިވެފަ އެވެ. ބަރާބަރަށް ޕްރެކްޓިސް ނުކުރެވޭތީ ޓީމުގެ ޕާފޯމަންސަށްވެސް ވަނީ އަސަރު ކޮށްފަ އެވެ. މޯހަން ބުނީ އެ ހާލަތުގެ ތެރެއިން އައިސް އަލުން ލީގްގައި ވާދަ ކުރަން ފެށިއިރު ގައުމީ ޓީމުން އައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކަންކަން ފެނިގެންދާނެ ކަމަށް އުންމީދު ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެ ކުޅުންތެރިންގެ ފަރާތުންވެސް އެކަށީގެންވާ ވަރަށް ޕްރޮފިޝަނަލިޒަމް ފެނިގެން ނުދާ ކަމަށް ބުންޏެވެ.

"ނެޝަނަލް ޓީމުން އައި ކުޅުންތެރިންގެ ފެންވަރުވެސް ވަރަށް ދަށްކޮށް ފެނިގެން ދިޔައީ،" މޯހަން ވާހަކަ ދެއްކި އެވެ. "އެ ކުޅުންތެރިންގެ ފަރާތުން އަޅުގަނޑު އުންމީދު ކުރަނީ ތަންކޮޅެއް ޕްރޮފިޝަނަލްކޮށް ޕޮޒެޓިވް އެޓިޓިޔުޑެއް، ނަމަވެސް އެކަން ނުފެނިގެން ދިޔައީ."

މޯހަން ބުނީ، ފުޓްބޯޅަ ސީޒަނަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ތެރެއިން އެފްއޭއެމްއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ވެފައިވާ ވަގުތެއްގައި އެފްއޭއެމް އާއި ފުޓްބޯޅައިގައި މަސައްކަތް ކުރާ އެންމެން ވާހަކަ ދައްކައިގެން ހައްލު ތަކެއް ނެރެން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފާޑު ކިޔުމަކުން އަދި ހައްލެއް ނެތް، ހައްލެއް ހޯދަން މަސައްކަތް ކުރުން ކަންނޭންގެ އެންމެ މުހިންމު ކަމަކީ، މިއަހަރު ފެށުނީންސުރެ މިދަނީ ފާޑު ކިޔުމުގައި، އެހެންނަމަވެސް މިކަމުގައި އަލިމަގެއް ފެންނަތަނެއް ނާދޭ، ފާޑު ކިޔުމަށް ވުރެ އެންމެ މުހިންމު ކަމަކީ ހައްލެއް ހޯދޭނެ ގޮތަކީ ކޮބައިތޯ ބެލުން."

މޯހަން ބުނީ، ކުޅުންތެރިން މޯޓިވޭޓް ކުރެވޭނެ އެއްވެސް ގޮތެއް ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު ނެތް ކަމަށެވެ. ކުޅުންތެރިންނަށް އާންމުދަނީ ލިބެންޖެހޭ މިންވަރަށް ނުލިބުމާއި، ކުލަބުތަކަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން މުޅިން ދަނީ ޑީމޯޓިވޭޓްވޭޝަނަށް ކަމަށް ތަޖުރިބާކާރު ކޯޗް ބުންޏެވެ.

ބައެއް ކުލަބުތަކުން ދައްކަމުން ދަނީ، ލީގްގެ ދެ ވަނަ ބުރުން މުބާރާތް ނިންމާލާ ވާހަކަ އެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން މޯހަން ބުނީ ލީގް ނިންމާލުމުގެ ވާހަކަ ދެއްކުމުގެ ކުރިން މި ސީޒަން ނިމޭނެ ތާރީހް ދުރާލައި އެނގެންޖެހޭ ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ސީޒަން ނިމޭނެ ދުވަހަކީ ކޮބައިކަން ކަންނޭގެ އެންމެ ފުރަތަމަ ޕްލޭން ކުރަން ޖެހޭނެ ކަމަކީ،" މޯހަން ބުންޏެވެ. "ނިމޭ ތާރީހެއް އެނގުނީމާ ތިން ވަނަ ބުރު ނުކުޅުންތޯ ނުވަތަ ކުޅުންތޯ އެންމެ ބުއްދިވެރިގޮތަކީ ކޮބައިތޯ ބަލަން ޖެހޭނީ، މިއަހަރު ސީޒަން ނިމޭ ތާރީހް އެނގުމާއެކު އަންނަ އަހަރު ސީޒަން ފެށުމާ ދެމެދުވެސް ލިބޭނީ ކިހާ ދުވަހެއްތޯވެސް އެނގެން ޖެހޭ، އެ ހުރިހާ ކަމަކަށް އެންމެ ފުރަތަމަ ޕްލޭން ކުރަން ޖެހޭނީ."

މޯހަން ބުނީ، ދެ ސީޒަންގެ ދެމެދުގައި އެހާ ވަގުތު ދީގެން ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތްނަމަ ލީގްގެ ތިން ވަނަ ބުރު ނުކުޅެ ދޫކޮށްލަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އޭޕްރީ މަހާ ހަމައަށް ސީޒަން ނުނިމިދާނެ ކަމުގެ ޔަގީންކަން ނެތް ނަމަ އަލުން ސީޒަން ޖޫންގައި ފެށިދާނެތޯ ނުވަތަ ނޫންތޯވެސް އެނގެން ޖެހޭ ކަމަށެވެ.