މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކުރާ "އަހަރީ ރިޕޯޓު" ފޮނުވައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެދިއްޖެ އެވެ.
އެ އޮފީހުން ބުނީ އަހަރީ ރިޕޯޓް 2014 ފެށިގެން 2018 އަށް ދައުލަތުގެ ގިނަ އިދާރާތަކަކުން ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު، ރިޕޯޓު ފޮނުއްވާފައި ނުވާ އިދާރާތަކުން މިއަހަރު ނިމުމުގެ ކުރިން ކޮންމެ އަހަރެއްގެ މައުލޫމާތު ވަކިން އެނގޭނޭ ގޮތަށް، ފަސް އަހަރުގެ ރިޕޯޓު ފޮނުއްވަންޖެހޭނެ ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ ރިޕޯޓު 2020 ޖެނުއަރީ 31 ގެ ކުރިން ފޮނުވައިދިނުމަށްވެސް ވަނީ އެދިފައެވެ.
ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތުތައް
- މައުލޫމާތަށް އެދި ހުށަހެޅި މިންވަރާއި، އިޖާބަދެވުނު ހުށަހެޅުމުގެ މިންވަރާއި، މައުލޫމާތު ދެވުނު ހުށަހެޅުމުގެ އަދަދާއި، މައުލޫމާތު ދޭން އިންކާރުކުރި ހުށަހެޅުމުގެ އަދަދު.
- އެދުނު މައުލޫމާތެއް ނުދިނުމަށް، އެންމެ ގިނައިން ބޭނުންކުރަން ޖެހުނީ، މި ގާނޫނުގެ ކޮން މާއްދާއެއް ނުވަތަ ބައެއްކަން.
- މައުލޫމާތެއް ދިނުމަށް އިންކާރުކުރުމުން އިސްތިއުނާފަށް ހުށަހެޅުނު މިންވަރު.
- ފީ ނެގުނު އަދަދާއި އެގޮތުން ނެގި ފީގެ ޖުމްލަ.
- މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރުމުގެ ގޮތުން އަމިއްލަ އިސްނެގުމާއެކު ހިންގި ހަރަކާތްތަކާއި ކުރި ކަންތައްތައް.
- މައުލޫމާތު ބެލެހެއްޓުމާ ގުޅޭ ގޮތުން ހިންގި ހަރަކާތްތަކާއި ކުރި ކަން.
- މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި، ހިންގި ހަރަކާތްތަކާއި ކުރި ކަންކަން.