ލައިފްސްޓައިލް

120،000 ޑޮލަރުގެ ދޮންކެޔޮވައް ކާލި މީހާ އެކަމާ ދެރައެއް ނުވޭ

އާޓްވޯކެއްގެ ގޮތުގައި ފާރެއްގައި ޓޭޕްލައިގެން ތަތްކޮށްފައި އިން ދޮންކެޔޮވައް ކާލި މީހާ އެކާލެވިގެން އެކަމާ ދެރަ ނުވާ ކަމަށް ބުނެފި އެވެ. އެމެރިކާގެ ފްލޮރިޑާގެ މިއާމީ ބީޗްގެ އާޓް ބެސަލްގައި އާޓް ޕީސް އެއްގެ ގޮތުގައި ހަރުކޮށްފައި އިން މި ދޮންކެޔޮވައް ކާލީ ޕާފޯމަންސް އާޓިސްޓެއް ކަމަށްވާ ޑޭވިޑް ޑަޓުނާ އެވެ.

ކުރީގެ ސޯވިއެޓް ޔުނިއަންގެ ރަށެއް ކަމަށްވާ ޖޯޖިއާ އަށް ނިސްބަތްވާ މި މީހާ ހޯމަ ދުވަހު ނިއުޔޯކްގައި ނޫސްވެރިންނަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނި ގޮތުގައި ހެނދުނުއްސުރެ އޭނާގެ ހިތުގައި އެ ދޮންކެޔޮވައް ކާލުމުގެ ގަސްދު އޮތެވެ. ނަމަވެސް މާ ބޮޑަށް ބަނޑުހައި ނުވާތީ ހުރީ އެވެ. އާޓް ގެލެރީގައި ދެ ގަޑިއެއްހާއިރު ހުރެފައި އެންމެ ފަހުން އެ ދޮންކެޔޮވައް ކާލީ އެވެ.
ޓޭޕްކޮޅެއް އަޅައިގެން ދޮންކެޔޮވައް ފާރުގައި ހަރުކުރީ އާޓިސްޓް މައުރީޒިއޯ ކެޓެލަން އެވެ. "ކޮމޭޑިއަން"ގެ ނަން ދީފައިވާ މި އާޓްޕީސް ކާލިއިރު އޭތި ވަނީ 120،000 ޑޮލަރަށް ވިކިފަ އެވެ.

މި ދޮންކެޔޮވަކާއެކު ސެލްފީ ނެގި އެތައް ބައެއްގެ ތެރޭގައި ޑަޓުނާ ވެސް ހިމެނުނެވެ. ޑަޓުނާ ކުއްލިއަކަށް ދޮންކެޔޮވައް ނަގައިގެން ކާލާ މަންޒަރު ވަރަށް ގިނަމީހުން ވީޑިއޯ ކޮށްފައި ވެއެވެ. އަދި މި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ.

ޑަޓުނާ ބުނި ގޮތުގައި ދޮންކެޔޮވަކުން އާޓްޕީސް ހެދި އާޓިސްޓަކީ އޭނާ ވަރަށް ގަދަރުކުރާ އަދި އާޓިސްޓުންގެ ތެރެއިން ދުނިޔޭގެ އެއްވަނައިގައި ގުނާލެވޭ މީހެކެވެ. އަދި މިއީ ތާރީޚުގައި ވެސް އެއް އާޓިސްޓެއްގެ ކޮންސެޕްޓެއް އަނެއް އާޓިސްޓަކު ކާލި ފުރަތަމަ ފަހަރަށް ވާނެ ކަމަށް ޑަޓުނާ ބުންޏެވެ.

"ވަރަށް ގިނަ މީހުން އަހަރެން ކައިރީ އަހާ ކަލޭ ދޮންކެޔޮވައް ކާލީ ދޯޔޭ. އަހަރެން ކާލީ އަސްލު ދޮންކެޔޮވަކެއް ނަމަވެސް ހަގީގަތުގައި އަހަރެން ކެއީ އާޓިސްޓެއްގެ ކޮންސެޕްޓް އާޓެއް،" ޑަޓުނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެ އާޓްވޯކްގެ ރަހަ ވަރަށް މީރެވެ. އަދި މިއީ އެއްޗަކަށް ގެއްލުންދީ ހަލާކުކޮށްލުން ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އެހެންވެ އެ ދޮންކެޔޮވައް ކާލެވުނީމަ އޭނާ ދެރައެއް ނުވެ އެވެ.

"އަހަރެންގެ ޕާފޯމަންސް އަށް ކިޔަނީ "ހަންގްރީ އާޓިސްޓް" ނޫނި ބަނޑުހައިވެފައިވާ އާޓިސްޓް. އެހެންވީމަ އަހަރެން ބަނޑުހައިވީމަ އެ ކާލީ،" ޑަޓުނާ ބުންޏެވެ.