ލައިފްސްޓައިލް

ފުރޮޅުލީ ގޮނޑީގައި ނެޝަނަލް އެވޯޑާ ހަވާލުވި ސުރޭކާއަށް ހޫނު މަރުހަބާއެއް

ހޯމަ ދުވަހު ބޭއްވި އިންޑިއާގެ ފިލްމުތަކަށް އެ ގައުމުގެ ސަރުކާރުން ދޭ ނެޝަނަލް އެވޯޑު ހަފުލާ އަށް ސުރޭކާ ސިކްރީ ހާޒިރުވީ ފުރޮޅުލީ ގޮނޑީގަ އެވެ. އަދި އޭނާ އެވޯޑާ ހަވާލުވާން ދިޔައިރު ހޯލުގައި ތިބި އެންމެން ހޫނު އަތްތިލަބަޑިއަކުން އޭނާއަށް މަރުހަބާ ކިއެވެ. އަދި އޭނާ އެވޯޑާ ހަވާލުވަންދެން އަތްތިލަބަޑީގެ އަޑު ހޯލުގައި ގުގުމަމުން ދިޔަ މަންޒަރު ވެސް ފެނިގެން ދިޔަ އެވެ.

ސުރޭކާ އަށް ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ނެޝަނަލް އެވޯޑް ލިބުނީ މިދިޔަ އަހަރު ނުކުތް "ބަދާއީ ހޯ"ގައި އޭނާ ކުޅުނު މާމައެއްގެ ރޯލަށެވެ.

މި އެވޯޑު ލިބުމުން ސުރޭކާ ވަނީ "ބަދާއީ ހޯ"ގެ ލިޔުންތެރިންނަށް މަރުހަބާ ކިޔާ ޝުކުރު އަދާކޮށްފަ އެވެ. އޭނާއަށް އެވޯޑު ލިބުނީ އެމީހުން ލިޔެފައިވާ ސްކްރިޕްޓްގެ މޮޅުކަމުން ކަމަށް ސުރޭކާ ގަބޫލު ކުރެ އެވެ.

މިހާރު 74 އަހަރު ވެފައިވާ ސުރޭކާ ފިލްމު ކުޅެން ފެށީ 1978 ގައި ނެރުނު ޕޮލިޓިކަލް ޑްރާމާ "ކިއްސާ ކުރްސީ ކާ" އިންނެވެ. އޭގެ ފަހުން ފިލްމާއި ޓީވީ ސިލްސިލާތަކުގައި އަދި ތިއޭޓަރުގައި ވެސް ވަރަށް ފުރިހަމަ މަސައްކަތްތަކެއް ސުރޭކާ ކޮށްފައި ވެއެވެ.
ސުރޭކާ އަށް ފުރޮޅިލީ ގޮނޑީގައި އިންނަން ޖެހިފައިވަނީ މިދިޔަ އަހަރު އޭނާއަށް ބްރެއިން ސްޓްރޯކެއް ޖެހުނުފަހުން ހިނގާބިނގާވެ ނޫޅެވޭތީ އެވެ.

ސުރޭކާ އަށް ލިބުނު އެވޯޑުގެ އިތުރުން ވެސް "ބަދާއީ ހޯ" އަށް އިތުރު އެވޯޑެއް ލިބުނެވެ. އޭގެ ތެރޭގައި ބެސްޓް ޕޮޕިއުލާ ފިލްމް ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓް ނެޝަނަލް އެވޯޑު ހިމެނެ އެވެ.

"ބަދާއީ ހޯ"ގައި ގަޖްރާޖް ރާއޯ ނީނާ ގުޕްތާ ވަރަށް މުހިއްމު ރޯލުތަކެއް ކުޅެފައި ވެއެވެ. ފިލްމުގައި ފެންނަނީ 50 ވަރަކަށް އަހަރުވެފައިވާ އަންހެނަކު ބަލިވެ އިނުމުން އެ މީހާ އަށާއި އޭނާގެ ފިރިމީހާއަށް ކުރިމަތިލާން ޖެހުނު ލަދުވެތިކަމާއި މަލާމާތެވެ. ފިލްމުގައި ސުރޭކާ ކުޅެފައިވަނީ ނީނާގެ ކެރެކްޓާގެ މައިދައިތަ އަދި އަޔުޝްމާން ކުރާނާގެ ކެރެކްޓާގެ މާމަގެ ބައެވެ.

މި ފިލްމުގެ ބަތަލު އަޔުޝްމާން ކުރާނާއަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑު ލިބިފައި ވެއެވެ. ނަމަވެސް އެއީ މި ފިލްމަކުން ނޫނެވެ. "އަންދާދުން" ކުޅެގެންނެވެ. އަދި އަޔުޝްމާން އާއެކު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ކުޅެގެން ވިކީ ކައުޝަލް އަށް ވެސް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑު ލިބުނެވެ.

މިފަހަރު ލިބުނު އެވޯޑާއެކު ސުރޭކާ އަށް ތިން ނެޝަނަލް އެވޯޑު ވަނީ ލިބިފަ އެވެ. އެއީ 1988 ގައި ނުކުތް "ތަމަސް" އާއި 1995 ގައި ނުކުތް "މައްމޯ" ކުޅެން ލިބުނު ބެސްޓް އެކްޓްރެސް އިން ސަޕޯޓިން ރޯލުގެ އެވޯޑެވެ.