ލައިފްސްޓައިލް

ޝްރައްދާ އާއި ވަރުން: ކުޑައިރުއްސުރެ ގާތް ދެ އެކުވެރިން

ގިނަ މީހުންނަށް ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު އެކުގައި ފެނުނީ އެ ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "އޭބީސީޑީ 2" އިންނެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބަށްފަހު އަނެއްކާވެސް މި ދެ ތަރިންގެ ކެމިސްޓްރީން ސްކްރީންތައް ދިއްލާލާނެ އާ ފިލްމެއް ރިލީޒްވާން ވަނީ ކައިރިވެފަ އެވެ. "ސްޓްރީޓް ޑާންސާ 3ޑީ" އެވެ.

ފިލްމުގެ ޓްރެއިލާ މިހާރު ރިލީޒްކޮށްފައިވާއިރު ޓްރެއިލާ އިން ދޭހަވަނީ މި ދެ ތަރިންނަކީ ފިލްމުގައި ދެ ގައުމަކަށް ނިސްބަތްވާ ދެ ވާދަވެރިން ކަމެވެ. ނަމަވެސް ހަގީގީ ދިރިއުޅުމުގައި ވަރުން އާއި ޝްރައްދާ އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. މި ދެ އެކްޓަރުންގެ އެކުވެރިކަން ފެށުނީ ފިލްމު ކުޅެން ފެށި ދުވަސްވަރަކު ނޫނެވެ. ވަރަށް ކުޑައިރުއްސުރެ ވެސް މި ދެ ތަރިންގެ އެކުވެރިކަން އޮވެ އެވެ.

ދާދިފަހުން ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ވަރުން ވަނީ ޝްރައްދާ އާއި އޭނާގެ އޮންނަ ގާތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. ވަރުން ބުނި ގޮތުގައި ޝްރައްދާ އާއި އޭނާގެ އޮންނަނީ ބުނަން ވެސް ނޭނގޭ ކަހަލަ ލޯތްބަކާއި ޚާއްސަ ގުޅުމެއް ކަމަށެވެ. ކުޑައިރުވެސް އެކަކު އަނެކަކުގެ ބާތުޑޭ ޕާޓީ ތަކުގައި އެކުގައި ނަށާ އަދި އިނާމު ހޯދަން ވާދަޔަށް ވެސް ނަށާ އުޅޭ ކަމަށާއި އޭރުއްސުރެ ވެސް އެމީހުންގެ ގުޅުން މިހާތަނާ ޖެހެންދެން ވެސް ބަދަލެއް ނައިސް އޮތް ކަމަށް ވަރުން ބުންޏެވެ.

"ޝްރައްދާ އާއި އަހަރެން ކުޑައިރުއްސުރެ އެކުގައި ނަށަން. އެހެންވީމާ ސްޓްރީޓް ޑާންސާ ކަހަލަ ފިލްމެއްގައި އެކުގައި ނެށުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާކުރާ ކަމެއް. މި ފިލްމުގައި ފެންނާނީ ހަގީގަތުގައި އޭނާ އާއި ޝްރައްދާގެ މެދުގައި އޮންނަ ކަހަލަ ބަޔާންކުރަންދަތި ލޯތްބަކާއި ބަދަހި ގުޅުމެއް ކަމަށް ވަރުން ބުންޏެވެ. އަދި ޝްރައްދާ އަކީ އެކުގައި މަސައްކަތްކުރަން ވަރަށް ބަރާބަރު އެކްޓަރެއް ކަމަށް ވެސް ވަރުން ބުންޏެވެ.

ވަރުން އާއި ޝްރައްދާގެ އިތުރުން ނޯރާ ފަތޭހީ، ޕްރަބޫދޭވާ، ދަރްމޭޝް، ޕުނީތު ޕާތަކް ފަދަ ވަރަށް ގިނަ ނެށުންތެރިން ވެސް "ސްޓްރީޓް ޑާންސާ 3ޑީ" އިން ފެންނާނެ އެވެ. ރޭމޯ ޑިސޫޒާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

ފިލްމުގެ "މުގާބަލާ" ލަވަ މިހާރު ރިލީޒްކޮށް ސޯޝަލް މީޑިއާގައި މި ލަވައިގެ އަޑުފައްގަނޑު ވަނީ ވަރަށް ގަދަވެފަ އެވެ. މިއީ މީގެ 25 އަހަރު ކުރިން ޕްރަބޫދޭވާ ވަރަށް މޮޅަށް ނެށި ލަވައަކަށް ވެފައި ހަމަ އެ ލަވައިގެ މުޅިން އާ ވާޝަނަކަށް ޕްރަބޫދޭވާ ނަށާތަން ފެންނާތީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން މި ލަވައަށް ވަނީ ލިބިފަ އެވެ.