ބޮލީވުޑް

ޕްރިޔަންކް-ޝަޒާގެ ކައިވެންޏަށް ގިނަ އަދަދެއްގެ ތަރިން ރާއްޖެއަށް

ޕަދްމިނީ ކޯލާޕޫރީގެ ފިރިހެން ދަރިފުޅު ޕްރިޔަންކާ ޝަރުމާ އާއި ޕްރޮޑިއުސަރު ކަރީމް މޮރާނީގެ ދަރިފުޅު ޝަޒާ މޮރާނީގެ ކައިވެނި ރާއްޖޭގައި ބޭއްވުމަށް ބޮލީވުޑްގެ ގިނަ އަދަދެއްގެ ތެރިން މިއަދު ރާއްޖެ އައުމަށް ދަތުރު ވަނީ ފަށާފަ އެވެ. މިހާރު ޕްރިޔަންކް އާއި ޝަޒާ ތިބީ އޮޒެން ލައިފް މާދޫގަ އެވެ. އަދި ކައިވެނި އޮންނާނީ އެ ރިސޯޓުގައި ކަމަށް ބެލެވެ އެވެ.

މުމްބައި އެއާޕޯޓުން ރާއްޖެ އައުމަށް ފުރަން ގޮސް ތިބި ތަރިންގެ ތެރޭގައި ޝްރައްދާ ކަޕޫރާއި ވަރުން ދަވަން އަދި ޝްރައްދާގެ ބޭބެ ސިދާންތު ކަޕޫރު ހިމެނެ އެވެ.

ޕަދުމިނީއަކީ ޝްރައްދާގެ ބޮޑުދައިތަ އެވެ. އެހެން ކަމުން ދެބެންގެ ދެދަރި ކޮއްކޮގެ ކައިވެނީގައި ޝްރައްދާ އާއި އާއިލާއިން ބައިވެރިވާނެ އެވެ. އަނެއްކޮޅުން ވަރުން އާއި ޕްރިޔަންކްއަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ.

ޝްރައްދާ އާއި ސިދާންތު ތިބީ މި ކައިވެންޏަށް ހާއްސަ ލިޔުމެއް ޖަހާފައިވާ ޓީޝާޓެއް ލައިގެންނެވެ.

އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ޕަޕަރާޒީން ފޮޓޯ ނެގި އެހެން ތަރިންގެ ތެރޭގައި ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަން އާއި އޭނާގެ ދަރިފުޅު އަންމޯލް ހިމެނެ އެވެ. އަންމޯލް އަކީ މިހާރު އަލަށް ބޮލިވުޑަށް ނުކުންނަން ތައްޔާރުވަމުންދާ އެކްޓަރެކެވެ.

ޕްރިޔަންކް އާއި ޝަޒާ އަދި އެ ދެ މީހުންގެ އާއިލާގެ ގިނަ ބަޔަކު ތަންކޮޅެއް ކުރިން ވަނީ ރާއްޖެ އައިސްފަ އެވެ.
އިއްޔެ ޕްރިޔަންކް އާއި ޝަޒާ ރާއްޖޭގައި ތިބެ ނަގާފައިވާ ވީޑިއޯއެއް އިންސްޓަގްރާމްގައި ޝެއާ ކުރުމުން އެ ޕޯސްޓަށް ޝްރައްދާ ލިޔުނު ކޮމެންޓެއްގައި އެމީހުން ވެސް އެބަ އަންނަ ކަމަށާއި އެ މީހުން އަންނަންދެން މަޖާ ނުކޮށް މަޑުކުރަން އެދިފައި ވެއެވެ.

ޕްރިޔަންކް އާއި ޝަޒާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކޯޓުގައި ކައިވެނިކޮށްފަ އެވެ. އަދި ގާތް އެކުވެރިންނަށް މުމްބައިގައި ޕާޓީއެއް ވެސް ބާއްވާފައި ވެއެވެ.