ބޮލީވުޑް

ދެން އެންމެ އަވަހަކަށް ކައިވެނިކުރާނީ ޝްރައްދާ ތަ؟

"އާޝިގީ 2" ގެ ބަތަލާ ޝްރައްދާ ކަޕޫރާއި ސެލެބްރިޓީ ފޮޓޮގްރާފަރު ރޯހަން ޝްރެސްތާ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ އިޝާރާތެއް ޝްރައްދާގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި އެކްޓަރު ވަރުން ދަވަން ދީފި އެވެ.

ޝްރައްދާ އާއި ރޯހަން ރައްޓެހި ވެގެން އުޅޭކަމުގެ ހަބަރުތައް ފުރަތަމަ ފެތުރެން ފެށީ 2019 ގައި ޝްރައްދާގެ މެގަޒިން ފޮޓޯޝޫޓެއް ރޯހަން އާއެކު ފުރިހަމަކުރި ހިސާބުންނެވެ. އެ ދުވަސްވަރު ޝްރައްދާ އާއި ރޯހަންގެ ބޮލީވުޑް އެކުވެރިން އެ ދެ މީހުން އަޅުވާ ކިޔައި ވަރަށް ދެ މީހުންނާ ވަރަށް ދިމާކޮށް ހެދި އެވެ. ދެން އިވެން ފެށީ ޝްރައްދާ އާއި ރޯހަން ލޯބީގެ ގޮތުން ގުޅުނު ވާހަކަ އެވެ. އަދި ދެ މީހުން އެކުގައި ޕާޓީތަކާއި ސިނަމާތަކުގައި ތިއްބާ ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ދައުރުވެފަ އެވެ.

ޝްރައްދާ އާއި ރޯހަންގެ ކައިވެނީގެ ހަބަރާ ބެހޭ ގޮތުން އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ބުނީ އެ ވާހަކަ އެގޮތަށް ދެކެވޭ ސަބަބު ނޭނގޭ ކަމަށާއި ޝްރައްދާ ބޭނުން މީހަކާ ކައިވެނި ކުރުމުގައި އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.

"ރޯހަން އެއް ނޫން އެހެން މީހަކު ދައްކާފައި އެމީހަކާ ކައިވެނި ކުރަން ބޭނުމޭ ބުންޏަސް އަހަރެން ދެކޮޅެއް ނުހަދާނަން،" ޝަކްތީ ބުންޏެވެ.

ރޯހަން އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝަކްތީ ބުނީ ރޯހަން އަކީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ. އަދި ރޯހަން އެ ގެއަށް އަންނަނީ މިހާރު އެކަނި ނޫންކަމަށާއި ކުޑައިރުއްސުރެ ވެސް އެ ގެއަށް އައިސް އުޅޭ ކަމަށެވެ.

"ޝްރައްދާ ނުބުނޭ އަހަރެން ކައިރިއަކު ރޯހަން އާ ކައިވެނި ކުރަން ބޭނުމެކޭ. އަހަރެން ގަބޫލުކުރާ ގޮތުގައި އެމީހުންގެ އޮންނަނީ ކުޑައިރުއްސުރެ އޮންނަ ގާތް އެކުވެރިކަން. އެ ދެ މީހުންގެ މެދުގައި ސީރިއަސް ލޯބީގެ ގުޅުމެއް އޮންނަކަމެއް އަހަންނަކަށް އެނގިފައެއް ނެތް،" ޝަކްތީ ބުންޏެވެ.

ނަމަވެސް ވަރުންގެ ކައިވެނީގެ އުފަލުގައި އޭނާއަށް މަރުހަބާކިޔައި ސޯޝަލް މީޑިއާގައި ރޯހަން ޝެއާކުރި މެސެޖަކަށް ވަރުން ދިން ޖަވާބުން އަނެއްކާ ވެސް ރޯހަން އާއި ޝްރައްދާ ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމުގެ ވާހަކަތައް ފެތުރޭގޮތް ވީއެވެ.

ރޯހަންގެ މަރުހަބާގެ މެސެޖުގައި ނަތާޝާ ކަހަލަ މީހަކާ ކައިވެނި ކުރެވުނީމަ ވަރުން އަކީ ވަރަށް ނަސީބުގަދަ މީހެކޭ ބުނެފައި ވެއެވެ. ޖަވާބުގައި ވަރުން ބުނީ ހަގިގަތުަގއި ވެސް އޭނާއަކީ ވަރަށް ނަސީބުގަދަ މީހެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ރޯހަން ވެސް ކައިވެންޏަށް ތައްޔާރުކަމަށް އުންމީދުކުރާ ކަމަށެވެ.

ޝްރައްދާ އާއި ރޯހަންގެ ލޯބީގެ ވާހަކަ ދެކެވޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް މި ދެ މީހުން މި ކަމަކާ އެއްބަހެއް ނުވެ އެވެ. ޚާއްސަކޮށް ޝްރައްދާ މީހަކާ ރައްޓެހިވެގެން އުޅޭ ކަމަކަށް މިހާތަނަށް އެއްބަސް ވެފައެއް ނުވެ އެވެ.

ފިލްމީ ރޮނގުން ބަލާއިރު ޝްރައްދާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ޓައިގާ ޝްރޮފް އާއެކު ކުޅުނު "ބާޣީ 3" އެވެ. މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ރަންބީރު ކަޕޫރާއެކު ކުޅޭ ލަވް ރަންޖަން ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި "ނާގިން" ސީރީޒްގެ ތިން ފިލްމެއްގައި ޝްރައްދާ މަސައްކަތްކުރަން ހަމަޖެހިފައިވާ ކަން ވަރަށް ފަހުން އިއުލާން ކޮށްފައި ވެއެވެ.

ޝްރައްދާ އާއި އޭނާގެ "އާޝިގީ 2" ގެ ކޯސްޓާ އަދިތުޔާ ރޯއި ކަޕޫރާ ވެސް ލޯބީގެ ގުޅުމެއް އޮތް ކަމަށް އެ ފިލްމު ކުޅުނު ދުވަސްވަރު ވަރަށް ގަދަޔަށް ވާޙަކަ ދެކެވުނެވެ. އަދި "ރޮކް އޮން 2" ކުޅުނު ދުވަސްވަރު އެ ފިލްމުގެ ބަތަލު ފަރްހާން އަޚްތަރު އާ ވެސް ޝްރައްދާ އާ އަޅުވާ ކިޔާފައި ވެއެވެ.