ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ގައުމީ ދިފާއީ ބާރުގެ އެލާޓް ލެވެލް މަތިކޮށްފައި ސީދާ ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި އެކަން ކުރީ މި ދުވަސްވަރު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިގެން ސަލަމާތާއި ރައްކާތެރިކަން އިތުރަށް ޔަގީންކުރަން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރޭ ހަތެއް ޖަހާއިރުން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ 2" އަށް ވަނީ ބަދަލު ކޮށްފަ އެވެ. އެއ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެހެން ނަމަވެސް ފަހުން ސިފައިން ބުނީ އެލާޓް ލެވަލް މަތިކުރީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި އެއީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެލާޓް ލެވެލް މަތިކުރީ މި ދުވަސްވަރަކީ ރެކޯޑު އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަންނަ ދުވަސްވަރަކަށްވާތީ، އެ މީހުންގެ ސަލަމާތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ކަމަށެވެ. އެކަން ކޮށްފައިވަނީ ވަކި ދިވެހިންނަށް ވެސް ނުވަތަ ފަތުރުވެރިންނަށްވެސް ސީދާ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ހޫދު ތަކުރާރުކޮށް ވިދާޅުވި އެވެ.
"ވިޖިލަންސް އެކްސައިޒްކުރުމަކީ ނެތްކަމެއް ނޫން. އޭގެ މާނައަކީ ދިވެހިންނަށް ވެސް ނުވަތަ ޓޫރިސްޓުންނަށްވެސް ސީދާ ނުރައްކަލެއް އޮވެގެންނެއްނޫން އެކަން ކުރަންޖެހޭނީ،" ހޫދު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސާފައިވާތީވެ މިރެއިން ފެށިގެން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކް ކުރަމުން ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސައި ހިންގާ އެފަދަ އޮޕަރޭޝަންތަކަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަށް ވާތީވެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެމްއެންޑީއެފް އިން އެލާޓަށް އައިސްފައިވާކަން އިއުލާން ކުރުމާއެކު ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ވެސް ވަނީ އާންމު އިއުލާނެއްކޮށްފަ އެވެ. އެ އިއުލާނުގައި ވަނީ ހަރުކަށި ފިކުރުގެ ވިސްނުމުގައި އުޅޭ ފަރާތްތަކާ ބެހޭ ގޮތުން މައުލޫމާތެއް ލިބިއްޖެ ނަމަ އެކަން ހާމަ ކުރުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ. ނަމަވެސް އެލާޓްއާ ހަރުކަށި ފިކުރުގެ ކަމަކާ ގުޅުމެއް އޮތް ކަމަކަށް އެމްއެންޑީއެފް އިން ނުބުނެ އެވެ.
ތުރެޓެއް ނެތި އެލާޓް ލެވެލް މަތިކުރުމާ ގުޅިގެން، އިދިކޮޅުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.