އަންނަ އަހަރު ބާއްވާ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ކަމުގެ މަގާމަށް މިހާރުގެ ރައީސް މުހައްމަދު ރިޔާޒާއި ނާއިބް ރައީސް އިލްޔާސް ވަހީދު (އިއްލަ)އާއެކު ކުރީގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ ވެސް ވާދަކުރަން ނިންމައިފި އެވެ.
މި ތިން ބޭފުޅުން ވެސް ވިދާޅުވަނީ ރައީސް ކަމަށް ވާދަކުރައްވަނީ ވޮލީއަށް ކުރިއެރުން އެދޭތީ ކަމަށެވެ.
އަންނަ އަހަރުގެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާނުކުރެއްވީ އިއްލަ އެވެ. ފުޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަލީ އާޒިމްގެ ކޮއްކޮ އިއްލަ މިހާރުގެ ވޮލީގެ ރައީސް ރިޔާޒާ ދެކޮޅަށް ވާދަކުރައްވާނެކަން އިއުލާނުކުރުމަށްފަހު ވިދާޅުވީ "ވޮލީގެ ކުރިއެރުމަށް ކުރަންޖެހޭ ބައެއް ކަންކަން ރައީސާ ހިސާބުން ހުއްޓިފައި،" ވާ ކަމަށެވެ.
މިވާހަކައަށް ކުރީގެ އެއްވަނަ ވޮލީ ރެފްރީ، އަދި އެމްއާރުޑީސީގެ މިހާރުގެ ޗެއާމަން ރިޔާޒް ރައްދު ނުދެއްވަ އެވެ. އޭގެ ބަދަލުގައި ރާއްޖެއިން އެންމެ ފުރަތަމަ ބައިނަލް އަގްވާމީ ވޮލީ ރެފްރީގެ ބެޖް ހޯއްދެވި ރިޔާޒް ވިދާޅުވީ ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ވެސް ކުރިމަތިލައްވާނެ ކަމަށާއި ރައީސް ކަމަށް އޭނާގެ ނާއިބް ރައީސްގެ ގޮތުގައި ހުންނަވައިގެން އިއްލަ ވާދަ ކުރެއްވުމަކީ ވެސް މައްސަލައެއް ނޫން ކަމަށެވެ.
ވޮލީ ރައީސް ކަމުގެ ރޭހަށް އެންމެ ފަހުން ނުކުންނެވީ ޝާފީ އެވެ. ވެލެންސިއާގެ ވޮލީޓީމުން ފާހަގަވި ޝާފީ ރައީސް ކަމަށް ނުކުންނަވާނެކަން ކަށަވަރުކޮށްދެމުން ވިދާޅުވީ ވޮލީގެ ކުރިއެރުމަށް ތާޒާ ހިޔާލުތައް ބޭނުންވާ ކަމަށެވެ.
މިހާރުގެ މަޝްހޫރު ފޮޓޯގްރާފަރު ޝާފީ އަކީ ރިޔާޒް ވޮލީބޯޅަ އެސޯސިއޭޝަނުގެ ނާއިބް ރައީސް ކަމުގައި ހުންނެވިއިރު ޖެނެރަލް ސެކްރެޓަރީ އެވެ. އަދި އެންމެ ފަހުގެ އިންތިހާބުގައި ވެސް ރިޔާޒާ އެންމެ ގާތުން ވާދަކުރެއްވީ އޭނާ އެވެ.
ވޮލީގެ އިންތިހާބުގެ ފޯރި މިހާގަދަވެފައިވާއިރު ވޮލީ އާއިލާގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ދޭ ބަހުގެ ހަމަލާތައް ވެސް ވަނީ ވަރަށް ގަފަވެފަ އެވެ.