ހަބަރު

ފައިސާ ހޯދަން ފްރީ ނެޓާއި ދެކޮޅަށް އެޖީން ދައުވާކޮށްފި

ކޭސް މެނޭޖަމަންޓް ސިސްޓަމް ސޮފްޓްވެއާއެއް ތައްޔާރުކުރަން ހަރަދު ކުރި ފައިސާ އަބުރާ ހޯދަން އަމިއްލަ ކުންފުންޏަކާ ދެކޮޅަށް އެޓާނީ ޖެނަރަލް އޮފީހުން ދައުވާކޮށްފި އެވެ.

ބަންޑާރަނައިބް އޮފީހުން މިއަދު ބުނީ އެ އޮފީހަށް ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއާއެއް ތައްޔާރުކުރުމަށްޓަކައި ފްރީ ނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހަށް އެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ. އަދި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުނިން ސްފްޓްވެއާ ތައްޔާރުކޮށްފައިނުވާ ކަމަށާއި އެހެންކަމުން އެ މަސައްކަތައް ހަރަދު ކުރި ފައިސާ ހޯދުމަށް ފްރީ ނެޓް މޯލްޑިވްސްގެ މައްޗަށް ސިވިލްކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއާއެއް ޑިވެލޮޕްކުރުމަށް އެ އޮފީހުން ޕްރޮޕޯސަލެއް ތައްޔާރުކޮށް، ފްރީ ނެޓް މޯލްޑިވްސްއާއެކު 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް އެ އޮފީހުން ބުންޏެވެ. އެއަށްފަހު އޭޖީ އޮފީހުން ހުށަހެޅި ޕްރޮޕޯސަލަށް ބިނާކޮށް ކޭސް މެނޭޖްމަންޓް ސިސްޓަމެއް ތައްޔާރުކުރެވިދާނެ ކަމާއި އެ ސްފްޓްވެއާގައި ހުންނާނެ ސިފަތައް ބަޔާންކޮށް، ފްރީ ނެޓްމޯލްޑިވްސް އިން 21 ޖޫން 2017 ގައި އެ އޮފީހަށް ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

ފްރީ ނެޓް މޯލްޑިވްސް އިން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތަށްވާ ފައިސާ ހަމަޖައްސައިދިނުމަށް ބަންޑާރަނައިބް އޮފީހުން 29 އޮގަސްޓް 2017 ޓޫރިޒަމް މިނިސްޓްރީގައި އެދުމުން، ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ މަސައްކަތުގެ އަގަށްވާ ފައިސާ އެކީ އެއްފަހަރާ އެ ކުންފުންޏަށް ދައްކާފައި ކަަމަށް އޭޖީން ވަނީ ބުނެފަ އެވެ.

ވަކި މުއްދަތުތަކަށް ބަހާލައިގެން ފްރީ ނެޓް މޯލްޑިވްސްއަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި އެއްބަސްވެފައި ވަނިކޮށް، އެމްއައިޓީޑީސީ އިން އެ ކުންފުންޏަށް އެއްފަހަރާ ފައިސާ ދެއްކާފައި ވަނީ 21 ޑިސެމްބަރ 2017ގައި ކަމަށާއި ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން މި އޮފީހަށް ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައި ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ.

އެހެން ނަމަވެސް ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން، މަސައްކަތް ނިންމުމަށް އިތުރު މުއްދަތު އެކި ފަހަރު މަތިން ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ކަމަށް އޭޖީ އޮފީހުން ބުންނެވެ. އެ މަސައްކަތް ނިންމައި، ހަވާލު ކުރަންޖެހޭ އެންމެ ފަހު ތާރީހު ކަމުގައިވާ 25 ޖުލައި 2019 އަށް ވެސް، ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުންޏަށް ސްފްޓްވެއާ ތައްޔާރު ކުރެވިފައިނުވާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

އެއްބަސްވެފައިވާ ގޮތަށް ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއާ ފްރީ ނެޓް ޕްރައިވެޓް މޯލްޑިވްސް އަށް ތައްޔާރުކުރެވިފައި ނުވާތީ، އެ މަސައްކަތަށް ހަރަދު ކުރަންޖެހުނު 53,826.80 ދައުލަތަށް ދެއްކުމަށާއި އެ މުއާމަލާތާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅައިދޭން، އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ވެސް އެދިފައިވާކަމަށް ބަންޑާރަނައިބް އޮފީހުން ވަނީ ބުނެފަ އެވެ.