ހަސަން ލަތީފް

ހަސަން، އުއްޗުއަށް: ސަރުކާރު ވައްޓާލަން އުޅޭނީއެއް ނޫން!

މޮޅެތި ވާހަކަތައް ދެއްކުމަށްފަހު ނިކުމެ، އަނެއްކާ އަނެއް ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާނީ ނޫން ކަމަށް ވިދާޅުވެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސަ (އުއްޗު) އަށް، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓީވީގެ ޕްރަގްރާމެއްގައި ވާހަކަދައްކަވަމުން އުއްޗު މިއަދު ވަނީ ޓެކްސް ނަގަނީ ސަރުކާރުން ބޭނުންވެގެން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ބޭނުންވެގެން ސަރުކާރުން ނަގާއެއްޗެއް ކަމަށް ވިދާޅުވެފައެވެ.

ޓެކްސްއާއި ގުޅޭ ގޮތުން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުއްޗު ވިދާޅުވީ ޓެކްސްއަކީ ނަގަންޖެހޭ އެއްޗެއް ކަމަށާއި، ސަރުކާރުން ޓެކްސް ނަގަނީ ރައްޔިތުންނަށް އެނގިގެން ނަމަވެސް، ނޭގި ނަމަވެސް ޕްރެޝަރު ކުރެވިގެން ކަމަށެވެ. އެނާ ވިދާޅުވީ، ތަރައްގީއަށް ބޭނުންވެގެން އެކަމަށް ޑިމާންޑް ކުރަނީ ރައްޔިތުން ކަމަށާއި، އެ ޑިމާންޑައި އެއްވަރަށް އެކަންކަން ކޮށްދޭން ސަރުކާރަށް ޓެކްސް ނަގަން މަޖުބޫރު ވަނީ ކަމަށެވެ.

"ސަރުކާރުން ކޮން ތަނަކުންތޯ ލާރި ހޯދަނީ، ސަރުކާރުން އެބަޖެހޭ (ލާރި) ނަގަން ކޮންމެސް ތަނަކުން ނޫނީ ކިހިނެތް ކަންކަން ކޮށްދޭނީ؟ ދެން ނުކޮށްދީފިއްޔާ އަނެއްކާ ހަޅޭއްލަވަންވީ އަޅުގަނޑުމެން، އެހެންވީމަ ސަރުކާރަށް އެބަ މަޖުބޫރުވޭ ޓެކްސް ނަގަން ، އެ (ކަމަށް) މަޖުބޫރު ކުރުވަނީ ރައްޔިތުން،" އެނާ ވިދާޅުވި އެވެ.

އުއްޗުގެ އެ ވާހަކަތައް ހިމަނާފައިވާ ހަބަރެއް ޓްވީޓް ކުރައްވަމުން ހަސަން ލަތީފް ވަނީ މޮޅެތި ވާހަކަތައް ދެއްކުމަށްފަހު ނިކުމެ، އަނެއްކާވެސް ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާނީ ނޫން ކަމަށް ވިދާޅުވެ އުއްޗުއަށް ފާޑުވިދާޅުވެފައެވެ.

"މޮޅު ވާހަކަ ދައްކާފައި ނިކުމެ، އަނެއްކާ އަނެއް ފަހަރު ސަރުކާރު ވައްޓާލަން އުޅޭނީއެއް ނޫން."

ހަސަންގެ އެ ޓްވީޓަށް އާންމުންގެ މީހަކު ވަނީ "ތަންކޮޅެއް ހަރުދަނާވާން ޖެހޭ" ކަމަށް ވިދާޅުވެ ކޮމެންޓެއް ކުރައްވާފައެވެ. އެ ކޮމެންޓަށް ޖަވާބު ދެމުން ހަސަން ވިދާޅުވީ އޭނާއަކީ ވިޔަފާރިވެރިއެއްގެ އަރިހުން ހޯދަން ބޭނުންވާ ކޮންޓްރެކްޓެއް ނޫނީ ވަޒީފާއެއް އޮތް މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑު އެއިން ވިޔަފާރިވެރިއެއްގެ އަރިހުން ހޯދަން ބޭނުން ކޮންޓްރެކްޓެއް ނޫނީ ވަޒީފާއެއް އެއް ނެތީމަ ތިޔަ ވިދާޅުވާ ގޮތަށް ހަރުދަނާވާން އަޅުގަނޑަށް މި އޮތީ އަދި ދަސްނުވެ." ހަސަންގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު 2012 ވަނަ އަހަރު ބަދަލުވިއިރު، ވިޔަފާރިވެރިޔާ އުއްޗު ގެންދެވީ ދި ޓީވީގެ ނަމުގައި ޓީވީ ސްޓޭޝަނެއް ހިންގަވަމުންނެވެ. ރާއްޖޭގައި އޭރު އެންމެ މަގުބޫލް ޓީވީތަކުގެ ތެރޭގައި ދި ޓީވީ ހިމެނިފައިވާއިރު، ރައީސް ނަޝީދުގެ ސަރުކާރުން ކުރަމުންދިޔަ ވަރަށް ގިނަ ކަންކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ދިޓީވީން ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. އަދި އޭރުގެ ސަރުކާރަށް ފާޑުކިޔާ ޕްރަގްރާމްތަކާއި، ތަފާތު ރިޕޯޓްތައް ވަނީ ގެނެސްދީފައެވެ. ހަސަން އެ އިޝާރަތް ކުރައްވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިއިރު، ދިޓީވީން ކުޅުނު ދައުރަށް ކަމަށް ބެލެވެއެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކާއި އުއްޗު ބޭއްވެވި ގުޅުންތަކާއި، ފަހުން އުފެދުނު ރައީސް ވަހީދުގެ ސަރުކާރު ދެމެހެއްޓުމަށް އުއްޗު ދެއްވި އެހީތެރިކަމަށް ކަމަށް ބެލެވެއެވެ.