ހަބަރު

އުއްޗު ސަރުކާރަށް ފައިސާއެއް ނުދޭ: ހަސަން ލަތީފް

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސަ (އުއްޗު)، ބަޖެޓު ސަޕޯޓުގެ ގޮތުގައި ސަރުކާރަށް 255 މިލިއަން ރުފިޔާ ދެއްވި ކަމަށް ދެކެވޭ ވާހަކަތައް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ދޮގު ކުރައްވައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ މި ފައިސާ ސަރުކާރަށް ދެއްވީ ޓީބިލްގެ ގޮތުގައި ކަމަށް ބުނެ އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިފައިސާ ސަރުކާރަށް ދީފައިވަނީ ސަރުކާރުގެ އެދުމަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ވިޔަފާރިވެރިޔާ އުއްޗުއަށް މީގެ ކުރިންވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ސަރުކާރަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އުއްޗު ފައިސާ ދެއްވާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"މިއީ ކަނޑައެޅިގެން ބޮޑު ދޮގެއް. ސަރުކާރުގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި ޗަންޕާ އުއްޗު ފައިސާއެއް ދީފައެއް ނުވޭ." ހަސަން ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އުއްޗު ފައިސާ ދެއްވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި މަރުކަޒީ ބޭންކް ގުޅިގެން އިއްޔެ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ސުވާލު ދެންނެވުން ވަރަށް ބޮޑަށް ހައިރާންވެ ހުންނަވާ އެފަދަ ކަމެއް ހިނގިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މުޅި ދުނިޔެ ސިއްސުވާލި ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަނީ ނާޒުކުރު ހާލަތަށް ގޮސްފައެވެ. ފަތުރުވެރި ކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖެއަށް އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު މާލީ އިދާރާތަކުންވެސް މިހާރު ވަނީ ދީފައެވެ. ރާއްޖޭގެ ގިނަ ރިސޯޓްތައް މިމަސްތެރޭ ބަންދު ކުރާނެ ކަމަށް ބެލެވޭއިރު މިހާރުވެސް ބައެއް ރިސޯޓްތައް ތިން މަސްދުވަހަށް ބަންދުކޮށް މުވައްޒިފުންނަށް ޗުއްޓީ ދިނުމަށް ވަނީ ނިންމާފައެވެ.

އަދި ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ވަނީ މުވައްޒިފުންގެ މުސާރަ ވަރަށް ބޮޑަށް ކުޑަކޮށް، ހަރަދު ކުޑަކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ފާހަގަކުރެވިފައިވަނީ ދައުލަތަށް ދަތިވާ ވަރަށް ގިނަ ހާލަތްތަކުގައި ފައިސާއިން އެހީތެރިވެދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކޮންމެ ސަރުކާރަކާވެސް ހާއްސަ ގުޅުންތަކެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގައެވެ. ސިޔާސީ ބޭފުޅުންނާވެސް ހާއްސަ ގުޅުންތަކެއް އޮންނަ ވިޔަފާރިވެރިޔާއާ އެމްޑީޕީގެ ބައެއް އިސްބޭފުޅުންނާ އަބަދުވެސް ގުޅުން ވަރަށް ގޯހެވެ. އެހެން ކަމުން އެ ބޭފުޅުންގެ ފާޑުކިޔުންތަކާ، ހަގީގަތެއް ނެތް ބައެއް ތުހުމަތުތައް އަބަދުވެސް އުއްޗުއަށް ކުރިމަތިކުރައްވައެވެ.