ދަ ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފި އެވެ.
އިއްޔެގެ ވަގުތެއްގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ޑިމޮކްރެޓުންގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ރައީސް ހަސަން ލަތީފް އެވެ. ޑިމޮކްރެޓުންގެ ނައިބް ރައީސް މުހައްމަދު ޝިފާޒުވެސް މިބައްދަލުވުމުގައި އިންނެވި އެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން އުޅޭ ބަދަލުތަކާއި ރާއްޖޭގެ މާލީ ނިޒާމު އިސްލާހުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކުގައި ޑިމޮކްރެޓުންނަށް ބައިވެރިވެވެން އޮތް ގޮތަކީ ކޮބައިތޯ ބަލައި އެކަމުގައި ސަރުކާރާ އެކު މަސައްކަތް ކުރުން ކަމަށް އެނގިފައިވެ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މީގެކުރިންވެސް ޑިމޮކްރެޓުންގެ ރައީސް ހަސަން ލަތީފް ވަނީ ރައީސް މުއިއްޒުއާ އެއްފަހަރު ބައްދަލުކުރައްވާފަ އެވެ. ނަމަވެސް މިފަދަ ބައްދަލުވުންތަކުގެ މައުލޫމާތު ޕާޓީގެ އިސް ބޭފުޅުންނާ ހިއްސާ ނުކުރައްވާ ކަމުގެ ކަންބޮޑުވުންތައް ބައެއް ބޭފުޅުން ސޯޝަލްމީޑިއާގައިވެސް ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ޑިމޮކްރެޓުން މީގެކުރިން ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައިވެ އެވެ. ނަމަވެސް މިދުވަސްވަރު ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެ ޕާޓީން އެއްޗެއް ނުބުނެ އެވެ.
ޑިމޮކްރެޓިކް ޕާޓީން ސަރުކާރާ ގުޅިގެން ބައެއް މަސައްކަތްތައް ކުރަން ހުށަހެޅިއިރު އެ ޕާޓީއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ނެތެވެ.