ދަ ޑިމޮކްރެޓްސް އަކީ ސަރުކާރާ އެކު އޮތް ޕާޓީއެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓުންގެ ދިފާއުގައި ހަސަން ވާހަކަދައްކަވާފައި މިވަނީ އޭނާވެސް ހިމެނޭހެން ޑިމޮކްރެޓުންގެ އިސް ބޭފުޅުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ ސަރުކާރާ އެކު މަޝްވަރާތަކެއް ކުރެއްވުމާ ގުޅިގެން ޑިމޮކްރެޓުންގެ އިސްވެރިންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ބައިވެރިވެވަޑައިގެން ހަސަން ވިދާޅުވީ ރައީސް މުއިއްޒުއާ ބައްދަލުކުރެއްވީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ގައުމުގެ ހިންގުމުގެ ނިޒާމަށް ވަކިން ހާއްސަކޮށް ލާމަރުކަޒީ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ރައީސް ނިންމަވާފައިވާތީ އެކަމުގައި ޑިމޮކްރެޓުން ބައިވެރިވެ އެޕާޓީގެ ހިޔާލުތަކާއި ވިސްނުންތައްވެސް ހިމަނައި އެ މަސައްކަތުގައި ބައިވެރިވުމަށް ކަަމަށެވެ.
ޑިމޮކްރެޓުންގެ އިސްވެރިންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ބައްދަލުކުރެއްވީ މިދިޔަ ޖުލައި 24 ވަނަ ދުވަހު އެވެ.
ހަސަން އިތުރަށް ވިދާޅުވީ އެ ބައްދަލުވުމުގައި ރައީސްއާ އެކު މަޝްވަރާ ކުރެއްވުމަކީ ސަރުކާރުގެ ކޯލިޝަން ޕާޓީއަކަށް ޑިމޮކްރެޓްސް ވެގެން ދިއުން ނޫން ކަމަށެވެ. ރައީސްއާ އެކު ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި ގާނޫނުއަސާސީ އިސްލާހު ކުރާއިރު ކަންކަން ކުރަންވީ ގޮތުގެ ލިޔުމެއް ހިއްސާކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ.