އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީ އިން މައި ހަރުގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތް ވެރިކަން ކުރާ ޕީއެންސީ އިން ކުއްޔަށް ނަގައިފި އެވެ.
ހ. ވެޔޮވިލާގައި ހިންގި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މައި ހަރުގެ ހުރި ބިމަކީ ރައީސް މުހައްމަދު ނަޝީދަށް ކުރިން ވަރަށް ބޮޑަށް ތާއީދުކުރެއްވި ޝަފީއާ ޒުބައިރުގެ އިމާރާތެކެވެ.
މި ބިމުގައި އެންމެ ފުރަތަމަ ހިންގީ އެމްޑީޕީގެ ހަރުގެ އެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި ރައީސް ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅުން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ހެދުމުން ފަހުން އެތަން ބޭނުންކުރީ ޑިމޮކްރެޓުންގެ މައި ހަރުގެ ގޮތުގައެވެ.
ޕީއެންސީގެ ހަރުގެ ހިންގުމަށް ހ. ވެޔޮވިލާ ކުއްޔަށް ދޫކުރިއިރު މިފަހުން ޝާފިއާ ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަމުންނެވެ.
ޕީއެންސީ އިން ހ. ވެޔޮވިލާ ކުއްޔަށް ނެގުމަށްފަހު މިހާރު ގެންދަނީ އެ ޕާޓީން ބޭނުންވާ ގޮތަށް އެތަނަށް ބަދަލުތައް ގެނެސް ބޭނުންކުރަން ތައްޔާރުވަމުންނެވެ.
ބައެއް ބޭފުޅުންގެ ފަރާތުން އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީ އިން ހ. ވެޔޮވިލާ ކުއްޔަށް ނެގީ ފަސް އަހަރަށެވެ. ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި އެތަން ރަސްމީކޮށް ބޭނުންކުރަން ފަށާނެ ކަމަށް އެނގިފައިވެ އެވެ.