ލައިފްސްޓައިލް

ކައިވެންޏަށް 80 އަހަރު، ލޯބި ހަމަ ޒުވާން!

މިޒަމާނުގައި އުމުރަށް އެކުގައި އުޅުމަކީ ވަރަށް މަދު ދެމަފިރިއަކަށް ނޫނީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މިއީވެސް ހަގީގަތުގައި ކުރެވިދާނެ ކަމެއްކަން ދެމަފިރިއަކު ވަނީ ސާބިތު ކޮށްދީފަ އެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ ދެމަފިރިންގެ ރެކޯޑް މިހާރު އޮތީ މި ދެމަފިރިންނަށެވެ. ޑިސެމްބަރު 22 ވަނަ ދުވަހު މި ދެމަފިރިން ވަނީ ކައިވެންޏަށް 80 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފަ އެވެ.

ޖޯން އަށް މިހާރު 106 އަހަރެވެ. އަދި ޝާލީ އަށް 105 އަހަރެވެ. ކައިވެންޏަށް 80 އަހަރު ފުރުން ފާހަގަކުރުމަށް ޖޯން ގަސްތުކޮށް ވަރަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖެއްސި އެވެ. އެގޮތުން މި ޕާޓީއަށް އޭނާ ޝާލީ ގޮވައިގެންދިޔައީ 1920 ގެ އަހަރުތަކުގައި މީހުން ދަތުރުފަތުރުކުރަން ގެންގުޅުނު ރޯޑްސްޓާ އެއްގަ އެވެ. މާބޮނޑިއަކާއެކު އޭނާ ޝާލީ ގޮވައިގެން ދަތުރުކުރި ސަވާރީއަކީ އެ ދެ މީހުންގެ ފުރަތަމަ ބައްދަލުވުމަށް އޭނާ ޝާލީ ގޮވައިގެން ދިޔައިރު އަރައިގެން ދިޔަކަހަލަ ސަވާރީ އެކެވެ.

އެމެރިކާގެ އޮސްޓިންގެ ޓެކްސަސްގައި ދިރިއުޅޭ މި ދެމަފިރިން ދިރިއުޅޭ ހިސާބުގައި އުޅޭ އަވަށްޓެރިން ވަރަށް ޚާއްސަ ޕާޓީއެއް މި ދެމަފިރިންނަށްޓަކައި ރޭވި އެވެ. ލޮންގްހޯން ވިލެޖުގައި އޮތް މި ޕާޓީގައި ކާއެއްޗިއްސާއެކު ވަރަށް ގިނަ މާޒީގެ ހަނދާންތައް ވެއެވެ.

މި ދެމަފިރިންގެ އާއިލާގެ ފިރިހެންކުއްޖެއް ކަމަށްވާ ޖޭސަން ފްރީ ވަނީ ދުނިޔޭގެ އެންމެ ދުވަސްވީ ދެމަފިރިންގެ ގޮތުގައި ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އަށް މި ދެމަފިރިންގެ ނަން އެރުވުމުގައި އެހީތެރިވެދީފަ އެވެ.

ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ޖޭސަން ބުނީ ޖޯން އާއި ޝާލީ އަކީ އަޖައިބެއް ފަދަ ދެމަފިރިން ކަމަށެވެ. އަދި އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ކޮންމެ ދެމަފިރިއަކަށް ވެސް މިސާލެކެވެ. އެމީހުންނާއެކު ދިރިއުޅުމުގެ ވަގުތުތައް ހިއްސާކުރަން ލިބުމުން އުފާކުރާކަމަށް ވެސް ޖޭސަން ބުންޏެވެ.

ޖޯން އާއި ޝާލީ ފުރަތަމަ ބައްދަލުވީ 1939 ވަނަ އަހަރު އެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމަ ނިމުނުތާ ދުވަސްކޮޅެއް ފަހެވެ. އޭރު އެ ދެ މީހުންނަކީ ޔުނިވަސިޓީ އޮފް ޓެކްސަސްގައި ކިޔަވާ ދަރިވަރުންނެވެ.

ކައިވެންޏަށް މިހާ ގިނަ ދުވަސްވީއިރުވެސް ދެ މީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހި އުޅެވުނީ ކިހިނެއް ހެއްޔެވެ؟ ޖޯން އާއި ޝާލީ ބުނަނީ އަބަދުވެސް މެދުމިންވަރެއްގެ ދިރިއުޅުމެއް ޚިޔާރު ކުރުމާއެކު ބައިވެރިޔާއަށް މަޖާކޮށް އުޅުމުންނެވެ.