ލައިފްސްޓައިލް

200 އަހަރަށް އުމުރު ދިގުވާ ކަމަަށް ބުނާ ބޭހެއް ސައިންސްވެރިން ޓެސްޓްކުރަނީ

އިންސާނުންގެ ތެރެއިން 100 ވަރަކަށް އަހަރު ދުނިޔޭގައި ތިބެވެނީ މަދު ބަޔަކަށެވެ. ނަމަވެސް 200 ވަރަކަށް އަހަރަށް ދުނިޔޭގައި ހުރެވިދާނެ ކަމަށް ބުނާ ބޭހެއް ސައިންސްވެރިން މިހާރު ގެންދަނީ އީޖާދުކޮށް އަޖުމަ ބަލަމުންނެވެ.

ގުޅަ ބޭހެއްގެ ގޮތުގައި އުފައްދާ މި ބޭހުން ކޮށްދޭ ކަމަކީ އުމުރުން ދުވަސްވާ ސެލްތައް ނައްތާލައި އާ ސެލްތައް އުފެއްދުމެވެ. މީގެ ސަބަބުން ހަށިގަނޑު މުސްކުޅިވާލެއް ލަސްވެ އިތުރު 100 ވަރަކަށް އަހަރަށް ދުނިޔޭގައި ހުންނަން މަގުފަހިވާނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.
އިންސާނާގެ ހަށީގަނޑުގައިވާ ސެލްތައް މުސްކުޅިވުން އަވަސްވާ ސެލްތަކަށް ކިޔަނީ "ޒޮމްބީ ސެލްސް" އެވެ. ސައިންޓިފިކް ގޮތުން މި ސެލްތައް މަޝްހޫރުވެފައިވަނީ 'ސެނެސެންޓް ސެލްސް' ގެ ނަމުންނެވެ. އިންސާނުންގެ އުމުރު މަތިވާ ވަރަކަށް މި ސެލްތައް ޑީވައިޑްވުން ހުއްޓި ހަށިގަނޑުގެ އެއްތަނެއްގައި ޖަމާވެ ކަމްޕައުންޑެއް ރިލީޒްކުރަން ފަށަ އެވެ. އުމުރުން ދުވަސްވާން ފެށުން އަވަސް ވަނީ މި ސަބަބާ ހުރެ އެވެ.

ސެލްތައް މުސްކުޅިނުވެ ގިނަ ދުވަހު ބަހައްޓަން ތައްޔާރުކުރާ ބޭސް މީދާ ތަކަކަށް ދީގެން 2020ގައި ޓެސްޓްކޮށްފައި ވެއެވެ. މި ޓްރައަލްގެ ނަތީޖާ ދެއްކި ގޮތުން ބޭސް ދިން މީދާތަކުގެ ފިޒިކަލް ފަންކްޝަންތައް ރަނގަޅުވެ ސިއްހަތު ރަނގަޅުވުމުގެ ސަބަބުން އުމުރު ދިގު ވި އެވެ.

ސައިންސްވެރިން މިހާރު މަސައްކަތްކުރަނީ މި ބޭސް އިންސާނުންނަށް ދީގެން މި ނަތީޖާ ނެރެވިދާނެ ގޮތްތަކެއް ހޯދުމަށެވެ.

އިންސާނުންގެ އުމުރު ދިގުވުމާ ގުޅޭ ގޮތުން އިނގިރޭސި ވިލާތުގެ ކޮމްޕިއުޓޭޝަނަލް ބައޮލޮޖިސްޓް ޑރ. އެންޑްރޫ ސްޓީލް ލިޔެފައިވާ ފޮތެއްގައި އޭނާ ލިޔެފައިވާ ގޮތުގައި ވަކި ވައްތަރެއްގެ ބޭހެއް ދީގެން އިންސާނުންގެ އުމުރު 100 އަހަރަށް ވުރެ މާ މައްޗަށް ޖެއްސި ދާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވެ އެވެ.

މި ފޮތުގައި އޭނާ ލިޔެފައިވާ ގޮތުގައި ސެނޮލައިޓިކްސްގެ ރޮނގުން ކުރަމުންދާ ރިސާޗްތަކުގައި ތައްޔާރުކުރަމުންދާ ބޭހަކީ ދުވަސްވެ ހަލާކުވަމުންދާ ޓިޝޫ ފަންކްޝަންތައް އަލުން މަރާމާތުކޮށްދޭނެ ބޭޙެކެވެ. އަދި މި ދިރާސާގެ ނަތީޖާތައް ވަރަށް އުންމީދީ ކަމަށާއި ކުރިޔަށް އޮތް ސާސްކަފް ތެރޭގައި މި ބޭސް ބާޒާރަށް ނެރެވޭ ވަރަށް ތަރައްގީ ކުރެވިދާނެކަމަށް އޭނާ އުންމީދު ކުރެ އެވެ.

އިނގިރޭސި ވިލާތު ނޫހަކަށް ދިން އިންޓަވިއު އެއްގައި ޑރ. އެންޑްރޫ ބުނީ އިންސާނުންނަށް ދިރިއުޅެން ވަކި އުމުރެއް ކަނޑައެޅިފައިވާ ކަމަށް އޭނާއަކަށް ގަބޫލެއް ނުކުރެވެ އެވެ. އަދި 200 ވަރަކަށް އަހަރު ވަންދެން ވެސް އިންސާނަށް ދިރި ނޫޅެވޭނެ ފިޒިކަލް އަދި ބައޮލޮޖިކަލް އެއްވެސް ސަބަބެއް އޭނާއަކަށް ނުފެނެ އެވެ.

"ގޮންޖެހުން އޮތީ ބައޮމެޑިކަލް ސައިންސްގެ އަލީގައި އަހަރެމެންނަށް އެފަދަ ބޭހެއް ތައްޔާރުކުރުމަށް،" އޭނާ ބުންޏެވެ.

މެޓްރޯ ނޫހުގައިވާ މި މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަޖުމަ ބެލުމުގެ ގޮތުން މި ބޭސް އިންސާނުންނަށް ދީގެން ހަދާ ޓްރަޔަލް މިހާރު ކުރިޔަށް އެބަ ދެ އެވެ. އަދި ކުރިޔަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި މި ބޭސް ބާޒާރަށް ނެރުމުގެ އުންމީދު ބޮޑެވެ.

ސުވާލަކީ މިފަދަ ބޭހެއް އުފެއްދުމުގައި ސައިންސަށް ކާމިޔާބު ހޯދުނަސް އިތުރު 100 ވަރަކަށް އަހަރު ދުނިޔޭގައި ތިބެން އިންސާނުން ބޭނުންވާނެ ހެއްޔެވެ؟