ލައިފްސްޓައިލް

އުފަންވީއިރު 250 ގްރާމް ހުރި ބޭބީ ލަތީފާ ގަދަވެ ހެޔޮހާލުގައި

ބޭބީ ލަތީފާ އުފަންވީ ދުވަސް ނުފުރަ އެވެ؛ އޭނާ އުފަންވީއިރު ބަރުދަނުގައި ހުރީ އެންމެ 250 ގްރާމެވެ. މިހާ ބަރުދަން ލުއި ކުދިން އާއްމު ގޮތެއްގައި މާ ގިނައިރަކު ދުނިޔެއަކު ނޯވެ އެވެ. އުފަންވާތާ އިރުކޮޅެއް ތެރޭގައި މީގެ ތެރެއިން ގިނަ ކުދިން މި ދުނިޔެއަށް އަލްވަދާއު ކިޔަ އެވެ. ނަމަވެސް އަބޫ ދާބީގެ ހޮސްޕިޓަލެއްގައި ވިހޭ ތުއްތު ލަތީފާއަކީ މިހާ ބަރުދަން ލުއިކޮށް އުފަންވެ ފުރާނަ ސަލާމަތްވީ މަދު ކުދިންގެ ތެރެއިން ކުއްޖެކެވެ.

ދުނިޔޭގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ބޭބީ ލަތީފާއަކީ މިހާތަނަށް ފުރާނަ ސަލާމަތްވި މިހާ ބަރުދަން ލުއި މަދު ކުދިންގެ ތެރެއިން ކުއްޖެކެވެ. މި ތުއްތު ކުއްޖާ އުފަންވުމަށްފަހު ޔޫއޭއީގެ ހޮސްޕިޓަލެއްގެ ނިއޯނެޓަލް އިންޓެންސިވް ކެއާ ޔުނިޓުގައި 177 ދުވަހު ބާއްވައިގެން ފަރުވާ ދީފައި ވެއެވެ.

ބޭބީ ލަތީފާ އުފަންވީ 2020 ގެ ޖޫން 24 ވަނަ ދުވަހު އަބޫ ދާބީގެ އެންއެމްސީ ރޯޔަލް ހޮސްޕިޓަލުގަ އެވެ. މި ތުއްތު ކުއްޖާ އުފަންވީ ބަނޑަށް 23 ހަފުތާ އާއި އެންމެ ދުވަހެއްގެ ތެރޭގަ އެވެ. ބަލިވެ އިނދެ ދެ ވަނަ ޓްރައިމިސްޓާގަ އެވެ. އޭނާގެ ބަރުދަނުގައި ހުރީ ބޮޑު އާފަލެއްގައި އެވްރެޖްކޮށް ހުންނަ ބަރުދަނެވެ.

ބޭބީ ލަތީފާގެ މައިންބަފައިންނަކީ އެމިރޭޓްސްގެ ދެމަފިރިން ކަމަށްވާ ފާތިމާ އުމަރު އާއި އަހުމަދު ހުސެއިން ސަލީމެވެ. ބޭބީ ލަތީފާގެ ބައްޕަ އަހުމަދަކީ ވިޔަފާރިވެރިއެކެވެ.

މި ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ވެސް މަރުވީ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުންނެވެ. އެހެންވެ ދެ ވަނަ ދަރިފުޅު ވެސް ދުވަސް ނުފުރާ ވިހެއުމުން ދެމަފިރިން ދެރަވެގެން ގޮސް ހިތް ހަލާކުވި އެވެ.

ބޭބީ ލަތީފާ އުފަންވީއިރު ކުޑަކަމުން މާ ގިނައިރު އޭނާ ދުނިޔޭގައި އޮންނާނެކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން އެ ދެމަފިރިން ކައިރީ ބުންޏެވެ. ނަމަވެސް ނިއޯނެޓަލް އައިސީޔޫގައި ފަރުވާދީ މި ތުއްތު ކުއްޖާގެ ފުރާނަ ވަނީ ސަލާމަތްވެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭބީ ލަތީފާގެ ބަރުދަން 3.825 ކިލޯ ގްރާމަށް ވަނީ އިތުރުވެފަ އެވެ. މައިންބަފައިން ކެނޑިނޭޅި ކުރަމުންދިޔަ ދުއާ އާއި ފަރުވާދިން ސިއްހީ އެހީތެރިކަންގެ މިންނަތް މަސައްކަތުން މި ތުއްތު ފުރާނަ ވަނީ މަރުން ސަލާމަތްވެފަ އެވެ.

ދުނިޔޭގެ ރިކޯޑް

އެމެރިކާގެ ޔުނިވަސިޓީ އޮފް އައިއޯވާގެ ޓައިނިއަސްޓް ބޭބީޒް ރަޖިސްޓްރީގައިވާ މައުލޫމާތުގައިވާ ގޮތުން މިހާތަނަށް ދުނިޔެއަށް އުފަންވެ ފުރާނަ ސަލާމަތްވި އެންމެ ބަރުދަން ލުއި ބޭބީގެ ބަރުދަނުގައި ހުރީ 245 ގްރާމެވެ. އެހެންކަމުން ދުނިޔޭގެ ރެކޯޑް އޮތީ މި ބޭބީ އަށެވެ. ތުއްތު ލަތީފާގެ ބަރުދަން ދުނިޔޭގެ ރެކޯޑް އޮތް އެ ބޭބީއަށް ވުރެ ފަސް ގްރާމް ބަރެވެ.

ދުނިޔޭގެ އެންމެ ބަރުދަން ލުއި ކުއްޖާ އުފަންވީ ސެން ޑިއާގޯގެ ހޮސްޕިޓަލެއްގައި 2018 ވަނަ އަހަރު އެވެ.

ބޭބީ ލަތީފާ ކުޑަކަމުން އޭނާއަށް ފަރުވާދީ ބެލެހެއްޓި ޑޮކްޓަރުންނާއި ނަރުހުންގެ އަތްތިލަ މަތީގައި އޭނާ ރީއްޗަށް ބާއްވާލެވޭ ކަމަށް އޭނާ ވިއްސި އަންހެނުންގެ ޚާއްސަ ޑޮކްޓަރު ރީތޫ ނަމްބިއާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭބީ ލަތީފާ އުފަންވީ އޭނާ ވިއްސަން އެއްވެސް ކަމެއް ނުކޮށް ހުއްޓާ ގުދުރަތީ ގޮތުންނެވެ.

"މި ތުއްތު ބޭބީ އަކީ މުއުޖިޒާތެއް ފަދަ ކުއްޖެއް ކަމާ މެދު ޝައްކެއް ނެތް. އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ހޮސްޕިޓަލުގެ އެޑްވާންސްޑް ލައިފް-ސަޕޯޓް ޓީމެއް ރެޔާ ދުވާލު މަސައްކަތް ކުރި،" ޑރ. ރީތޫ ވިދާޅުވި އެވެ.

ބޭބީ ލަތީފާއަކީ ހާއްސަ ކުއްޖަކަށް ވަނީ ކީއްވެ؟

އުފަންވީއިރު ބޭބީ ލަތީފާގެ ދިގު މިނުގައިހުރީ 29 ސެންޓިމީޓަރެވެ. ބަރުދަނުގައި ހުރީ 250 ގްރާމެވެ. ދުވަސްފުރާ އެވްރެޖް ކުއްޖެއްގެ ދިގުމިނުގައި 50 ސެންޓިމީޓަރު ހުރެ އެވެ. އަދި ބަރުދަނުގައި 2.5 ކިލޯގްރާމް އާއި ހަތަރު ކިލޯ ގްރާމާ ދެމެދުގެ އަދަދެއްގެ އުޅެ އެވެ. ބަރުދަން ލުއިވެ ކުޑަވުމުގެ އިތުރުން ބޭބީ ލަތީފާ އަށް އުފަންވީއިރު ވެސް ވަރަށް ގިނަ ސިއްހީ މައްސަލަތައް ވަނީ ދިމާވެފަ އެވެ.

"އެމެރިކާގައި 2018 ގައި އުފަންވި ދުނިޔޭގެ އެންމެ ތުއްތު ބޭބީ އަށް ވުރެ ބޭބީ ލަތީފާގެ ބަރުދަން ފަސް ގްރާމް އިތުރު ނަމަވެސް އެމެރިކާގައި އުފަންވި ބޭބީއަށް ވުރެ ބޭބީ ލަތީފާގެ ސިއްހީ މައްސަލަތައް މާ ގިނަ. އޭނާގެ ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް ހުރި. ލޭ މަދު. ކިޑްނީ ވަނީ ފެއިލްވެފަ. މިހެން ގޮސް ގިނަ ގުނަ މައްސަލަތައް މި ތުއްތު ކުއްޖާއަށް ދިމާވެފައިވޭ. އެހެންވެ ކުއްޖާއަށް ފަރުވާ ދިނީ ވެސް ކުޑަކުދިންގެ މިފަދަ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން،" ބޭބީ ލަތީފާ އަށް ފަރުވާ ދިނުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑޮކްޓަރު ލޮޕޭޒް ވިދާޅުވި އެވެ.

ބޭބީ ލަތީފާގެ މަންމަ ފާތިމާ ބުނި ގޮތުގައި އޭނާގެ ބަނޑަށް އެންމެ 23 ހަފުތާ ވީތަނާ ކުއްލިއަކަށް ވިހަން ބަނޑުގައި ރިއްސަން ފެށުމުން ބިރުން ގޮސް ހަލާކުވާ ވަރުވި އެވެ. އެއީ އޭނާގެ މުޅި ހަޔާތުގައި ވެސް އެންމެ ބޮޑަށް ބިރުގަން ދުވަސް ކަމަށް ފާތިމާ ބުންޏެވެ.

އޭނޭ ބޭނުން ނުވިޔަސް އެ ދުވަހު ބަނޑުގައި ރިއްސާފައި ވިހެއީ އެވެ. އޭގެ ފަހުން ދަރިފުޅު ހޮސްޕިޓަލުގައި އޮތް ފަސް މަހެއްހާ ދުވަހު ކޮންމެ ދުވަހަކު އެ ދެމަފިރިން ދަރިފުޅު ކައިރިއަށް ގޮސް އެތައް އިރަކު ދަރިފުޅާއެކު ހޭދަކުރެ އެވެ. ނަމަވެސް ދަރިފުޅު އުރާލުމުގެ ނަސީބު ވެސް އެމީހުންނަށް ލިބުނީ ގިނަ ދުވަސް ތަކެއް ފަހުންނެވެ.

"އެންމެ ފުރަތަމަ ވެސް އުރާލަން ލިބުނީ އުފަންވީތާ ދެ މަސް ދުވަސް ފަހުން. އޭރު ވެސް އުރާލަން ލިބެނީ ދުވާލަކު ގަޑިއެއްހާއިރު. ނަމަވެސް ކޮންމެ ދުވަހަކު ވެސް ހޮސްޕިޓަލަށް އައިސް ތުއްތު ދަރިފުޅުގެ ތުއްތު ތުއްތު އަތުގައި ހިފަހައްޓާލައިގެން އަހަރެމެން އެތައް އިރަކު ތިބެން،" ފާތިމާ ބުންޏެވެ.

ބޭބީ ލަތީފާގެ ބައްޕަ ބުނި ގޮތުގައި އޭނާގެ އަންހެނުން ކޮންމެ ދުވަހަކުވެސް އައިސް ބޭބީއަށް ގާތުން ކިރު ނަގާފައި ކިރު ވެސް ދެއެވެ.

ލަތީފާގެ ޑޮކްޓަރު ބުނި ގޮތުގައި ތުއްތު ލަތީފާގެ ސިއްހަތު އެހާ އަވަހަށް ރަނގަޅުވުމުގައި މައިންބަފައިން ބޭބީއާއެކު ހޭދަކުރި ގިނަ ގުނަ ވަގުތުތައް ވަރަށް މުހިއްމު ދައުރެއް ކުޅެ އެވެ. ބޭބީއަށް ފަރުވާ ދޭ ޓީމުގައި އެ ދެމަފިރިން ވެސް ބައިވެރިވެ ވަރަށް މުހިއްމު ދައުރެއް ކުޅުނެވެ. އޭނާއާއެކު ހޭދަކުރި ވަގުތުތަކުގެ ސަބަބުން ކަމަށް ގަބޫލު ކުރެވެ އެވެ.

ބޭބީ ލަތީފާ މިހާރު ގޭގައި މައިންބަފައިންނާއެކު އުފާވެރި ދިރިއުޅުމެއް ވަނީ އުޅެން ފަށާފަ އެވެ. އިންސާނުންގެ ކެތްތެރިކަމާއި ރޫހާނިއްޔަތުން ވަރަށް އުނދަގޫކަންކަން ވެސް ހައްލު ކުރެވިދާނެ ކަމުގެ އަލިގަދަ މިސާލެއްގެ ގޮތުގަ އެވެ.