ގުނަވަން ހަދިޔާ ކުރުމަކީ އަދިވެސް ގިނަ ބަޔަކު ބިރު ގަންނަ ކަމެކެވެ. ގުނަވަން ހަދިޔާ ކުރުމާ ގުޅޭ ގޮތުން މީހުންނަށް ހީކުރެވޭ ކުށް ހީތައް ވެސް ވަރަށް ގިނަ އެވެ. މިޒަމާނުގައި ވެސް ގުނަވަން ހަދިޔާކުރަން ގިނަ ބަޔަކު ފަސް ޖެހެނީ އެގޮތަށް މީހުން ދައްކާ ތަފާތު ވާހަކަތައް އަޑުއިވޭތީ އެވެ.
ހަމަ އެޔާއެކު ވެސް ގުނަވަން ހަދިޔާ ކުރާ މީހުން ދުވަހެއް ދުވަހަކަށް ގިނަވަމުން ދާކަން ވެސް އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.
ދުނިޔޭގެ މެޑިކަލް ހިސްޓްރީގައި ވެސް ވަރަށް ފާހަގަ ކޮށްލެވޭ މިފަދަ ހާދިސާއެއް ދާދިފަހުން ހިނގާފައި ވެއެވެ. ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް އޭނާގެ މުނިމާމަ ހަދިޔާކުރި ކިޑްނީ އަކުން އެ ކުއްޖާގެ ފުރާނަ ވަނީ ސަލާމަތް ކުރެވިފަ އެވެ. މިއީ އުމުރުން ދުވަސްވުމަކީ ކިޑްނީ ހަދިޔާކުރަން އޮތް ހުރަހެއް ކަމަށް ކުރިން ގަބޫލުކުރެވިފައިވާ ގަބޫލު ކުރުމާ ދިމާ އިދިކޮޅަށް ހިނގާފައިވާ ކަމެކެވެ.
ހަތްދިހަ އަހަރުގެ މުނި މާމަ އާއި ހަތަރު އަހަރުގެ މި ކުއްޖާގެ އުމުރުގައިވާ ތަފާތު ބޮޑުކަމުން މި ޓްރާންސްޕްލާންޓް ހެދި ޑޮކްޓަރުން ވެސް ބުނި ގޮތުގައި މިއީ މިހާތަނަށް ދުނިޔޭގައި ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަނަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި ޔުނީކް ޑަބަލް-އޮޕަރޭޝަން ކޮށްފައި ވަނީ އިންޑިޔާގެ މުމްބައިގެ ކޮކީލާބެން ދީރޫބާއީ އަމްބާނީ ހޮސްޕިޓަލުގައި މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
އެ ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އެންޑް ހެޑް އޮފް ނެފްރޮލޮޖީ ޑރ. ޝަރަދު ޝޭތު ވިދާޅުވީ ތުއްތު އަންހެންކުއްޖާ އައިޒާ ތަންވީރު ގުރޭޝީގެ ކިޑްނީގެ ބޮޑު ބައްޔެއް ހުރެގެން ކިޑްނީ ފެއިލްވެ ފުރާނައަށް ގެއްލުންވެދާނެ ކަމުގެ ބިރު ވަރަށް ބޮޑު ވަރަށް އިމަޖެންސީކޮށް އޭނާއަށް ކިޑްނީއެއް ބޭނުންވި އެވެ. އަދި ކިޑްނީއެއް ނުލިބިއްޖެނަމަ މި ކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވިދާނެކަމުގެ ބިރު ވަރަށް ބޮޑުވި އެވެ.
"އައިޒާ އަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިފުޅު. އެ ކުއްޖާ ހޮސްޕިޓަލަށް ގެނައިއިރު ވެސް މޫނުދުޅަވެ ވަރަށް ބަލި ހާލު ގޯސްވެފައި އޮތީ. އަދި ވީހާވެސް އަވަހަކަށް ކިޑްނީ ބަދަލުކުރަން ޖެހޭ،" ޑޮކްޓަރު ވިދާޅުވި އެވެ.
މި ކުއްޖާގެ އާއިލާގެ އެންމެން ވެސް ކުއްޖާއަށް ކިޑްނީ ދޭން ތައްޔާރެވެ. ނަމަވެސް އޭނާގެ މަންމަ ފަރާތު މުނި މާމަ ފިޔަވައި އެހެން އެއްވެސް މީހެއްގެ ކިޑްނީ އެ ކުއްޖާއަކާ މެޗެއް ނުވި އެވެ. ކުއްޖާގެ މުނިމާމަ ރާބިއާ ބާނޫގެ ކިޑްނީ ކުއްޖާއަށް މުޅިން ބަރާބަރެވެ.
މުނިމާމަ އަކީ އުމުރުން ދުވަސްވެފައި ހުރި މީހެއް ނަމަވެސް ސިއްހަތު މުޅިން ބަރާބަރެވެ. އަދި ލޭގެ ގްރޫޕް ވެސް މުނިމާމަ އާއި ކުޑަކުއްޖާ އާ ގުޅެ އެވެ. ނަމަވެސް މުނިމާމަ ނޫން އެހެން މީހެއްގެ ކިޑްނީ ލިބެން ނެތުމުން ޑޮކްޓަރުން ވަރަށް ގިނަ ޓެސްޓްތައް ހަދައި ވަރަށް ދިރާސާ ކުރުމަށްފަހު މުނިމާމަގެ ކިޑްނީ ކުއްޖާއަށް ލެއްވުން ރަނގަޅުކަމަށް ނިންމީ އެވެ.
މިހާރު ޓްރާންސްޕްލާންޓް ހެދިތާ ތިން ހަފުތާ ފާއިތުވެފައިވާއިރު ކުޑަ ކުއްޖާ އާއި އޭނާގެ މުނިމާމަގެ ހާލުވެސް މުޅިން ރަނގަޅެވެ. ކިޑްނީ ހަދިޔާކުރި މުނިމާމަ އަށް ފަސް ދުވަހުގެ ތެރޭގައި ގެއަށް ދާން ހުއްދަ ލިބުނުއިރު ކުޑަ ކުއްޖާ ވެސް ވަނީ ދެހަފުތާއެއްހާ ދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ގެޔަށް ފޮނުވާފަ އެވެ.
އައިޒާގެ މަންމަ ނާޒްނީން އާއި ބައްޕަ ތަންވީރު ގުރޭޝީ ބުނި ގޮތުގައި ކުޑަ ދަރިފުޅު ގަދަ ވޭނުގައި އިންތިހާއަށް ބަލި ހާލު ތަހައްމަލުކުރަމުންދިޔަ ތަން ބަލަން އެމީހުންނަށް ކެތް ކުރެވޭ ވަރެއް ވެސް ނޫނެވެ. އެހާވެސް ދަރިފުޅުގެ ހާލު އޮތީ ދެރަވެފަ އެވެ. ދެ ދުވަހުން އެއް ދުވަހު ގޮތަކަށް ޑައިލިސިސް ހަދަމުން ގެންދިޔައިރު ދަރިފުޅުގެ ގައިގައި އެޅި ވޭން ފެނިފައި އެމީހުން ތިބީ ހިތް ފަލައިގެން ދާވަރު ވެފައި ކަމަށާއި މުނިމާމަ ކިޑްނީ ހަދިޔާކޮށް ކުޑަކުޑަ އައިޒާގެ ފުރާނަ ސަލާމަތްކޮށްދީ އޭނާއަށް އެހެން ކުދިން ފަދައިން އާދައިގެ ދިރިއުޅުމެއް އުލެވޭނެ މަގު ފަހިކޮށްދިނީތީ އެމީހުން މުނިމާމައަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށް ދެމަފިރިން ބުންޏެވެ.
ޑރ. ޝޭތު ބުނި ގޮތުގައި ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގައި އޭނާ ހޭދަކުރި 40 އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާތަނަށް މިފަދަ ކޭސް އެއް ފެނިފައެއް ނެތެވެ. މިހާ ބޮޑު އުމުރުގެ ތަފާތަކާ އެކު ވެސް މި ޓްރާންސްޕްލާންޓް ކާމިޔާބުވީތީ އޭނާވެސް ވަރަށް އުފާވެއްޖެ ކަމަށް ޑޮކްޓަރު ބުންޏެވެ.