ލައިފްސްޓައިލް

އެކި ފެންވަރަށް ފިޓްވާން ބުނެދިނުން މުހިންމު

ގިނަ މީހުންނަށް ރޯދަ މަސް ސިފަވަނީ އެކި ވައްތަރުގެ ތަފާތު ބާވަތްތަކުން ގޭގެ ކާ މޭޒުމަތި ފުރާލުމެވެ. ހާއްސަކޮށް އެ ގެއެއްގައި ކުޑަކުދިން ރޯދައަށް ތިބޭނަމަ އެ ކުއްޖަކު ކާ ހިއްވާ ދެ ތިން ވައްތަރެއް ހުރުން ލާޒިމު ކަމުގައި ދެކެ އެވެ.

އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

އެކި މީހުންގެ ދިރިއުޅުން އެކި ފެންވަރުގައި އެކި ގިންތީގައި ހުންނާނެ އިރު އަބަދު އެކައްޗެއް ކާން ހުރުމުން ޝަކުވާތައް ގިނަވެ، ތައްޔާރު ކޮށްފައިވާ ހުންނަ ކާ ތަކެއްޗަށް ފާޑުކިޔުންތައް ވެސް އާދެ އެވެ. ބޮޑެތި މީހުންގެ ފަރާތުން ފެންނަ މިކަހަ ކަންތައް ކުޑަކުދިން ކޮޕީކޮށް، ބޮޑާ ހާކައި އެ ކުދިން ރުއްސުވާން ބައެއް ބެލެނިވެރިން، މީހުން އަތުން ދަރަނި ނަގައިގެން ވެސް އެއްޗެހި ހޯދައި ދެއެވެ. މީ ހަމައެކަނި ރޯދަމަހު ކުރާ ކަމެއް ނޫނެވެ.

ރޯދަމަހުގެ މަގްސަދު ހާސިލް ކުރުމަށް ބޭނުން ވަނީ މީރު ކާނާ އެކަންޏެއް ނޫނެވެ. ރީތި އަދަބުތައް ދަސްކޮށްދީ، ލިބޭ މިންވަރުން ފުއްދައިގެން އުޅުމަށް ވެސް އިސްލާމް ދީން ބާރުއަޅަ އެވެ. ނަމަވެސް ކުދިން ދެކެވާ ލޯބިން އެ ކުދިންނަށް ދަސްކޮށް ދެވެނީ ގޯސް އާދަތަކެއް ކަމާއި މެދު ބައެއް ބެލެނިވެރިންނަށް އެއްބަހެއް ނުވެވެ އެވެ. ދަރަނިވެރިވެގެން ހޯދާ ކާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވާނީ ލިބޭ މިންވަރުން ފުއްދައިގެން ހަޔާތުގައި ކުރިއަށް ދިއުމެވެ. އެކަން ކުދިންނަށް ވިސްނަދިނުމުން، އާއިލާ ތެރޭ ކުދިންނާއި އެހެން މީހުންގެ ކުދިންނާއި ޖެހޭ މައްސަލަތައް ވެސް މަދުވާނެ އެވެ.

އެކި މިޒާޖުގެ ކުދިންނާއި ދިމާވި ކަމުގައިވީ ނަމަވެސް، އެހެން ކުދިންގެ ފަރާތުން ލިބޭ މަލާމާތާއި ފުރައްސާރަތަކަށް ކެރިގެން ކުރިމަތި ލާނެ ކުދިބައެއްގެ ގޮތުގައި އެކުދިންވާނެ އެވެ. އޭރަށް މީހުން ބޭނުންކޮށްފައިވާ ސެކަންޑްހޭންޑް އެއްޗެތި ބޭނުން ކުރަން ލަދެއް ނުގަންނާނެ އެވެ.

އެފަދަ ތަކެތި ބޭނުން ކުރުމަކީ ދެއްކުންތެރި ކަމެއް ނެތްކަމާއި، ބޮޑާވެ ކިބުރުވެރިންނަށް ނުވުމުގެ ވެސް އެއް ހަތިޔާރެވެ. ނަމަވެސް ގިނައިން ފެންނަމުން ދަނީ ބޮޑު ދަރަނީގައި ޗުއްޓީއަށް ވެސް ބޭރުގައިމުތަކަށް ދާ އާއިލާތަކެވެ. އެއީ ކުދިން އުފާ ކުރުވުމުގެ ބޭނުމުގަ އެވެ. މި ގޮތަށް ކަންތައް ކުރުމުން ފަހުން އޭގެ ނަތީޖާ ހިތި ވާނެ އެވެ. ނެގި ދަރަނި ނުދެއްކި ބޮޑަށް ދަރަނިވެރިވާނެ އެވެ.