މިއީ ކޮންކަހަލަ ތަޖުރިބާއެއް ހެއްޔެވެ؟ ރޯދަ މަހުގެ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމަކާ ނުލައި މިއަހަރު މިތިބީ ރޯދަ ހިފަން ފަށައިގެނެވެ. ބޮޑުވެގެންވާ ބަލާއާފާތެއްގެ ހާސްކަމުގެ ތެރެއަށް އެންމެން ގަންބާލާފައި ވަނިކޮށް، ނަފުސު ހޭލައްވާލަ ދޭން ރޯދަ މަސް މިއޮތީ އައިސް ބައްދަލުވެފަ އެވެ. -- ރަމަޟާން މުބާރިކް!
މުސްލިމު އެހެން ގައުމުތައް ފަދައިން ރޯދަ މަހަށް ތައްޔާރުވާން ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުން އައި ވަރަށް ގިނަ ކަންކަން ދިވެހި އާދަ އާއި ސަގާފަތުގެ ގޮތުގައި ހުރެ އެވެ. އެ އާދަތަކުގެ ތެރެއަށް ބައެއް އާކަންކަން އިތުރުވަމުން ބައެއް ކަންކަން އުނިވަމުން ވެސް ދޭމެ އެވެ. ރޯދައަށް ގޯއްޗަށް ދޮންވެލި ލާ މީހުން މިހާރު އެކަން ދޫކޮށްލާފައި އޮވެދާނެ އެވެ. އަދި ރޯދައަށް ގޯއްޗަށް ކަށިވެލި ލާ މީހުން އެކަން މިހާރު ވެސް ކުރާ ކަމެއްގެ ގޮތުގައި ހިނގަ ހިނގާ އޮވެދާނެ އެވެ. އަދި މިހާރު ރޯދަ މަހު މުޅި ގޯތީގައި އިންޓަލޮކިން ގާ އަތުރާ މީހުން ވެސް ތިބެދާނެ އެވެ.
ގޮތްފޮތުގެ ވައްޓަފާޅިއަށް އަބަދުވެސް ބަދަލު އާދެ އެވެ؛ އެއް ބަޔަކު ބަދިގެ ފޮޅާ ސާފުކުރެ އެވެ. އަނެއް ބަޔަކު ހަވާދު ހެދުމާއި ކާންބޯން ބޭނުންކުރާ ސާމާނު ގަނޑުކޮށް ހޯދުން ފަދަ ކަންކަން ކުރެ އެވެ. މިވެސް އާދައިގެ ތެރެއިން ބައެކެވެ. އެއް ބަޔަކު ހަތިމެއް ހޯދަ އެވެ. އަނެއް ބަޔަކު މުސައްލަ އާ ކުރެ އެވެ.
ރޯދައިގެ ތައްޔާރީތަކުގެ ތެެރެއަށް ފަހަކަށް އައިސް ބޮޑެތި ބަދަލުތައް ވެސް އައިސްފައި ވިޔަސް މާލޭގައި އުޅޭ ދަރިންނަށްޓަކައި ރޯދައަށް އެހީވެލައިދޭން ރަށުގައި އޮންނަ އާއިލާއިން ދުރާލައި ހަވާދު ދަވައި ދަޅު ދަޅަށް އަޅައިދޭ އާދަ އާއި ފަތް ތެލުލައި ދޭ އާދަ އަދިވެސް އޮވެ އެވެ. އަސާރަ އާއި ފާޑުފާޑުގެ ހަދިޔާ ދަޅުތައް ތައްޔާރުކޮށް ދެއެވެ.
ރަށުން އަންނަ ގިނަ ބައިވަރު ހަދިޔާތައް ހިމެނޭ ހަދިޔާ ފޮށިގަނޑަކީ ރޯދަ މަހަށް މުހިންމު ފޮށިގަނޑަކަށް ވެފައި އަބަދުވެސް އޮވެ އެވެ. އެއީ އިންތިޒާރު ކުރެވޭ ފޮށިގަނޑަކަށް ވެފައި އޮވެ އެވެ. އެހެންވާން ޖެހެނީ ރޯދަ ކަނޑާ ގަޑީގައި އެއްބަޔަކަށް ރަށު ހަވާދުގެ ރިހަ ނެތިއްޔާ ރަނގަޅަށް ރޯދަ ވީއްލޭ ކަމަކަށް ނުވެއެވެ. އަނެއް ބަޔަކަށް މަންމަގެ އަތުން ހާނައި ތެލުލާފައި ހުންނަ ރިހާކުރާއި މުރަނަ ރޮށި ވަރެއް ތަރާވީސް ގަޑީގައި ނޯވެ އެވެ. ބޮޑު ދައިތަ ތެލުލި ފަތް ދަޅައި ނުލައި ހާރު ކެވޭ ކަމަށް ނުވާ މީހުން ވެސް އުޅެ އެވެ.
މި އަހަރު މުޅީން ތަފާތެވެ؛ ކޮރޯނާ ވައިރަހުގެ ބިރުވެރި ކަމާއި ހާސް ކަމުގެ ތެރޭގައި އެންމެނާއި ގައުމު "ބަނދެ ބަންދުކޮށްފައި" ވުމުގެ ސަބަބުން މި އަހަރު ރޯދަ އައީ އެހެންޏާ އޮންނަ ބޮޑު އިސްރާފުގެ މާހެފުމަކާވެސް ނުލަ އެވެ. އެއްކަލަ ރޯދަ ސޭލްގައި ބައިވެރުމަކާ ވެސް ނުލަ އެވެ. ބޮޑެތި ލަކީ ޑްރޯތަކުގެ މަތީން ހަނދާން ކުރާނެ މީހަކު ވެސް ނުވި އެވެ. ކުލަ އާ ކޮށްލެވޭނެ ވަރު ވެސް ނުވި އެވެ. ރަށުން މާލެ އައި މީހުނަށް ރަށަކަށް ނުދެވުނެވެ. ރަށުގައި ތިބި މީހުނަށް މާލެއަށް ނާދެވުނެވެ.
އެހެންޏާ ވިއްޔާ ރޯދަ މަހަށް އެހީވެލައި ދޭން "ލޯބިވާ ދަރިފުޅަށް" ޖެހި ބޮޑު ހަދިޔާ ފޮށިގަނޑެއް ހިފައިގެން މަންމަމެން ރޯދައަށް މާލެ އަންނާނެ އެވެ. މި އަހަރު އެއްމެ އާއިލާ އަކަށް ވެސް ރަށުކޮޅުން ރޯދައަށް ހަދިޔާ ފޮށިގަނޑެއް ލިބުނު ހެނެއް ހީއެއް ނުވެ އެވެ. މަންމަ އަށް ވެސް ބައްޕައަށް ވެސް ދަރިންނާ ހަމައަށް އާދެވޭވަރެއް ނުވި އެވެ.
ރޯދައަށް މާލެ އަންނަ އާއިލާގެ ހަދިޔާ ފޮށިގަނޑަކީ ފިސާރި ފޮށިގަނޑެކެވެ. އޭގައި ނެތްއެއްޗެއް ނޯންނާނެއޭ ބުނެވިދާނެ އެވެ. ރަށުގައި ބޮޑު އުނދުނުގައި ތައްޔާރު ކުރާ ހަވާދާއި ރިހާކުރާއި ވަޅޯ މަހެވެ. އެކި ޒާތްޒާތުގެ ފަތްތަކެވެ. ގޯތީގައި މޭވާ އެއް އަޅާ ގަހެއް ހުރިނަމަ އެ ގަހެއްގައި ހުރިއްޔާ ހުރި މޭވާ އެކެވެ. ރުކެއް ހުރިއްޔާ އެ ރުކުގެ ވެސް އޮތްހާ އެއްޗެކެވެ.
ދަރީންދެކެ ވާ ލޯތްބާއި ދަރީންނަށް އޮންނަ ކުލުނުގެ ބޮޑު ކަމުން ނަފްސަށް ބޭނުން ކޮށްލާނެ އެއްޗެއް ވެސް ނުބަހައްޓާ ހުރިހާ ސާމާނެއް އެއް ފޮށިގަނޑަކަށް އަޅައިލަނީ އެވެ. މިއަދާ ކޮންމެ އަހަރަކު ވެސް ހިނގަ ހިނގާ އޮވެ އެވެ. އެކަމަކު ކަން ދިމާ ކުރި ގޮތުން މިއަހަރު އެހެން ނުވީ އެވެ. މާތް ﷲ ރުއްސެވިއްޔާ އަންނަ އަހަރުގެ ރޯދަ ހަދިޔާ ފޮށިގަނޑަށް އިންތިޒާރު ކުރަމާ ހިނގާށެވެ.