ލައިފްސްޓައިލް

ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ހީކޮށް އެކަހެރި 10 އަހަރު!

މިހާރު 72 އަހަރު ފުރިފައިވާ ޗަރަތު ރަކްމުއެންގެ އުމުރުން 60 ވަރަކަށް އަހަރު ވީތަނާ އޭނާގެ ގައިގައި ވަރަށް ތަދުވާ ފޮޅުތަކެއް ނެގި އެވެ. ތައިލެންޑްގައި ދިރިއުޅޭ މި މީހާ ހީކުރީ އެއީ ހަމުގެ ބައްޔަކަށް ވާތީ އޭނާގެ ގައިން އާއިލާގެ މީހުންނަށާއި އަވަށުގެ މީހުންނަށް މި ބަލި އަރާފާނެ ކަމަށެވެ. އެހެންވެ އަވަށް ދޫކޮށް ޖަންގަލި ތެރޭގައި ކުޑަ ޖިފުޓިއެއް ޖަހައިގެން އެކަނިމާއެކަނި އެތަނުގައި ދިރިއުޅެން ފެށި އެވެ.

އެއްވެސް މީހަކާ ބައްދަލު ކުރަން އޭގެ ފަހުން ޗަރަތު ދެކޮޅު ހެދި އެވެ. ހަމައެކަނި އޭނާގެ އަންހެނުން ފިޔަވަ އެވެ. އޭނާގެ އަންހެނުން ކޮންމެ ދުވަހަކު ވެސް އައިސް ކާއެއްޗިއްސާއި ބޭސް ދީފައި ދަނީ އެވެ.

މިގޮތަށް ޗަރަތު ދިރިއުޅޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން އޭނާ ބެލި ޑޮކްޓަރަކު ވަނީ އޭނާގެ ހަމަށް ޖެހިފައިވާ ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ކަމަށާއި އެކަހެރިކޮށް އުޅުމަކީ ބޭނުން ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަސްލު މި މީހާއަށް ޖެހިފައިވަނީ އޮޓޯ އިމިއުން ބައްޔެކެވެ. ފޮޅުތަކުގެ ސަބަބުން ޗަރަތު ވަނީ ފާއިތުވީ ދުވަސްތަކުގައި ވަރަށް ގިނަ ވޭން ތަހައްމަލު ކޮށްފަ އެވެ.

އެހިސާބުގަނޑުގެ އޮފިޝަލުންތަކަކަށް ޗަރަތުގެ ވާހަކަ އިވުމާއެކު މެޑިކަލް ޓީމެއް ގޮވައިގެން އޭނާއާ ބައްދަލު ކުރަން ދިޔަ އެވެ. އަދި ޑޮކްޓަރުން ބެލި ބެލުމުން އެނގުނީ މި މީހާގެ ގައިގައި ހުރީ ޕެމްޕިގަސް ފޮލިއޭޝަސް ކިޔާ ބައްޔެކެވެ. މިއީ އެއްގޮތަކަށް ވެސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ޗަރަތު އަށް ބޭސްކުރާ ޑރ. ތިވަންޕޯން ސްރިޗަންތޮންގް ވިދާޅުވީ ޓްރޮޕިކަލް މެޑިސިން އިން ޗަރަތުގެ ބައްޔަށް ބޭސް ކުރެވޭނެ ކަމަށާއި މިހާ ދުވަހު ބޭސް ނުކޮށް ހުރީ މީހުންގެ ތެރެޔަށް ނުކުންނަން ޗަރަތު ގަންނަ ބިރަކުން ކަމަށެވެ. އެހެންވެ 10 އަހަރު ދުވަހު ޑޮކްޓަރަކަށް ނުދައްކާ މީހުންނަށް ފިލައިގެން އުޅުނީ އެވެ.

ޗަރަތުގެ ގައިގައި ހުރި ފޮޅުތައް ފަޅައިގެން ގޮސް ފާރުވުމުގެ ސަބަބުން އެ ތަންތަނުގައި ވޭން އަޅާތީ އެއްވެސް މަސައްކަތެއް ނުކުރެވޭތާ ވެސް ގިނަ ދުވަސްތަކެއް ވެސް ކަމަށް އޭނާ ބުންޏެވެ.

ޗަރަތު ބުނި ގޮތުގައި ބައެއް ފަހަރު މާ ބޮޑަށް ތަދުވާން ފެށުމުން ފާމަސީއަކުން ބޭހެއް ހޯދައިގެން ބޭނުންކުރެ އެވެ. ނަމަވެސް ގައިގެ ފާރުތައް ގިނަވެ އަބަދު ތަދުވާތީ އެއްގޮތަކަށް ވެސް މަސައްކަތް ނުކުރެވޭތީ ބޭސް ގަންނަން ވެސް ފައިސާ ނުހުންނަ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަކަށް ނޭނގެ އަހަރެންނަށް ޖެހުނީ ކޮން ކަހަލަ ބައްޔެއް ކަމެއް. އަންހެނުންނާއި އަވަށުގެ މީހުންގެ ގަޔަށް މި ބަލި އަރާފާނެތީ ބިރުން އަހަރެން މާ ދުރުގައި ދިރިއުޅެން ފެށީ،" އޭނާ ބުންޏެވެ.

އޭނާގެ ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫންކަން ޗަރަތު އަށް މިހާރު އެނގިފައި ވިޔަސް އަދިވެސް އާންމުންގެ ތެރޭގައި ދިރިއުޅުމަށް އޭނާ ފަސްޖެހެ އެވެ. އެހެންވެ އަދިވެސް އޭނާ ހުރީ ކުރިން ވެސް އުޅުނު ޖިފުޓީގަ އެވެ.