ހަބަރު

މާރަމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެ ފިހާރަކަށް ގެއްލުން

ވިލިމާލޭގައި ހިންގި މާރަމާރީއެއްގެ ތެރޭ ކުޑަ ކުއްޖަކަށް އަނިޔާވެ ފިހާރައަކަށް ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ ރޭ 11:12 ގައި ވިލިމާލެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ސަރަހައްދަށް ފުލުހުން ގޮސް ބެލިބެލުމުން އެއީ އެ ސަރަހައްދުގައި ހިނގި މާރަމާރީއެއްގެ ތެރޭ ހިނގި ކަމެއް ކަން އެނގިފައިވާ ކަމަށެވެ. ރޭގެ އެ މާރަމާރީ ހިންގާފައި ވަނީ ދެ ގްރޫޕެއްގެ މެދުގައި ކަމަށް ވެސް ފުލުހުން ބުންނެވެ.

އެ މާރަމާރީގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެ ވިލިމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވެ އެވެ. ފުލުހުން ބުނީ އެ ކުއްޖާގެ ބޮލުން ކުޑަ ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.