ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްގައި ހުރި ފައިސާ ދައުލަތަށް ނަގަން ކޯޓު އަމުރެއް ނެރެ ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސަބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން ޔާމީންގެ އެކައުންޓުގައި ހުރި އެ މައްސަލައާ ގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ވަން ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނީގެ އެކައުންޓަން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.
އެ މައްސަލަ މިހާރު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
ރައީސް ޔާމީނަށް ތާއީދު ކުރާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރާ ގޮތުގައި އެމަނިކުފާނަށް އިއްވާފައި ވަނީ ނުހައްގު ހުކުމެކެވެ. އަދި އެ ކޯލިޝަނުން ދަނީ އެމަނކުފާނު މިނިވަން ކުރުމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ. އަދި މި ޕެޓިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.