ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާތީ އެމަނިކުފާނުގެ އެކައުންޓްގައި ހުރި އެ މައްސަލައިގެ ފައިސާ ދައުލަތަށް ނަގަން އެމަނިކުފާނަށް އިއްވި ހުކުމުގެ އިތުރަށް އެހެން އަމުރެއް ނެރުމަކީ ކުރިން ކުރި ހުކުމަށް ބަދަލު ގެނައުން ކަމަށާއި އެ ގޮތަށް އެ ކަމެއް ކުރަން ގާނޫނު ތަން ނުދޭ ކަމަށް އެމަނިކުފާނުގެ ބައެއް ވަކީލުން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ނެގުމަށް ވެސް ހުކުމުގައިވެ އެވެ.
އެކަމަކު އެމަނިކުފާނުގެ އެކައުންޓްގައި ހުރި އެ ފައިސާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ނެތެވެ. އެހެންވުމާއެކު ރައީސް ޔާމީންގެ އެކައުންޓްގައި ހުރި މަނީ ލޯންޑަކުރި ކަމަށް ބުނާ ފައިސާ ދައުލަތަށް ނަގަން ކޯޓުން އަމުރެއް ނެރެދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވަނީ މިއަދު އެދިފަ އެވެ.
މިކަމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ފަރާތްތަކުން ވަނީ ޓްވީޓާގައި ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ ގޮތުން ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ ޝަރީއަތް ކުރިއަށް ދިޔައިރު ދައުލަތަށް ފައިސާ ނަގަން ޕީޖީން އެދިފައިނުވާއިރު އޭގެ ދުވަސްތަކެއް ފަހުން އެދުމުން އެމަނިކުފާނުގެ ވަކީލުން ވަނީ ފާޑުވިދާޅުވެފަ އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ސިޔާޒު ވިދާޅުވީ ޕީޖީގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކަމަށް އެދިފައި ނުވާ ކަމަށާއި އަދި ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު ވެސް ދައުލަތަށް އެ ފައިސާ ނަގަން އަމުރުކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން މިހާރު ދައުލަތަށް އެ ފައިސާ ނަގަން އަމުރު ނެރުމަކީ ހުކުމަށް ބަދަލު ގެނައުން ކަމަށާއި އެއީ ނުކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ނުވާ ކަމެއް އަދި މައްސަލައިގެ ހުކުމް ލިޔުނު ފަރާތަށް ވެސް ހުކުމް ތެރޭގައި ހިމެނުމަށް ހަނދާން ނެތިފައި އޮތް ކަމެއް ކުއްލިއަކަށް ހަނދާން ނެތިފައި އޮތް ކަމެއް ކުއްލިއަކަށް ހަނދާންވެ ކޯޓު އަމުރަކަށް އެދުމަކީ ހުކުމަށް ބަދަލު ގެނައުން ކަމުގައި ނޫނީ ނުވާނެ،" ސިނާޒު ވިދާޅުވި އެވެ.
ވަކީލު އަހްމަދު އާސިފު ވިދާޅުވީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލަތަކުގައި ދައުލަތަށް އެއްވެސް ފައިސާއެއް ނަގަން ޖެހޭނަމަ އެ ކަމެއް އެ މައްސަލާގައި ކޯޓުން ކުރާ ހުކުމުގައި ހިމަނަން ޖެހޭ ކަމަށެވެ. ގާނޫނުގައި އެ ބުނާ މާއްދާގައި ވަނީ އެފަދަ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް ކުރާއިރު ދައުލަތަށް ނަގަން ޖެހޭ ފައިސާއެއް ނުވަތަ މުދަލެއްވާނަމަ އެއެއް ނެގުމަށް ހުކުމުގައި ހިމަނަން އޮވެ އެވެ.
"ދައުވާ އުފުލާއިރު ދައުވާ އޮންނަން ވީ ގޮތް ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި އަދި ކުށް ސާބިތުވާ ކަމަށް ނިޔާ އިއްވާއިރު ހިމަނަން ޖެހޭ ބައިތައް ގާނޫނުގެ 156 މާއްދާގައި އޮވޭ. އެއް މިލިއަން ޑޮލަރު ދައުލަތަށް ނަގަން އެދޭ ވާހަކަ ދައުވާގެ ސީދާ ސަބަބުތަކުގައި ނެތް އަދި އެއް މިލިއަން ޑޮލަރު ނަގަން ހުކުމުގައި ވެސް ނެތް." އާސިފު ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނުގައި ހުކުމަށް ބަދަލު ގެންނާނެ ހާލަތްތައް ކަމުގައި ބަޔާން ކޮށްފައިވާ މާއްދާ ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން ހުކުމް އިއްވުމަށްފަހު، ހުކުމަށް ބަދަލެއް ގެނެވޭނީ ހިސާބު ޖެހުމުގައި އަރާފައި އޮތް އޮޅުމެއް ނުވަތަ އިމްލާ ކުށެއް ނުވަތަ ހާމަކަން ބޮޑު ގޮތެއްގައި އޮޅިގެން އުނިވެފައިވާ ތަނެއް އިސްލާހު ކުރުމަށެވެ. އެހެން ގޮތަކަށް ހުކުމަށް އުނިއިތުރު ކަމެއް ނުގެވޭނެ ކަމަށް އާސިފު ވިދާޅުވި އެވެ.
ވަކީލު އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައި ވަނިކޮށް ޕީޖީން މިހާރު އުޅެނީ އެ ކަން "ސަކަރާތަކަށް" ހަދައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތަށް މުދާ ނެގުމުގެ ބައަކީ ސީދާ މައްސަލައިގެ ހުކުމުގައި އޮންނަން ޖެހޭ ކަމެއް ކަމަށާއި ދަށު ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު އެ ކަމެއް ޕީޖީން އެދިފައި ވެސް ނުވާތީ، ހުކުމަށް އިތުރު ބަދަލު ނުގެނެވޭނެ ކަމަށެވެ.
އެ މައްސަލަ މިހާރު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.