ހުސްވެފައިވާ ގައުމީ ފުޓްބޯޅަ ކޯޗުގެ މަގާމަށް ގެންނާނީ ވޯލްޑް ކަޕުގައި ކޯޗުކޮށްދީފައިވާ ކޯޗެއް ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ އެ ފެންވަރުގެ ކޯޗަކު ގެންނަކަން އިއުލާނު ކުރުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މިވަގުތު އެ ކޯޗަކީ ކާކުކަން ބުނަން އެފްއޭއެމުން ބޭނުމެއްނުވެ އެވެ.
ނަމަވެސް އަލަށް ގެންނަ ކޯޗު ވެގެންދާނީ ކުޅުންތެރިންގެ އަހުލާގު ހިފަހައްޓައި މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި ގެންގުޅެވޭ ފެންވަރުގެ މީހަކަށް ކަމަށް ކަމަށް ގައުމީ ފުޓްބޯޅަ އިދާރާއިން ބުނެ އެވެ.
ގައުމީ ކޯޗުގެ މަގާމު ހުސްވީ އަހުލާގީ މައްސަލަތަކަކާހުރެ ނިއުގެ ކުރީގެ ކޯޗު ބަލްގޭރިޔާގެ ވެލީޒާ ޕޮޕޯފް ގައުމީ ކޯޗުކަމުން މި މަހު ކުރީކޮޅު ވަކިކުރުމުންނެވެ.
ކޯޗުގެ މަގާމު ހުސްވެފައި އޮތުމުން ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ އެކު އަންނަ މަހު އަށެއްގައި ރާއްޖެ ކުޅޭ މެޗުގައި ޓީމަށް އިރުޝާދުދޭނީ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) އެވެ.
ޝަވީދު ކުރިން ވިދާޅުވީ މި މެޗުގެ ކުރިން ކޯޗަކު ހަމަޖެހުނު ނަމަވެސް މެޗު ނިމެންދެން ޓީމުގައި އިސްކޮށް ހުންނާނީ ވެސް އިންމަ ކަމަށެވެ. ޗައިނާ މެޗުގެ ކުރިން ފިލިޕީންސްގައި އެކުވެރިކަމުގެ ދެ މެޗު ކުޅެން ގައުމީ ޓީމު މިއަދު ހެނދުނުވަނީ ފުރައިފަ އެވެ.