މޭވާ ޖޫހުން ލިބޭނެ ފައިދާތަކުގެ ވާހަކަތައް ހިތަށް އަރާފައި ބައެއް މީހުން ގިނަ ގިނައިން ޖޫސް ބޮއެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި ގިނައިން ޖޫސް ބުއިމުން އިންސާނާގެ ސިއްހަތަށް ވަރަށް ގިނަ ނުރައްކާތައް ކުރިމަތިވެ އެވެ.
އެމޯރީ ޔުނިވަސިޓީގެ ސައިންސްވެރިން ދާދިފަހުން ވަނީ އުމުރުން ދުވަސްވީ މީހުން ޖޫސް ބުއިމުން އެމީހުންގެ އުމުރަށް އަންނަ ބަދަލާއި ދުނިޔޭގައި އެވްރެޖްކޮށް ތިބޭ މުއްދަތު ހޯދުމަށް ޑޭޓާތަކެއް ދިރާސާ ކޮށްފަ އެވެ.
މިއީ "ދަ ރީޒަންސް ފޯ ޖިއޮގްރަފިކް އެންޑް ރޭޝިއަލް ޑިފަރެންސަސް އިން ސްޓްރޯކްސް" (ރިގާޑްސް) ކިޔާ އޮގަނައިޒޭޝަނަކުން އެއްކޮށްފައިވާ މައުލޫމާތު ތަކެކެވެ. މި މައުލޫމާތު ހޯދަން ކުރި ސާވޭގައި 13،440 މީހެއްގެ ސިއްހީ ހާލަތު ހަ އަހަރު ދުވަހުގެ މުއްދަތަކަށް ބަލަމުން ގެންގޮސްފައި ވެއެވެ. މި ދިރާސާ ފެށިއިރު މި ހުރިހާ މީހުންގެ ވެސް އުމުރު އުޅެނީ 45 އަހަރުން މަތީގަ އެވެ. މި މީހުންގެ އެވްރެޖް އުމުރަކީ 64 އަހަރެވެ.
ދިރާސާގެ ބައިވެރިންގެ ތެރެއިން 71 ޕަސެންޓް މީހުންނަކީ ފަލަ ބަލި ޖެހިފައިވާ މީހުންނާއި އެކަށީގެންވާ މިންވަރަކަށް ވުރެ ފަލަ މީހުންނެވެ. މި ދިރާސާގެ މުއްދަތުގެ ތެރޭގައި މީގެން 1،168 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރެއިން 168 މީހުން މަރުވީ ހިތުގެ ބަލިތަކުގަ އެވެ. 1،000 މީހުން މަރުވީ އެހެނިހެން ސަބަބުތަކާ ހެދި އެވެ.
އެމޯރީގެ ސައިންސްވެރިން މި ދިރާސާގައި ބެލި އެއް ކަމަކީ ދިރާސާގެ ބައިވެރިންގެ ތެރެއިން ދުވާލަކު 12 އައުންސް ނުވަތަ އެއް ތައްޓަށް ވުރެ ވުރެ ގިނައިން މޭވާ ޖޫސް ނުވަތަ އެނޫން ވެސް ހަކުރު އަޅާފައިވާ ބުއިމެއް ބުއި މީހުންނެވެ. އަދި ދިރާސާ ކުރަމުންދިޔަ ދުވަސްވަރު މަރުވި މީހުންނާއި ޖޫސް ބުއިމާ ގުޅުމެއް ވޭތޯ އެވެ.
މި ހޯދުމުން ދެއްކި ގޮތުގައި ދުވާލަކު އެއް ތައްޓަށް ވުރެ ގިނައިން ޖޫސް ނުވަތަ ހަކުރު އެކުލެވޭ ބުއިމެއް (މީގެ ތެރޭގައި "(މީގެ ތެރޭގައި ޕަސެންޓް ފުރުޓް ޖޫސް" ވެސް ހިމެނޭ) ބޯ މީހުން އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑެވެ.
"ޖޫހާ ދޭތެރޭ ވެސް އަހަރެމެން ދެކެން ޖެހޭނީ ހަކުރު އަޅާފައިވާ ބުއިމެއް ގޮތަށް. ޖޫހަކީ ހަކުރާއި ފެން. ވިޓަމިންސް އާއި މިނަރަލްސް ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް ހަގީގަތުގައި މިއީ ހަމަ ހަކުރު ގިނައިން އެކުލެވޭ ބުއިމެއް،" ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.
ޖޫސް ބޯއިރު މިކަމަށް ވިސްނާލަން ހަމަ ކޮންމެ މީހަކު ވެސް ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޭވާއިން ލިބޭ ފައިދާ ރަނގަޅަށް ހޯދަން ބޭނުންނަމަ މޭވާ ޖޫސް ނުގިރާ ހަފައިގެން ކެއުން މުހިއްމެވެ. ޖޫސް ބޯން ބޭނުންވާ މީހުން ވެސް ޕެކެޓްކޮށްފައި ނުވަތަ ފުޅީގައި ހުންނަ ޖޫހުގެ ބަދަލުގައި އަމިއްލައަށް ގޭގައި ތައްޔާރުކޮށްގެން ޖޫސް ބުއިމުން ލިބޭ ފައިދާ އިތުރުވާނެ އެވެ. އާއްމުކޮށް ފުޅީގައި ނުވަތަ ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ޖޫހުގައި ހުންނަ މޭވާ ޖޫހުގެ އަރަގު ސަމުސަލެއްހާ އެއްޗެހި އަޅާފަ އެވެ. ބާކީ ހުންނަނީ ހަކުރާއި ފެނެވެ. ޖޫހުން ގެއްލުން ވަނީ މި ފަދަ އެއްޗެތި ގިނައިން ބުއީމަ އެވެ.
ކޮންމެހެން ޖޫސް ކަހަލަ ފިނި އެއްޗެއް ބޯލަން ބޭނުންނަމަ ހަކުރު ނާޅާ ހުންނަ އައިސް ޓީ ކަހަލަ އެއްޗެއް ބޭނުން ކުރެވިދާނެ އެވެ.