ހަބަރު

ދިވެހިންގެ "މަސްދަޅު ހަދިޔާ" ކޮންޓެއިނާ ހަމަވެއްޖެ

ސީރިއާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ "މަސްދަޅު ހަދިޔާ" ހަރަކާތަށް ބޭނުންވާ މިންވަރަށް މަސްދަޅު ލިބިފައިވާ ކަމަށް އައިއޭސީން ބުނެފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު ފެށި ކެންޕެއިންގައި އައިއޭސީން ވަނީ ކޮންޓެއިނާއެއްގެ މަސްދަޅު ސީރިއާގެ ރައްޔިތުންނަށް ހަދިޔާ ކުރަން ނިންމާފަ އެވެ. އައިއޭސީން މިއަދު ބުނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 1800 ކޭސް މަސްދަޅު ދިވެހި ދިވެހިންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. މިއީ 86،400 މަސްދަޅެވެ. ފައިސާގެ ގޮތުންނަމަ މިއީ 1.3 މިލިއަން ރުފިޔާ އެވެ.

އައިއޭސީން ބުނީ ސީރިއާގެ ރައްޔިތުންނަށް ވެދޭ އެހީއެއްގެ ގޮތުގައި ދިވެހިން ދޭ "މަސްދަޅު ހަދިޔާ" ބަންދުކޮށް އެ ގައުމަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ހަރަކާތުގެ އަމާޒަކީ އަންނަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ސީރިއާގެ ރައްޔިތުންނަށް އެހީ ފޯރުކޮށް ދިނުމެވެ. އައިއޭސީން ވަނީ ދިވެހިންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

އައިއޭސީން ބުނީ ފިނި މޫސުމަށް ފަލަސްތީނާއި ޔަމަނާއި ރޮހިންޔާ އާއި ބަންގްލަދޭޝް އަދި ސީރިއާއަށް އެހީ ދިނުމުގެ ފުރުސަތު 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.