ކޯޓްތަކުގައި ތިއްބެވީ މާތްﷲ އަށް ބިރުވެތިވާ ފަނޑިޔާރުންނަމަ ދުވާލު ޔަގީންވާ ފަދައިން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވާނެ ކުށެއް ނެތްކަން ގަބޫލު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މާދަމާއަށް މަހެއް ފުރޭނެ އެވެ.
ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގާނޫނުތައް ހިތުހުރި ގޮތަކަށް މާނަކޮށް ދައުލަތުން ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލާ ކަމަށެވެ.
"ޝަރުއީ ކޯޓްތަކުގައި ތިއްބެވީ ﷲ އަށް ބިރުވެތިވާ ފަނޑިޔާރުންނަމަ ދުވާލު ޔަގީންވާ ފަދައިން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވާނެ ކުށެއް ނެތްކަން ގަބޫލުކުރައްވާނެ." ޝިޔާމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ވަން ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނީގެ އެކައުންޓަން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރި މައްސަލައިގަ އެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.
އެ މައްސަލަ މިހާރު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.