ކުޅިވަރު

އެއް ވަނައިގައި ނިޒާމްގެ ކުލަބު ކުއާޓާއަށް

ކުޅުނު ދެ ވަނަ މެޗުގައި، ޝައިހް ޖަމާލް ދަންމޮންޑީ ކުލަބުގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ގުރޫޕްގެ އެއް ވަނައިގައި ރާއްޖޭގެ މުހައްމަދު ނިޒާމްގެ ސައިފް ސްޕޯޓިން ކުލަބު ބަންގުލަދޭޝްގެ ފެޑެރޭޝަން ކަޕްގެ ކްއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސައިފް ގުރޫޕްގެ އެއް ވަނަ ހޯދީ، ހަތަރު ޕޮއިންޓާއެކު އެވެ. ބަންގުލަދޭޝްގެ ފުޓްބޯޅަ ސީޒަންގައި ނިޒާމްގެ ޓީމުން މިހާތަނަށް ވަނީ ދެ މެޗު ކުޅެފަ އެވެ. މިއަދުގެ މެޗަކީ ބަންގުލަދޭޝްގެ ޑޮމެސްޓިކް ސީޒަންގައި މޮޅުވި ފުރަތަމަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރަހްމަތުގަންޖް އެމްއެފްއެސްގެ ޓީމާ ދެކޮޅަށް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މިއަދުގެ މެޗަށް ފަހު ނިޒާމް ބުނީ އޭނާ ކުޅުވަން ބޭނުންވާ އެޓޭކިން ފުޓްބޯޅަ މިއަދުގެ މެޗުގައި ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށެވެ.

މެޗުގައި ސައިފް ސްޕޯޓިން އިން ކާމިޔާބު ޝައިހް ޖަމާލުން ފުރަތަމަ ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ޖަމާލްގެ އުމަރު އެޓީމުގެ ލަނޑު ކާމިޔާބު ކުރީ ނުވަ ވަނަ މިނެޓްގަ އެވެ. އޭގެ ފަސް މިނެޓް ފަހުން ޔާސީން ވަނީ ސައިފް ސްޕޯޓިން އަށް މެޗގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ސައިފްއަށް މެޗުގެ ލީޑް ނެގީ 83 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެޓީމުގެ ތިން ވަނަ ލަނޑު 94 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދޯވް އެވެ.