ލައިފްސްޓައިލް

އިމްތިހާނު ސްޓްރެސްއިން ސަލާމަތްކުރަން ކައްވަޅަށް

ކިޔަވާ ކުދިންނަށް އިމްތިހާނުގެ ސްޓްރެސްއަކީ ދިމާވާ ވަރަށް ބޮޑު މައްސަލަ އެކެވެ. ވަރަށް ގިނަ ކުދިންނަށް މިއީ ރޭގަނޑުގެ ނިދިން މަހްރޫމްވެ އަދި ކެއިން ބުއިމާ ވެސް ދުރުވާ ކަމެކެވެ. މި މައްސަލަ ހައްލު ކުރަން ނެދަލެންޑްގެ ޔުނިވަސިޓީއަކުން ވަރަށް އާދަޔާޚިލާފު ކަމެއް ކުދިން ލައްވާ ދަނީ ކުރުވަމުންނެވެ. ނަމަވެސް މިއީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ކުރެވޭ ކަހަލަ ކަމެއް ނޫނެވެ.

މި ޔުނިވަސިޓީން ކުރާ ކަމަކީ ކުދިންނަށް މަރުވާން އެހީތެރިވަނީކީ ނޫނެވެ. ނަމަވެސް މަރުވީމަ ކުރެވޭ ތަޖުރިބާތައް ވަރަށް ގާތުން ކުރެވޭނެ މަގު ފަހި ކޮށްދެނީ އެވެ.

ނިޖްމެގެންގެ ރެޑްބައުޑް ޔުނިވަސިޓީން ކުރާ ކަމަކީ ކައްވަޅު ކޮނެފައި ކުދިން އޭގައި ބާއްވައިގެން މަރުވީމާ ކުރެވޭނެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ކުދިންނަށް ކުރެވޭ ގޮތް ހަދައިދެނީ އެވެ. އޭރުން އިމްތިހާނުގެ ސްޓްރެސް ވަރަށް ބޮޑަށް ލުއި ވާކަމަށް އެ ޔުނިވަސިޓީން ބުނެ އެވެ.

މި ހިސާބުގަނޑުގައި ހުންނަ އެހެން ޔުނިވަސިޓީ ތަކުން ވެސް މިހާރު ދަނީ އިމްތިހާނު ދުވަސްވަރު މާ ބޮޑަށް ހާސްވެ ހިތް ނުތަނަވަސްވާ ކުދިންގެ ސްޓްރެސް ލެވެލް ދަށްކުރުމަށް ދެވިދާނެ ތަފާތު ތެރަޕީތައް ހޯދަމުންނެވެ.

އިނގިރޭސި ވިލާތުގެ "މިރާ" ނޫހުން ބުނި ގޮތުގައި ބައެއް ޔުނިވަސިޓީތަކުން ކުދިންނަށް ހުށަހަޅަނީ ކުއްތާ ތެރަޕީ ސެޝަން ތަކެކެވެ. އަނެއްބަޔަކު ހުށަހަޅަނީ ސިކުނޑި ހުޅުވާލަދޭ ކަހަލަ ތެރަޕީ އެވެ. އަނެއް ބަޔަކު ހަމަހިމޭން ތަނެއްގައި ކުދިން ބައިތިއްބައިގެން އެކުދިންގެ ސިކުނޑިން ހުރިހާ ޚިޔާލުތަކެއް ނެރެލައިގެން ސްޓްރެސް ލެވެލް ދަށްކުރަން މަސައްކަތް ކުރެ އެވެ. ނަމަވެސް ރެޑްބައުޑް ޔުނިވަސިޓީން ކުރާ ކަހަލަ ކަމެއް އެއްވެސް ބަޔަކު ނުކުރެ އެވެ.

ސޯޝަލް މީޑިއާގައި މި ޔުނިވަސިޓީގެ ވާހަކަ ވައިރަލްވެފައި ވަނީ ދަރިވަރުންގެ ސްޓްރެސް ފްރީ ކުރަން ކައްވަޅަށް ލާން ހުށަހަޅާތީ އެވެ. އަދި ބައެއް ކުދިން އެދިގެން މި ކައްވަޅަށް އެރެ އެވެ. މި ވަޅުގަނޑުގެ ތެރޭގައި އޮންނަ ފޮތިގަނޑެއްގައި "އަޖައިބުވެފައި އޮންނާށޭ" ލިޔެފައި ވެއެވެ. މި ޕްރޮޖެކްޓް މަގްބޫލުކަން ކިޔަވާ ކުދިންގެ މެދުގައި ބޮޑުވެ އަބަދުވެސް ވެއިޓިން ލިސްޓުގައި ގިނަ ކުދިންތަކެއް ތިބެ އެވެ.

އެ ޔުނިވަސިޓިގައި ކިޔަވާ ކުއްޖަކު ބުނި ގޮތުގައި އޭނާ އާއި އޭނާއާ އެއް ގެއެއްގައި އުޅޭ ކުއްޖަކު ވެސް މީގެ ހަފުތާ އެއް ކުރިން އެ ފަރުވާ ހޯދަން ދާން ގަސްތު ކުރި އެވެ. ނަމަވެސް ވެއިޓިން ލިސްޓުގައި ގިނަ ބަޔަކު ތިބީމާ އަދިވެސް ޖާގަ ނުލިބި މަޑުކުރަން ވަނީ ޖެހިފަ އެވެ. އޭނާ ބުނި ގޮތުގައި ޖާގަ ލިބުނުހާ އަވަހަކަށް އޭނާ އެ ތަނަށް ދާން ގަސްތުކުރެ އެވެ.

މި ކައްވަޅަށް ކިޔަނީ "ޕިއުރިފިކޭޝަން ގްރޭވް" (ތޯހިރުވުމަށް ކައްވަޅު) އެވެ. މި ކައްވަޅުގައި ބްލެންކެޓް އަކާއި ޔޯގާ މެޓެއް އޮވެ އެވެ. މިތަނުގައި އޮވެގެން ހިތަށް އެރިހައި ހެޔޮ އެއްޗެއް ކިޔައިގެން ހެއްދެވި ފަރާތް ހަނދުމަ ކުރަންވީ އެވެ.
ކައްވަޅެއް ކޮނެ އޭގައި ކުދިން ބައިތިއްބައިގެން ސްޓްރެސް ފްރީ ކުރުމުގެ ވިސްނުމަކީ ކިޔަވާ ކުދިންނަށް ދުނިޔޭގައި އުޅޭ ވަގުތުގެ އަގު ވަޒަންކޮށް ޝުކުރުވެރިވުން ކަމަށް މި ޕްރޮޖެކްޓްގެ ފައުންޑަރު ޖޯން ހެކިން ވިދާޅުވި އެވެ. ޖޯން ބުނި ގޮތުގައި ދިރިއުޅުން ނިމުމަކަށް އައުން، މަރު މިއީ ހުރިހާ ކުދިންނަށް ވެސް ކުރިމަތިލާން އުނދަގޫ ކަންތައް ތަކެކެވެ. މަރަކީ އެއާ ބެހޭ ގޮތުން ވާހަކަދައްކަން ވަރަށް އުނދަގޫ ކަމެކެވެ. ޚާއްސަކޮށް 18، 19، 20 ވަރަކަށް އަހަރުގެ ޒުވާން ކުދިންނަށެވެ. މި ކައްވަޅުގެ ކައިރީގައި ބަހައްޓާފައި ހުންނަ ޕޯސްޓަރުގައި އޮންނަނީ ލެޓިން ބަހުން "މެމެންޓޯ މޯރީ" އެވެ. މާނައަކީ މަރުވާނެކަން ހަނދާން ކުރާށެވެ.

މި ކައްވަޅު 30 މިނިޓުން ފެށިގެން ތިން ގަޑިއިރާ ދެމެދުގެ ވަގުތަކަށް ބުކް ކުރެވެ އެވެ. ހަގިގަތުގައި ވެސް މިއީ ކުދިންގެ ސްޓްރެސް ފްރީ ކުރެވޭ ކަމެއް ކަމަށް ވާނަމަ އެކަމާ ދެން އެހެން މީހަކު ޝަކުވާ ކުރާނެ ތަނެއް ނެތްތާ އެވެ.