ރައްޔިތުން މަޖިލީހުން ދާދި ފަހުން ފާސް ކުރުމުން މިހާރު ތަސްދީގުކޮށްފައިވާ އިންކަމް ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަކީ މުއްސަނދިންނާއި ފަގީރުންގެ މެދުގައި އޮންނަ ފަރަގު ކުޑަ ކުރުމެވެ. ނަމަވެސް އިންކަމް ޓެކްސް ތައާރަފު ކުރުމުގެ ސަބަބުން މާލޭގައި ފަގީރު ހާލުގައި ކުއްޔަށް އުޅޭ މީހުންގެ އަތުން ނަގާ ކުލި އިތުރަށް ބޮޑު ކުރަމުންދާ ކަމުގެ ޝަކުވާތައް ކުއްލިއަކަށް އިތުރުވާން ފަށައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގާނޫނު ތަސްދީގު ކުރެއްވީ މި މަހު 17 ވަނަ ދުވަހު އެވެ. އިންކަމް ޓެކްސްގެ އެ ގާނޫނުގައިވާ ގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހެ އެވެ. އަދި 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.
މާލޭގައި ކުއްޔަށް އުޅޭ މީހަކު ބުނި ގޮތުގައި މިގޮތަށް ގާނޫނެއް ހެދުމާ ގުޅިގެން ގޭގެ ކުލި ބޮޑުވެފައިވާ ކަމަށް އޭނާ ދިރިއުޅޭ ގޭގެ ވެރިފަރާތުން އޭނާއަށް ވަނީ އަންގާފަ އެވެ.
އެނާ ބުނި ގޮތުގައި މީގެ ކުރިން ދެ ކޮޓަރީ އެޕާޓްމަންޓަށް 18،000 ރުފިޔާ ދައްކައިގެން އުޅުނު ނަމަވެސް އަންނަ މަހުން ފެށިގެން 21،000 ރުފިޔާ ދައްކަން ވަނީ އަންގާފަ އެވެ. އަދި 3000 ރުފިޔާ ބޮޑު ކުރަން ޖެހުނީ އިންކަމް ޓެކްސް ދައްކަން ޖެހޭތީ ކަމަށް ވެރިފަރާތުގެ އެންގުމުގައި ވެއެވެ.
"އަޅުގަނޑުމެން ދަރިންގެ މުސަތަގްބަލް ހޯދަން މިތަނަށް [މާލެއަށް] މި އަންނަނީ. މިތަނުން ލިބޭ ހުރިހާ ވަސީލަތްތައް ރަށްރަށުން ނުލިބޭތީ. ފަހަރެއްގައި ވެސް ލިބޭ އާމްދަނީ އެއްކޮށް ކުއްޔަށް ދައްކައިގެން ދިރިއުޅެން ބޭނުން ވެގެނެއް ނޫން. އިންކަމް ޓެކްސް ނެގިޔަސް މިފައިދާ ވަނީ މުއްސަނދިންނަށް. އެއީ މިވެސް ދައްކަން މިޖެހެނީ އަޅުގަނޑުމެން ނިކަމެތިންގެ ޖީބުން ވިއްޔާ. ސަރުކާރުން ކުލި ކޮންޓްރޯލް ނުކުރެވޭ. އެކަމަކު މިގޮތަށް އަމަލުކުރާ ފަރާތްތަކާމެދުވެސް ފިޔަވަޅު އެޅެންޖެހޭ،" އެނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ވެސް އެ މައްސަލަ ހޫނުވެފައިވާ އިރު ފޭސްބުކްގައި މީހަކު ބުނެފައި ވަނީ އޭނާ ކުލި ދައްކަން ދިޔުމުން އަންނަ މަހުން ފެށިގެން ކޮންމެ އެޕާޓްމަންޓަކުން ވެސް 2500 ރުފިޔާ ކުއްޔަށް އިތުރުވާނެ ކަމަށް ވެރިފަރާތުން އެންގި އެވެ. އެ ބަދަލު ގެންނަން ޖެހުނީ އިންކަމް ޓެކްސްއާ ހެދި ކަމަށް ގޭގެ ވެރިމީހާ ބުންޏެވެ.
މާލޭ ގެތަކުން ނަގާ ކުލި ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން އިއްޔެ ހަވީރު ކާނިވާ ސަރަހައްދުގައި ޕެޓިޝަންގައި ސޮއި ކުރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ދޮރުން ދޮރަށް ހިނގައިގެންވެސް މި ޕެޓިޝަނުގައި ސޮއި ކުރުމަށް ނިންމާފަ އެވެ.