އެސްއޭޕީ

އެސްއޭޕީ: ގެދޮރަށް ވެސް ފުޅާ ޕްލޭނެއް!

"އެންމެންނަށް ބޯހިޔާވެހިކަން؛" މިއީ މީގެ 20 އަހަރު ކުރިން ވެސް ދެއްކި ވާހަކަ އެވެ. އެ ވާހަކަ ޕްލޭންތަކުގައި ލިޔެލިޔެ ބާވެއްޖެ އެވެ. ކޮންމެ ފަސް އަހަރަކުން ޕްލޭން ބަދަލުވެ އެއް ފަހަރު ވެށިފެހިވެ އަނެއް ފަހަރު ހިޔާވެ އެވެ. ނުވެ އޮތް ކަމަކީ ހަރުދަނާ ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބުމެވެ. ގެދޮރެއް ނެތުމެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްވީ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ވެސް ބޯހިޔާވަހިކަން ހިމެނެ އެވެ. އެކަމަށް ރައްޔިތުން ފެން ބޮވާފައި އޮތްލެއް ބޮޑުކަމުންނެވެ. މެނިފެސްޓޯގައި ހިމަނާފައިވާ "ފަހުރުވެރި އާއިލާ"ގައި އެންމެ ބޮޑު އިސްކަމެއް ދެނީ މިކަމަށެވެ. މެނިފެސްޓޯ ފުޅާކޮށް އެ ތަންފީޒު ކުރާނެ ގޮތުގައި ސްޓެރެޓެޖިކް އެކްޝަން ޕްލޭން (އެސްޕީއޭ) ސަރުކާރުން ވަނީ އެކުލަވާލާފަ އެވެ.

ޕްލޭނަށް ހެދި ދިރާސާއިން ދައްކާ ގޮތުން އާބާދީއަށް އަންނަ އިތުރުވުމާއެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 20،000 ގެދޮރު އަޅަން ޖެހެ އެވެ. އެއީ މުޅި ރާއްޖޭގަ އެވެ. ޕްލޭނުގައި ހިމަނާފައިވަނީ ވެސް އެ އަދަދަށް ގެދޮރު އަޅައިދިނުމަށެވެ. މިއީ ފަސް އަހަރަށް އެންމެ އަމާޒު ހިފި އެންމެ ގިނަ ހައުސިން ޔުނިޓެވެ.

ޕްލޭނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވި ގޮތުގައި އެކި ސަރަހައްދުތަކަށް ބަހާލައިގެން 20،000 ގެދޮރު ސަރުކާރުން އަޅައިދިނުމުގައި އެކި މޮޑެލްތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް މޮޑެލްއަކީ ރަށްރަށުގައި ހުރި ފަޅު ގޯތިތަކުގައި މީހުން ދިރިއުޅޭނެ ގެދޮރު އަޅައިދިނުމަށެވެ. އެއީ ސަރުކާރުން ހުށަހަޅާ ހުށަހެޅުންތަކަށް އެއްބަސްވާ ފަރާތްތަކަށެވެ.

ދެން ވިސްނުމުގައި އޮތް އަނެއް މޮޑެލްއަކީ އަމިއްލަ ގެދޮރު އެޅުމުގެ ތަނަވަސްކަން ނެތިފައި ނެތް މީހުންނަށް ހަ ޕަސެންޓްގައި ހައުސިން ލޯނު ދޫކުރުމަށެވެ. އޭގެ އިތުރަށް ސަރުކާރުން އަޅާ ފްލެޓް މަޝްރޫއުތައް ވެސް އެބަ ހުއްޓެވެ. ހައުސިން މިނިސްޓްރީއިން މިހާރު މުޅި ރާއްޖޭގެ ހައުސިން ނީޑްސްއާ ގުޅޭ އެސެސްމެންޓެއް ހަދާފައިވާއިރު އެ ހައުސިން ޔުނިޓްތައް ބަހާނެ ގޮތްތައް ކަނޑައަޅާނީ އެއަށް ބެލުމަށްފަހު އެވެ.

އެ މަސައްކަތް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" އިން ދަނީ ކުރަމުންނެވެ.

ސަރުކާރުގެ ހައުސިން ޕޮލިސީ ބޮޑަށް ބައްޓަންކޮށްފައިވަނީ މުޅި ހައުސިން ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ ބަދަލުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ކުންފުންޏަށް އިކްއިޓީ ފޯރުކޮށްދިނީމަ، އެ ޕްރޮޖެކްޓްތަކަށް އެ ކުންފުނިން ފައިނޭންސް ހޯދައިގެން ކުރިއަށް ގެންދާ ގޮތަށެވެ. އޭރަށް ސަރުކާރަށް ވެސް ލުއިވެފައި ރައްޔިތުންނަށް އަގުހެޔޮކަމާއެކު ގެދޮރު ފޯރުކޮށްދޭން ފަސޭހަވާނެ ކަމަށް ސަރުކާރުން ދެކެ އެވެ. އެ މެޑޮލްގައި ދެކުނުގެ ބައެއް އަތޮޅުތަކުގައި ހައުސިން ޔުނިޓްގެ މަޝްރޫއު މިހާރު ވަނީ ފަށާފަ އެވެ.

މިގޮތަށް އަޅާ 20،000 ހައުސިން ޔުނިޓްގެ ކުލި ވީހާ ވެސް ކުޑަ ކުރުމަށް ސަރުކާރުން އިސްކަން ދެ އެވެ. އޭގައި މާލެ އާއި އަތޮޅުތަކުގައި އަޅާ ޔުނިޓްތަކުގެ އަގުގައި ފަރަގެއް އުޅޭނެ އެވެ. އެ އަގުތައް ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެކުރިން ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނުގެ އަމާޒަކީ ކުލި 6،000 ރުފިޔާއަށްވުރެ ބޮޑު ނުވުމެވެ.

މި ސަރުކާރުގެ ހައުސިން ޕޮލިސީ ފަރުމާކޮށްފައިވާ ގޮތުން މިގޮތަށް ކަނޑައަޅާ ކުޑަ އަގަށްވުރެ ވެސް ކުޑަކޮށް ހައުސިން ފޯރުކޮށްދޭން ވިސްނާފައިވެ އެވެ. އެއީ އެއްވެސް ގޮތެއް ނެތް ފުދުންތެރިކަމުގެ ގޮތުން އެންމެ ދަށް ފަންތީގެ އާއިލާތަކަށެވެ. އެފަދަ އާއިލާތަކަށް އާމްދަނީގެ ދޮރެއް ހުޅުވެންދެން އެއްވެސް ފައިސާއެއް ވަކި މުއްދަތަކަށް ނުދައްކާ ވެސް ސަރުކާރުގެ ހައުސިން ޔުނިޓްތަކުގައި ތިބޭވޭނެ ގޮތުގެ ޕްލޭނެއް ވެސް ސަރުކާރުގައި އެބަ އޮތެވެ.

އެފަދަ ނިކަމެތި އާއިލާތައް ކަނޑައަޅާނީ ހަމައެކަނި ލިބޭ އާމްދަނީއަށް ބަލައިގެނެއް ނޫނެވެ. އެތައް ކަމަކަށް ބެލުމަށްފަހު އެވެ. އެފަދަ ސާވޭއެއް މިހާރު ދަނީ ހަދަމުންނެވެ. ހަމައެހެން އިންކަމް ޓެކްސް ނަގަން ފެށުމާއެކު ވެސް މީހުންގެ ހާލަތު ވަރަށް ފަސޭހައިން ވަޒަންކޮށްލެވޭނެ އެވެ.

މި ސަރުކާރުގެ ހައުސިންގެ މިހާތަނަށް ފަށާ އެންމެ ބޮޑު މަޝްރޫއު ފެށިގެން ދާނީ އަންނަ މަހު އެވެ. ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި އަންނަ މަހު މާލެ ސަަރަހައްދުގައި 4200 ސޯޝަލް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް ފަށާނެ އެވެ. އެއީ މި 20،000 ގެދޮރުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެކެވެ. އެސްއޭޕީ ޕްލޭނާއެކު ސަރުކާާރުގެ އަމާޒަކީ ހައްލެއް ނުލިބި އޮތް ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް މި ފަސް އަހަރުގެ ތެރޭގައި ހޯދައިދިނުމެވެ.

ޝައުނާ ވިދާޅުވީ ކަމެއް ހާސިލު ކުރެވެނީ އެކަމަކަށް ކޮންމެ ދުވަހަކު ވެސް ފޯކަސްކޮށްގެން ކަމަށެވެ. އެހެންވެ ސަރުކާރުގެ މިނިސްޓްރީތަކަށް ވަކިވަކިން މަސައްކަތް ކުރުމުގެ ބަދަލުގައި އެއް ޕްލޭނެއްގެ ދަށުން އެއް އަމާޒުތަކަށް މަސައްކަތް ކުރަން އެސްއޭޕީ ވަރަށް މުހިންމުކަން ފާހަގަ ކުރެއްވި އެވެ.

ހަތަރު ސަތޭކައަށްވުރެ ގިނަ ސަފުހާގެ އެ ޕްލޭނަކީ ވަރަށް ގިނަ ދިރާސާތަކަކާއެކު ގިނަ ކަންކަމަށް ހައްލުތައް ހިމަނައިގެން އެކުލަވާލި ޕްލޭނެކެވެ. ޕްލޭން ލިޔެ ތައްޔާރުކޮށް އާންމުކޮށް އެ ތަންފީޒު ކުރާނެ މެކޭނިޒަމް ވެސް ވަނީ އެކުލަވާލާފަ އެވެ. ހަމަ އެއްޗެއް ލިޔެލާފައި އޮތީއެއް ނޫނެވެ. ކަންކަން މިނިސްޓްރީތަކާއި ހަވާލުކޮށް އެ މޮނީޓާ ކުރާނެ މެނޭޖަރުން ވެސް ކަނޑައަޅާފައިވެ އެވެ. ޓާގެޓްތަކެއް ވެސް ކަނޑައެޅީ އެވެ.

ދެން އޮތީ ތިން ވޯކިން ގުރޫޕެވެ. އެ ވޯކިން ގުރޫޕްތަކުން ބައްދަލުކޮށް ރިޕޯޓްތައް ތައްޔާރުކުރާނެ އެވެ. ޕްލޭން ތަންފީޒު ކުރެވޭ ގޮތް ހިމަނައި އެ ރިޕޯޓް ކޮންމެ ތިން މަހުން އެއް މަހު ކެބިނެޓާ ހިއްސާ ކުރަމުންދާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ. އެ ރިޕޯޓް އެގޮތަށް ކެބިނެޓަށް ހުށަހެޅުމުން ކުރަން ނިންމާފައިވާ ކަންކަން އެކުރަންވީ ގޮތަކަށް ކުރިއަށް ދޭތޯ ނުވަރަ ނޫންތޯ އެނގިގެންދާނެ ކަމަށެވެ. އޭގެއިތުރަށް ޕްލޭން ތަންފީޒު ކުރަމުންދާއިރު އެންޖީއޯ ނެޓްވޯކަކާއި އެކަޑެމިކް ނެޓްވޯކްކަކާއި އެމްބެސެޑާ ނެޓްވޯކްގެ ބޭނުން ހިފައި ހިޔާލު ހޯދާނެ އެވެ.

ޝައުނާ ވިދާޅުވި ގޮތުގައި އެސްއޭޕީގައި ނެތް ކަމެއް ދެން ދައުލަތުގެ ބަޖެޓަކަށް ނާންނާނެ އެވެ. މީގެކުރިން ބަޖެޓްތައް ފެންނަނީ ވަރަށް ފޯކަސް ނުވެ އޮންނަތަން ކަމަށާއި މިފަދަ ޕްލޭނެއް އޮވެ އޭގެ މައްޗަށް ބަޖެޓް ހެދުމަކީ ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަން އެންމެ ރަނގަޅު ގޮތުގައި ހޭދަ ކުރުމަށް ލިބޭނެ ހައްލެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ. މި ސަރުކާރުން އިސްކަން ދެނީ ދައުލަތުގެ ބަޖެޓަކީ ނަތީޖާ ފެންނަ، ނަތީޖާ ނެރެވޭނެ، ޕްރޮގްރާމް ބަޖެޓަކާ ދިމާލަށް ދިޔުން ކަމަށް ޝައުނާ ވިދާޅުވި އެވެ. އަންނަ އަހަރަށް ސަރުކާރުން ހުށަހަަޅާ ބަޖެޓްގައި ތިން މިނިސްޓްރީއެއްގެ ބަޖެޓް ޕްރޮގްރާމް ބަޖެޓަކަށް ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޕްލޭނިން މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ ބަޖެޓެވެ.