އެސްއޭޕީ

ހަތަރު އަހަރު ތެރޭ 20،000 އާއިލާއަށް ގެދޮރު އަޅައިދެނީ

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 20،000 އާއިލާއަށް ހައުސިން ޔުނިޓް ހޯދައިދިނުމަށް ސަރުކާރުގެ އެކްޝަން ޕްލޭންގައި ހިމަނައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރުގައި ރިޔާސީ ވައުދުތައް ފުއްދަވާނެ ގޮތުގެ ތަފްސީލުތައް ހިމަނައި މިރޭ ވަނީ ޕްލޭނެއް ލޯންޗުކޮށްފަ އެވެ. އެ ޕްލޭން ރައީސް އޮފީހުގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ.

ޕްލޭންގައިވާ ގޮތުގައި ރައީސް ސޯލިހުގެ މި ދައުރުގެ އެންމެ ފަހު އަހަރު ކަމަށްވާ 2023 ނިޔަލަށް 20،000 އާއިލާއަށް އާ ހައުސިން ޔުނިޓްތަކެއް ހޯދައިދީ، އެ ޔުނިޓްތައް ބޭނުން ކުރަން ފެށޭނެ އެވެ.

ޕްލޭންގައިވާ ބުނެފައިވާ ގޮތުގައި އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުވައި ދިނުމަކީ ސަރުކާރުގެ މުހިންމު ވައުދެކެވެ. ބޯހިޔާވަހިކަމުގެ ދަތިކަމުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް އިތުރުވަމުންދާއިރު މިއީ މިހާރުން މިހާރަށް ހައްލު ކުރަން ޖެހޭ ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.

ގިނަ އަދަދެއްގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ޖެހިފައިވުމާއި މާލޭގެ ތޮއްޖެހުމާއި ގެދޮރު އެޅުމުގެ ހަރަދު ބޮޑުވުމާއި އިމާރަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް މަދުވުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގާނޫނީ އޮނިގަނޑެއް ނެތުމަކީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ކަމަށް ޕްލޭނުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ގެދޮރު އިމާރާތްކުރުން އިތުރުކޮށްގެން ގެދޮރު ހޯދުމުގެ މަގުފަހި ކޮށްދި ނުމާއި، ގާނޫނީ އިސްލާހުތަކާއި މި ކަމުގައި ހަރަކާތްތެރިވާ އިދާރާތަކަށް ގެނެވޭ އިސްލާހުތަކުގެ ތެރެއިން ސޯޝަލް ހައުސިންގެ ހިދުމަތް ފޯރުކޮށްދޭން ނިންމާފައިވާކަން ޕްލޭނުގައި ހާމަކޮށްފައިވެ އެވެ. އޭގެއިތުރުން ގެދޮރާއި މާރާތްކުރުމަށް ބޭނުންވާ ފައިސާ ކުޑަ ރޭޓެއްގައި ލިބޭނެ ގޮތްތަކާއި ފަހަށް ރައްކާކުރުމުގެ އުސޫލެއްގެ ތެރެއިން ހޯދެން ހުރި ހައްލުތަކުންނާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގެދޮރުގެ ދަތިތަކަށް ހައްލު ގެންނާނެ ކަމަށް ޕްލޭނުގައިވެ އެވެ.

ފަސް އަހަރުގެ ޕްލޭންގައި ނޭޝަނަލް އެފޯޑަބަލް ހައުސިން ލޯނު ސްކީމްގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކުރަން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން 2021 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އެހެން ރަށްރަށަށް ބަދަލުކޮށްފައިވާ ރަށްރަށުގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ނިންމަން ވަނީ އަމާޒު ހިފާފަ އެވެ. ނޮޅިވަރަމްފަރުގައި އަދިވެސް ދާއިމީ ގެދޮރު ނުލިބޭ އެހެން ރަށްރަށުގެ ރައްޔިތުން އެބަ އުޅެ އެވެ. ސުނާމީގައި ހާލުގައި ޖެހި ގެދޮރު ގެއްލި އަދިވެސް ދާއިމީ ގެދޮރެއް ނުލިބޭ ރައްޔިތުންނަށް އަންނަ އަހަރުގެ ނިޔަލަށް ގެދޮރު ޔަގީންކޮށްދޭން ވެސް ޕްލޭނުގައި ހިމަނާފައިވެ އެވެ.

ރައީސް ސޯލިހު މީގެކުރިން ވަނީ ހުޅުމާލޭގައި 4200 ފްލެޓު އަޅަން ނިންމާފައިވާކަން ހާމަ ކުރައްވާފަ އެވެ. އެ މަޝްރޫއު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެކަން ވެސް ރައީސް ހާމަ ކުރައްވާފައިވެ އެވެ. އެ ފްލެޓްތަކުގެ ކުއްޔަކީ 6،000 ރުފިޔާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އަތޮޅުތަކު ތެރޭގައި 5000 ހައުސިން ޔުނިޓު އެޅުމަށް ނިންމަވާ، އެކަން ފެށުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ. އަދި އަމަލީ މަސައްކަތް ނުފެށުނު ކަމުގައިވީ ނަމަވެސް ވަރަށް އަވަހަށް އެކަން ފެއްޓެނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. ރައީސް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ފްލެޓަށް ފަައިސާ ނުދެއްކޭ ފަރާތްތައް ބެލުމަށް ފަހު ސަބްސިޑީ ވެސް ސަަރުކާރުން ދޭ ގޮތަށް ހަމަޖައްސަވާނެ އެވެ.