ރިޕޯޓް

ކުލީގެ ބަހުސް: އިންތިހާބާ ދިމާވާ ބަހުސެއް!

ދޮރުން އެތެރެއަށް ވަދެވޭއިރު ދޮރުމަތީގައި އޮތީ ނިދާ ގޮދަޑިތަކެކެވެ. އާއިލާ އެންމެން ބަލާ ޓީވީ ވެސްް ހުރީ އެ ތަނުގަ އެވެ. ކާތަކެތިން ފުރިފައިވާ އެ އެންމެން ކާން އަރާ މޭޒު ވެސް އެ ތަނުގަ އެވެ. ހަރުކޮށްފައިވާ ދަގަނޑެއްގައި އަންނައުނު ދޮވެ ހިއްކަން އަޅާފައި ހުއްޓެވެ. އިސްތިރި ކުރާ މޭޒާއި ދޮންނަ މެޝިންގަނޑު ވެސް ހަމަ އެ ތަނުގަ އެވެ. ކާގެއާއި ބަދިގެއާއި ސިޓިން ރޫމާއި ނިދާ ތަނަކީ ވެސް އެއީ އެވެ. އެކަމަކު އަދި އަމިއްލަ ގެދޮރެއް ވެސް ނޫނެވެ. އާއިލާ އެންމެން އެ ތަނުގައި ދިރިއުޅެނީ ކުއްޔަށެވެ. ދެމަފިރިން އެކުގައި މަސައްކަތް ކޮށްގެން ލިބޭ އެއްޗެކުން ކުލި ދައްކައި ކިރިޔާ ދެކޮޅު ޖެހެނީ އެވެ.

މިއީ މާލޭގައި މީހުން އުޅޭ ގިނަ ގޭގެއަށް ވަންނައިރު ފެންނަ އާންމު ހާލަތެވެ. ތޮއްޖެހިފައިވާ މި ކުޑަކުޑަ ރަށުގައި އެތައް ހާސް އާއިލާއެއް ދިރިއުޅެމުންދާ ހާލަތެވެ. އެ އެންމެންގެ މައިގަނޑު ޝަކުވާއަކީ ވެސް އެކަށޭނެ ބޯހިޔާވަހިކަމެއް ނެތުމާއި މާލޭގައި ދިރިއުޅެން މި ލިބޭ ތަންތަނުގެ ކުލި ބޮޑުވުމެވެ. މިހެން އޮއްވާ އިވޭން ފެށީ ސަރުކާރުން ތަންފީޒު ކުރަން ފެށި އިންކަމް ޓެކްސްގެ ގާނޫނާއެކު، ގޭ ކުލިން އާމްދަނީ ލިބޭ މީހުން އެ ތަންތަނުގެ ކުލި މަތި ކުރި ވާހަކަ އެވެ.

މި ވަގުތު އާންމު މަސްރަހުގައި ކުލީގެ ބަހުސް އަލުން ގަދަވެގެން މި އުޅެނީ އިންކަމް ޓެކްސްއާއެކު ބައެއް ތަންތަނުން ހަމަ އެ އަދަދަށް ކުލި މަތިކޮށްގެނެވެ. އަދި މިކަަން އައީ ކުލި ކޮންޓްރޯލް ކުރުމަށް އެދި މާލެ ޓެނަންޓްސް ޔުނިއަން (އެމްޓީޔޫ) އިން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ދިވެހިން މިހާރު ބަހުސް ކުރާ ހޮޅިއަށި ކަމުގައިވާ ސޯޝަލް މީޑިއާގައިވެސް ރަނގަޅަށް ހިނގާ އެއް މައުލޫއަކީ ކުލީގެ މައްސަލަ އެވެ.

މާލޭގެ ގެދޮރު ކުލީގެ ބޮޑު ވިޔަފާރިއެއް

މާލޭގައި އިމާރާތް ކޮށްފައިވާ އިމަރާތްތަކަކީ އެތައް މިލިއަން ރުފިޔާއެއް އިންވެސްޓްކޮށް ހަދާފައިވާ އިމާރާތްތެކެވެ. ގިނަ ތަންތަނަކީ ގެދޮރު މޯގޭޖް ކޮށްގެން ބޭންކުތަކުން ލޯނު ނަގައި ހިންގާ ވިޔަފާރިތަކެކެވެ. ކުއްޔަށް ދިރިއުޅެން ދޫކުރަން އިމާރާތްތައް ދަނީ ރަނގަޅު ފެންވަރުގައި ބަދަލު ވެސް ކުރެވެމުންނެވެ. އިގްތިސޯދީ އަދި ވިޔަފާރި ކުރާ ބައެއް މީހުނާއި މާލެ ކުލީގެ މައްސަލަ ދިރާސާ ކުރާ ބައެއް މީހުންގެ ނަޒަރުގައި މީގެ އަގު ކަނޑައެޅުމުގެ އިހްތިޔާރު ކުއްޔަށް ދޫކުރާ މީހުނަށް އޮންނަން ވާނެ އެވެ.

ވިޔަފާރިވެރިޔާ އަދި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް ދެކެވަޑައިގަންނަވާ ގޮތުގައި ކުލި ކޮންޓްރޯލް ކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ގިނަ ގެދޮރަކީ ކުރު މުއްދަތުތަކުގައި ކޮމާޝަލް ރޭޓްތަކުގައި ބޭންކުތަކުން ލޯނު ނަގައިގެން ހަދާފައިވާ ތަންތަނެވެ. އެއިން ތަނެއްގެ ކުލި ވަކި އަގެއްގައި ހިފަހައްޓައިފިނަަމަ ބާޒާރު ގޯސްވެގެން ދާނެ އެވެ. އިންޓްރެސްޓާއެކު ލޯނު އަނބުރާ ބޭންކަށް ދައްކަން ޖެހެ އެވެ. އެތައް ބައެއްގެ ވިޔަފާރި ހުއްޓި އިތުރު އިމާރާތްތަކަށް ލޯނު ވެސް ނުލިބިދާނެ އެވެ.

"މާލޭގެ މީހުން އިމާރާތް ކުރަނީ ވިޔަފާރި ރޭޓުގައި ލޯނު ނަގައިގެން ބޮޑު ޕަސަންޓޭޖެއް. އެހެންވީމަ ކޮމާޝަލް ލޯން ނަގައިގެން ހަތަރު އަހަރު ދައްކަން އަޅާ ތަނެއްގެ ކުލި ހުންނަން ވާނީ ވަކި ވަރަކަށޭ ސަރުކާރުން ނުވެސް ބުނާނެ އަޅުގަނޑު ދެކޭ ގޮތުގައި. އެހެންވެ ކުލި ކޮންޓްރޯލުކޮށްފި ނަމަ ލޯނު ދޭން ބެންކުތަކަށް ޕްރޮޖެކްޓް ފީސިބަލްއެއް ނުވާނެ. ބޮޑު ލޯނެއް ނަގައިގެން ކުރު މުއްދަތެއްގަ ދައްކަން އަޅަފައި ހުންނަ އިމާރާާތްތައްކުގެ ކުލި ވަކި ވަރަކަށް ވުރެ ތިރިއެއް ނުވާނެ," ހުސެއިން ވިދާޅުވި އެވެ.

އެކަމަކު ބައެއް އެހެން މީހުންގެ ހިޔާލު ތަފާތެވެ. މި މައްސަލަ ވަރަށް ބޮޑަށް ދިރާސާ ކުރަމުންދާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވާ ގޮތުގައި ކުލި ކޮންޓްރޯލް ވެސް ކުރެވޭނެ އެވެ. އަދި ރެގިއުލޭޓް ވެސް ކުރެވިދާނެ އެވެ.

މާލޭގައި ގިނަ ބިންތަކަކީ ދައުލަތުގެ ބަންޑާރަ ބިންތަކެވެ. އަމިއްލަ ބިންތައް ނިސްބަތުން މަދެވެ. ބަންޑާރަ ބިންތަކަކީ ދައުލަތުގެ މިލްކިއްޔާތެކެވެ. އެފަދަ ބިންތަކުގައި ވެސް އަމިއްލަ މީހުން ގެދޮރު އަޅައި ކުއްޔަށް ދޫކޮށްގެން އެބަ ތިއްބެވެ. ސަރުކާރަށް އެ ތަންތަން ރެގިއުލޭޓް ކުރެވެން ވާނެ އެވެ.

ކުލީގެ އަގު ބޮޑުވާ ސަބަބުތަކާ އޭނާ ދެކޮޅެއް ނޫނެވެ. އެއީ މާލެއަށް ޑިމާންޑް ބޮޑުވުމެވެ. އެ ގޮތަށް އަޅާފައިވާ އިމާރާތްތައް އަޅާފައި ވަނީ ބޮޑެތި އިންޓްރެސްޓްކުގައި ނަގާފައިވާ ލޯނުތަކުގަ އެވެ. އެކަމަކު ލޯން އިންޓްރެސްޓް ބޮޑުވާ ސަބަބަކީ ވެސް މާލޭގެ ހައުސިން ލޯނަށް އޮތް ޑިމާންޑް ބޮޑުވުމެވެ. ގެދޮރު ކުއްޔަށް ދީގެން ލޯނުގެ އަގު އަނބުރާ ލިބޭނެ ކަމުގެ ޔަގީން ކަން އޮންނަނީ އެވެ.

އެމްޓީޔޫގެ ފައުންޑަރެއް ކަމުގައިވާ ޝާއިން ޔޫސުފު ވެސް ފާހަގަ ކުރައްވަނީ ވެސް މި ކަންކަމެވެ. އެއީ މާލޭގެ ގިނަ މީހުން ދިރިއުޅެނީ ކުއްޔަށް ކަމެވެ. އަދި ކުލި ކޮންޓްރޯލްކޮށް ރެގިއުލޭޓް ކުރަން ޖެހޭ އެތައް ސަބަބުތަކެވެ. ބޮޑުކޮށް އެޑްވާންސް ފައިސާ ނަގައިގެން ވެސް ތަނުން ނުކުންނައިރު އަނބުރާ ދޭން ޖެހޭ ފައިސާ ނުދިނުމާއި ހިތަށް އެރި ވަގުތެއްގައި ކުލި ބޮޑު ކޮށްލުމާ އެތައް ކަމެކެވެ. މާލޭގެ ގެދޮރުވެރިން ބޮޑެތި އަގުތަކުގައި ތަންތަން ކުއްޔަށް ދޫކުރަމުންދާއިރު ކުއްޔަށް ހައްލެއް ނުލިބުމެވެ. ސަރުކާރުތަކުން ބުނާ ސިޔާސަތުތައް ތަންފީޒު ނުވުމެވެ.

ޓްވީޓާގައި ސިޔާސީ އިސް ބޭފުޅުންނާއި އާންމުންނާ މެދުގައި މި ބަހުސް ވަރަށް ފޯރިގަދަކޮށް އެބަ ހިނގަ އެވެ. މެންބަރު އަލީ ހުސައިނަށް ރައްދު ދިން އެކަކު ބުނެފައިވާ ގޮތުގައި ބަންޑާރަ ބިމެއް އަމިއްލަ މީހަކަށް ދޫކުރަނީ އެ މީހަކާއި ދައުލަތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ ގާނޫނީ އެއްބަސްވުމެކެވެ. އެއަށް ދައުލަތުން ވެސް އިހުތިރާމު ކުރަން ޖެހޭނެ އެވެ. މަނާ ނުކުރާ ވިޔަފާރިއެއް އެ މީހަކަށް މަންފާވާ ގޮތަށް ކުރެވެން ޖެހޭނެ އެވެ.

ޒަމާންވީ ބޮޑު މައްސަލައެއް، ހައްލު ބޭނުންވޭ!

ކުލި ކޮންޓްރޯލް ކުރަން އެދި ޕެޓިޝަން ތައްޔާރު ކުރާ އެމްޓީޔޫގެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލަ އަކީ ކުލީގެ މައްސަލަ ހައްލު ކުރަން ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތެއް ނޫނެވެ. އެ ސިޔާސަތު ތަންފީޒު ނުކުރުމެވެ. ރާއްޖޭގައި ބަދަލުވަމުން އައި ހާލަތްތަކާ އެއްވަރަށް ސަރުކާރުން އެ ސިޔާސަތުތައް ތަންފީޒުކޮށް މައްސަލަ ހައްލު ކުރަން ނޫޅުމެވެ. އާންމު ގޮތެއްގައި މައްސަލަ ހައްލު ކުރަން ގިނަ ސަރުކާރުތަކުން ކުރި މަސައްކަތަކީ ވެސް މާލެއަށް ސޯޝަލް ހައުސިން އިތުރު ކުރުމެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ހިއްކީ ވެސް މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށެވެ. އަދި ކޮންމެ އަހަރަކު މަދުވެގެން 500 ހައުސިން ޔުނިޓްގެ ސޯޝަލް ހައުސިން ފޯރުކޮށްދޭން އަމާޒު ކުރި އެވެ. އެކަމަކު މައުމޫންގެ ވެރިކަން ނިމުނުއިރު ވެސް އެއާ ގާތް ކުރާ ވަރަށް ވެސް ހުޅުމާލޭގައި ސޯޝަލް ހައުސިންގެ މަޝްރޫއުތައް ނުހިނގަ އެވެ. ދެން އައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ. ހުޅުމާލޭގައި ސޯޝަލް ހައުސިންގެ ބައެއް މަޝްރޫއު ހިނގިއިރު ގުޅިފަޅު ވެސް ހިއްކައި އެ ތަނުގައި ވެސް މީހުން އާބާދު ކުރުމަށް ސޯޝަލް ހައުސިންގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ އެވެ.

އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަޝީދުގެ ވެރިކަމުގައި ކުރިއަށް ދިޔަ މަޝްރޫއުތައް މައްސަލަތަކެއްގެ ތެރެއަށް ދިޔައީ އެވެ. ގުޅީފަޅުން ފްލެޓް ގަތް ބައެއް މީހުން އެހެން މަޝްރޫއުތަކުން ފްލެޓް ދިން ނަމަވެސް ފްލެޓް ނުލިބޭ 142 އާއިލާ ތިބިއިރު، ބައެއް ފަރާތްތަކުން އުޅެނީ ކުދިކުދި ކޮޓަރިތަކުގައި ކުއްޔަށެވެ. ފަހުން ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި 6،000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ މަޝްރޫއު ހިނގި އެވެ. އެކަމަކު އެ ފްލެޓްތައް ދޫކޮށްފައިވަނީ އެންމެ ހައްގު މީހުންނަށް ނޫން ކަމަށް ބުނެ އެ މައްސަލަ ދަނީ މިހާރުގެ ސަރުކާރުން ބަލަމުންނެވެ. އަދި އިތުރު ހަރަދުތަކެއް ކުރަން ޖެހުނު ކަމަށް ބުނެ އެ ފްލެޓްތައް ދޫކޮށްލަން ނިންމީ މަހަކު 11،000 ރުފިޔާ ދައްކާ ގޮތަށެވެ. އެއީ އާންމު މީހަކަށް ދައްކަން ފަސޭހަ އަދަދެއް ނޫނެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވާ ގޮތުގައި ސަރުކާރުން މާލޭގައި އަދި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައި އަތްފޯރާފަށުގައި މީހުނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިނަމަ މައްސަލަ ހައްލުވެގެން ދާނެ އެވެ. އޭގެ އިތުރަށް ލާމަރުކަޒީ އުސޫލުން ރަށްރަށް ތަރައްގީ ކުރެވިއްޖެ ނަމަ މާލެއަށް އޮތް ޑިމާންޑް ކުޑަވެ ކުލި ވެސް ކުޑަވެގެން ދާނެ އެވެ. މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ ވެސް އެއީ އެވެ.

މައްސަލަ ދިރާސާ ކުރާ ގިނަ މީހުން ވެސް ގަބޫލު ކުރާ ގޮތުގައި މި މައްސަލައަށް އޮތް ދާއިމީ ހައްލަކީ ލާމަރުކަޒީ ނިޒާމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލޭގައި ދިރިއުޅެން ފަށަނީ ރަށުގައި އެ ޒުވާނަކު ބޭނުންވާ ދާއިރާއަކުން ކިޔެވޭނެ ފުރުސަތެއް ނެތުމުންނެވެ. ބޭނުންވާ މިންވަރަށް އަސާސީ ހިދުމަތްތައް ނެތުމެވެ. އަދާ ކުރާނެ ވަޒީފާއެއް ވެސް ރަށުގައި ނެތިގެނެވެ.

އަލީ ހުސައިން ވެސް ފާހަގަ ކުރައްވަނީ އެ ކަމެވެ. ހުރިހާ ވެސް މައްސަލައަކީ މާލެއަށް ހުރިހާ ކަމެއް މަރުކަޒު ކުރުމެވެ. އެ ކަމަކު އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ލާމަރުކަޒު ކުރަންވީ މާލީ ގޮތުންނާއި އިގްތިސޯދީ ގޮތުންނެވެ. އެ ކަމެއް މި ސަރުކާރުގައި ވެސް ތަންފީޒެއް ނުވެ އެވެ. އިގްތިސޯދީ ބޮޑެތި މަޝްރޫއުތައް އަދިވެސް ކަނޑައަޅަނީ މާލެ ސަރަހައްދަށެވެ. ދައުލަތުގެ ބަޖެޓްގެ ބޮޑު ބައެއް ކަނޑައަޅަނީ އެ ސަރަހައްދަށެވެ. އޭގެ ސަބަބުން މާލެއަށް އޮންނަ ޑިމާންޑަށް ބަދަލެއް ނާންނާނެ އެވެ.

"ބްރިޖްތަކާއި ވިޔަފާރި ބަނދަރުތަކާއި ޔޮޓް މެރީނާތައް ވެސް އަނެއްކާ ވެސް މާލެއަށް. އަލަށް ހަދާ ކެންސަރު ހޮސްޕިޓަލު ވެސް މާލެ އަވަށަކަށް. މާލޭގެ ކުލީގެ މައްސަލަ ހައްލު ކުރެވޭނީ މާލެއަށް އޮންނަ ޑިމާންޑް ވެސް ކުޑަކޮށްގެން، މާލެއަށް ތޮއްޖެހުން އިތުރުވާނެ މިފަދަ ޕްރޮޖެކްޓްތައް މާލެ ނޫން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްގެން، މިއަށްވުރެ ބިމާއި ގުދުރަތީ ވަސީލަތްތައް ތަނަވަސް އެހެން ސަރަހައްދުގައި އެބަހުރި،" އަލީ ހުސައިން ވިދާޅުވި އެވެ.

އެމްޓީޔޫގެ ޝާއިންގެ ޝަކުވާއަކީ އެއީ އެވެ. މާލޭގައި ގެދޮރު ކުއްޔަށް ނަގައިގެން ދިރިއުޅެނީ ހަމައެކަނި އަތޮޅުތަކުގެ ތެރެއިން މާލެއަށް އައިސް ތިބި މީހުނެއް ނޫނެވެ. އަލަށް ޒަވާޖީ ހަޔާތެއް ފަށާ މާލޭގެ ދެމަފިރިން ވެސް އާންމުކޮށް އުޅެން ފަށަނީ ކުއްޔަށެވެ. ކުއްޔަށް އުޅޭ މާލެ އާއިލާތައް ވެސް މަދެއް ނޫނެވެ. މި މައްސަލަ ހައްލު ކުރެވޭނީ ލާމަރުކަޒު ކޮށްގެން ކަމަށް ވިޔަސް އެ ނިޒާމަށް އަމަލެއް ނުކުރެ އެވެ. އޭނާ ވެސް ފާހަގަ ކުރަނީ އަލީ ހުސައިން ފާހަގަކުރެއްވި ފަދަ މަޝްރޫއުތައް މާލެއަށް ކަނޑައަޅާ ވާހަކަ އެވެ.

މި ބަހުސް ދިގު ކުރެވިދާނެ އެވެ. ޔަގީނުން ވެސް ސާފުވާ ކަމަކީ މާލޭގެ ކުލީގެ ބާޒާރުގައި ގޯސްތަކެއް އެބަ އުޅޭ ކަމެވެ. އަދި މިއީ ކޮންމެ އިންތިހާބަކާ ދިމާކޮށް ތެދުވާ ވާހަކައެއް ކަމެވެ.