ބޯހިޔާވަހިކަން

ކުލިތައް އެންމެ ބޮޑީ ކޮން އަވަށެއްގައި؟

ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލަ އެކެވެ. ހާއްސަކޮށް މި މައްސަލަ ބޮޑީ ރަށްރަށުން ގިނަ ބަޔަކު ހިޖުރަކޮށް ދިރިއުޅެމުންދާ މާލޭގަ އެވެ. މާލޭގެ ބިމުގެ ސައިޒަށް ވުރެ ގިނައިން މި ތަނުގައި މީހުން ވަޒަންވެރި ވެގެން އުޅޭއިރު އޭގެ ސަަބަބުން ހީވެސް ނުކުރާ ވަރުގެ ގިނަ މައްސަލަ ތަކެއް ދަނީ ނުކުންނަމުންނެވެ. ކުޑަ ތަންކޮޅެއްގައި ދިރިއުޅެން މަޖުބޫރު ކުރުވާ ދަތި ދިރިއުޅުމުގެ އަސަރު ޖީލު ތަކަށް ދަނީ ކުރަމުންނެވެ.

މާލޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން ކުއްޔަށް ކިހާ މީހުނެއް އުޅޭނެ ހެއްޔެވެ؟ މާލޭގައި އެންމެ ކުލި ބޮޑީ ކޮން އަވަށެއްގައި ހެއްޔެވެ؟ އެވްރެޖްކޮށް ކުއްޔަށް މަހެއްގެ މައްޗަށް ކިހާ ރުފިޔާއެއް ހޭދަ ކުރޭ ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު ހޯދަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން މިދިޔަ އަހަރުގެ މާޗް މަހުން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކުރި ރެންޓަލް ސާވޭއާ ހަވާލާދީ މާލެ މަތިން ބަލާލާއިރު ފެންނަނީ ނުތަނަވަސް މަންޒަރެކެވެ. ބޯހިޔާވަހިކަން ހައްލު ކުރަން ސަރުކާރުތައް ފެއިލްވެފައިވާ މިންވަރު މިއިން އެނގެ އެވެ. މީގައި މާލޭގެ ރައްޔިތުންނާ މި ރަށަށް ހިޖުރަކޮށްފައި ތިބި އެހެން ރަށްރަށުގެ ރައްޔިތުންނާ ޖެހިފައި ތިބި ހާލަށް ބަލާއިރު މާ ބޮޑު ތަފާތެއް ނެތެވެ.

ރާއްޖޭގައި ޖުމްލަ 87،537 ގޭބިސީ ހުރިއިރު މީގެތެރެއިން 48 ޕަސެންޓް ގޭބިސީ ހުރީ މާލޭގަ އެވެ. ކޮންމެ 10 ގޭބިސީ އަކުން އެއް ގޭބިސީއެއްގައި މީހުން ދިރިއުޅެނީ ތޮއްޖެހިފައިވާ ހާލަތުގަ އެވެ. އޭގެ މާނައަކީ މި ތަންތަނަކީ ނިދާ ކޮޓަރިއެއްގައި އެވްރެޖު ގޮތެއްގައި ތިން މީހުންނަށް ވުރެ ގިނައިން ދިރިއުޅެން މަޖުބޫރު ކުރުވާފައިވާ ތަންތަނެވެ.

މާލޭގެ 74 ޕަސެންޓް އުޅެނީ ކުއްޔަށް

މި ދިރިއުޅުމަށް ވެއްޓެން ޖެހިފައިވާ މައިގަނޑު ސަބަބަކީ މާލޭގައި ގިނަ ބަޔަކު ކުއްޔަށް ކުޑަ ތަންކޮޅެއްގައި އުޅެން މަޖުބޫރުވުމެވެ. މާލޭގައި ދިރިއުޅޭ އާބާދީގެ 74 ޕަސެންޓް އުޅެނީ ކުއްޔަށެވެ. އާމްދަނީއާ ހަރަދުގެ ސާވޭ ދައްކާ ގޮތުގައި ރާއްޖޭގެ އެވްރެޖު އާމްދަނީއަކީ މަހަކު 10،474 ރުފިޔާ އެވެ. ގޭބިސީއެއްގައި އާމްދަނީއެއް ލިބެނީ ދޭއް ނުވަތަ ހަ މީހުންނެވެ. މާލޭގެ ގޭބިސީ އަކަށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި އެވްރެޖު ގޮތެއްގައި ލިބެނީ 38،598ރ. އެވެ.
މާލޭގައި އެވްރެޖު ގޮތެއްގައި ކުއްޔަށް 13،494ރ. ހޭދަ ކުރަން ޖެހެ އެވެ.

ދިރިއުޅެން ކުއްޔަށް ދޭ ތަންތަން ގިނައީ މާފަންނުގައި

ރާއްޖޭގައި އާއްމު ގޮތެއްގައި ހަދާފައި ހުންނަނީ އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރި އާއި ހަތަދު ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ. ދެހާސް ސާދަ ވަނަ އަހަރު ރާއްޖޭގައި ކުރި ބޯހިމެނުމުން ދައްކާ ގޮތުގައި މާލޭގައި ކުއްޔަށް މީހުން ދިރިއުޅެން 454 އެޕާޓްމަންޓުމަންޓް ހުރިއިރު އެންމެ ބައިބޯ މާފަންނުގައި 117 ތަން ހުރެ އެވެ. އަދި އެންމެ އެޕާޓްމަންޓް ގިނައީ ވެސް މި އަވަށުގަ އެވެ. މާފަންނުގައި ކުއްޔަށް އުޅޭ އާބާދީ އެ ތާރީހާ ހަމައަށް 15،371 އަށް އަރަ އެވެ.

އެންމެ ގިނަ ބަޔަކު ދެ ކޮޓަރީގައި

ރެންޓަލް ސާވޭ އިން ދެއްކި ގޮތުގައި މިދިޔަ އަހަރުގެ މާޗް މަހު އެއް ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި ހުރީ 8،774ރ. ގަ އެވެ. ނަމަވެސް ސެޕްޓެމްބަރު މަހު ކުލި 8,764ރ. އަށް މަތިވުމަށް ފަހު މި އަހަރުގެ އެޕްރީލް މަހު ވަނީ އެއް ކޮޓަރީގެ ކުލި 8,616ރ. އަށް ދަށް ވެފަ އެވެ. އެންމެ ގިނަ މީހުން ބޭނުންވާ ދެ ކޮޓަރީގެ އެޕްޓްމަންޓެއްގެ ކުލި މިދިޔަ އަހަރުގެ މާޗް މަހު ހުރީ 14,463ރ. އަށް އެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހު ކުލިތައް 14,472ރ. އަށް މަތިވެގެން ދިޔަ އެވެ. ނަމަވެސް މި އަހަރުގެ އެޕްރީލް މަހު ވަނީ 14,217ރ. އަށް ވެއްޓިފަ އެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލި މިދިޔަ އަހަރުގެ މާޗް މަހު 19,356ރ. އަށް ހުރުމަށް ފަހު އޭޕްރީލް މަހު ވަނީ 19,109ރ. އަށް ވެއްޓިފަ އެވެ. އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލި މިދިޔަ އަހަރުގެ މާޗް މަހު 26,359ރ. އަށް ހުރުމަށް ފަހު މި އަހަރުގެ އެޕްރީލް މަހު ކުލިތައް ވަނީ 26,127ރ. އަށް ވެއްޓިފަ އެވެ. ބެލެވޭ ގޮތުގަައި ކުލިތައް ދަށްވާން ފަށާފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވެ އާއްމުންގެ އަތްމަތި ދަތިވުމުގެ ސަބަބުންނެވެ.

ރާއްޖޭގައި ގިނަ މީހުން ދިރިއުޅެން ހިޔާރު ކުރާ ގޭބިސީއެއްގައި ހުންނަނީ 4.4 ކޮޓަރި އެވެ. މާލޭގެ ގޭބިސީއެއްގައި އާއްމުކޮށް ހުންނަނީ 2.4 ކޮޓަރި އެވެ

ކުލީގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާއިރު، މާލޭގައި އެންމެ ކުލި ބޮޑީ ކޮން އަވަށެއް ހެއްޔެވެ؟ މާލޭގައި އެންމެ ބޮޑު ކުއްޔަށް އެޕާޓްމަންޓް ލިބެނީ ތަފާސް ހިސާބުތައް ދައްކާ ގޮތުގަައި މާފަންނުންނެވެ. އެވްރެޖު ކުލި އެންމެ ކުޑައީ ވިލިމާލޭގަ އެވެ.

އެވްރެޖު އެޑްވާންސް 25,870 ރުފިޔާ

ރާއްޖޭގައި ކުއްޔަށް ދޭ ތަންތަނުން އެވްރެޖު ގޮތެއްގައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 25,870ރ. ނަގަ އެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓެއް ލިބެނީ 13,952ރ.ގެ އެޑްވާންސެއް ދައްކައިގެންނެވެ. އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއްނަމަ އެޑްވާންސުގެ ގޮތުގައި އާއްމު ގޮތެއްގައި 51,635ރ. ދައްކަން ޖެހެ އެވެ. އެޑްވާންސަށް ދައްކަން ޖެހޭ އަދަދު ފާނިޝް ކޮށްފައި ހުންނަ އެޕާޓްމަންޓްތަކާއި ފާނިޝްނުކޮށް ހުންނަ ތަންތަނުގައި ތަފާތެވެ. ފުލީ ފާނިޝްކޮށްފައި ހުންނަ އެޕާޓްމަންޓުތަކަށް އެޑްވާންސުގެ ގޮތުގައި 30,264ރ. ދައްކަން ޖެހެ އެވެ. މާލޭގައި އާއްމު ގޮތެއްގައި އެޕާޓްމަންޓް ކުއްޔަަށް ދެނީ 1.5 އަހަރާއި 4.5 އަހަރުގެ މުއްދަތަކަށެވެ.