ހަބަރު

2054 ގައި ރާއްޖޭގެ އާބާދީ މިލިއަނަކާ ގާތަށް

Jul 14, 2019
1

އެކަށީގެންވާ ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، ކުރިއަށްއޮތް 35 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ ގާތްގަނޑަކަށް އެއް މިލިއަނަކަށް އަރާނެކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީ މިހާރު އިތުރުވަމުން އަންނަ ރޭޓުގައި 2054 އަންނައިރު ރާއްޖޭގައި 557،537 ދިވެހިން އަދި 416،822 ބިދޭސީން އުޅޭނެ އެވެ.

އެ ބިޔުރޯގެ ހިސާބުތަކުން ބުނާގޮތުން، މިއަހަރު ދިވެހިންގެ އާބާދީ 372،739 ގައި ހުރިއިރު، ބިދޭސިންގެ އަދަދު 161،202 އަރަ އެވެ.

މުޅި އާބާދީ މިލިއަނަކަށް އަރާއިރު، އެ މުއްދަތުގެ ތެރޭގައި މާލޭ ސަރަހައްދުގައި ދިރިއުޅޭނެކަމަށް ލަފާކުރަނީ އޭގެ ތެރެއިން 54 ޕަސަންޓެވެ. ލަފާ ކުރާ އާބާދީއަށް ބަލާއިރު، މާލޭ ސަރަހައްދުގައި ދިރިއުޅޭ އާބާދީ އެކަނި 500،000 އަށް އަރާނެ އެވެ.

އޭގެ އިތުރުން، 2054 ވަނަ އަހަރާ ހަމައަށް ދުވަސްވީ މީހުންގެ އާބާދީވެސް ވަރަށް ބޮޑުތަނުން އިތުރުވަމުންގޮސް، ކުޑަކުދިންގެ އާބާދީ މަދުވާނެކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން، 2030 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ އާބާދީ ދަށްވާނެކަމަށް ބެލެވެނީ ދަރިމައިވުމުގެ އުމުރުފުރާގެ މީހުން މަދުވުމާއެކު އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުން ކަމުގައި އެ ބިޔުރޯއިން ވަނީ ލަފާކޮށްފަ އެވެ.

މަސައްކަތް ކުރާ އާބާދީ އަށް ބަލާއިރު އާބާދީގެ 40 ޕަސެންޓް އަންހެނުން އާމްދަނީ ހޯދަނީ ނުރަސްމީ މަސައްކަތްތަކުންނެވެ. އޭގެ ތެރޭގައި ގޭގައި ތިބެގެން ކުރާ އާމްދަނީ ލިބޭ މަސައްކަތްތައްކަން ބިޔުރޯ އިން ފާހަގަކުރެ އެވެ. އާބާދީ އިތުރުވާ ނިސްބަތުން ވަޒީފާތައް އިތުރުވާންޖެހޭއިރު، 2054 އަހަރު މަސައްކަތްކުރާ އުމުރުފުރާގެ އާބާދީ 779،109 އަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެގޮތުން، އެ މުއްދަތުގެ ތެރޭގައި އުމުރުން 15 އަހަރުން މަތީގެ 42 ޕަސަންޓް މީހުން އިގުތިސޯދީ ގޮތުން ހަރަކާތްތެރިނުވާނެކަމަށް އެ ބިޔުރޯއިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި 72 ޕަސަންޓް މީހުންނަކީ އަންހެނުންނެވެ.

އދ.ގެ ތަފާސްހިސާބުތަކަށް ބަލާއިރު 2050 އަންނައިރު ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް އަރާނެ އެވެ. މިހާރު ދުނިޔޭގެ އާބާދީ އަކީ 7.7 ބިލިއަން ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.