ރިޕޯޓް

އިންކަމް ޓެކްސް ނެގީމަ، ގޭގެ ކުލި ކުޑަ ކުރަން ޖެހޭ!

ގުޅުމެއް ނެތަސް ކޮންމެ ޓެކުހަކާއެކު އެންމެ އަވަހަށް މަތިކޮށްލާ އަގަށް ގޭގެ ކުލި އޮންނަނީ ވެފަ އެވެ. ކާޑުގެ އަގަށް ބަދަލު ގެނައުމުން ވެސް ގޭގެ ކުލި ބޮޑު ކުރި އެވެ. މި ފަހުން އެންމެ ބޮޑަށް އާއްމުންގެ ޝަކުވާއަކަށް ވީ އަލަށް މި އަހަރު ނަގަން ފަށާ އިންކަމް ޓެކްސް ނުވަތަ ފަރުދުންގެ އާމްދަނީ ޓެކްހުގެ ބިލު ފާސްކުރުމާއެކު ގޭގެ ކުލިތައް ބޮޑުކޮށްލުމެވެ. ބައެއް ގޭގޭގެ ކުލިން ވަނީ 1،500ރ. އާއި 3،000ރ. އާ ގާތަށް މައްޗަށް ޖައްސާފަ އެވެ. އިންކަމް ޓެކްސް ނަގާތީ ގޭގެ ކުލި ބޮޑު ވާން ޖެހޭ ހެއްޔެވެ؟ މި ޓެކުހާ ގޭގެ ކުއްޔާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ބޮޑެތި ކުންފުނިތަައް އޮޑިޓް ކުރާ، ކްރޯ މޯލްޑިވްސްގެ މެނޭޖިން ޕާޓްނާ ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް އާ ގުޅިގެން ރެންޓަލް އިންކަމަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. ބަދަލެއް އަންނަ ކަމަށް ވާނަމަވެސް އެބަދަލަކަށް ވާނީ ކުލި ކުޑަވުމެވެ.

"ކުލި ބޮޑު ވާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ،" ހަސަން މުހައްމަދު ވިދާޅުވި އެވެ.

އެކަމަކު ރާއްޖެއަށް މީގެ ކުރިން ތައާރަފު ކުރި ބައެއް ޓެކްސްތަކުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގު ބަދަލުވެފައިވެ އެވެ. ބައެއް ޓެކްސްތަކުގެ ސަބަބުން ބާޒާރުގެ އަގުތައް މަތިވެ، އާއްމުންނަށް ދަތިތަކާ ކުރިމަތިވެފައި އެބަހުއްޓެވެ. އިންކަމް ޓެކްސްގެ ސަބަބުން އަގު ތަކަށް ބަދަލު އަންނަން ނުޖެހޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވަނީ ކީއްވެގެން ހެއްޔެވެ؟ ގޭގެ ކުލި މަތި ނުކުރެވޭއޭ ތަޖުރިބާކާރުން ވިދާޅުވަނީ ކީއް ވެގެން ހެއްޔެވެ؟

ފުރަތަމަ ބަލަންޖެހެނީ އިންކަމް ޓެކްސް ނެގޭ ގޮތަށެވެ. މި ޓެކްސްއަކީ އާމްދަނީ ލިބޭ ފަރުދުން ވަކި ބްރެކެޓް ތަކަށް ބަހާލައިގެން ނަގާ ޓެކުހެކެވެ.

އިންކަމް ޓެކްސް ނަގާނީ މަހަކު 60،000ރ އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. މަހަކު 60،000ރ. އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ މީހުންގެ އަތުން ނަގާނީ 5.5 ޕަސެންޓެވެ. އަދި 150،000 އާއި 100،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން އަށް ޕަސެންޓެވެ. އަދި 150،000 އާއި 200،000ރ ގެ އާމްދަނީ ލިބޭ މީހުންގެ އަތުން 12 ޕަސެންޓް ނަގަ އެވެ. މަހަކު 200،000ރ ގެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން 15 ޕަސެންޓެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި އިންކަމް ޓެކްސް ނެގުމަކީ ގޭގެ ކުލި ބޮޑު ކުރަން ޖެހޭ ސަބަބެއް ނޫނެވެ. އިންކަމް ޓެކުހުގެ ސަބަބުން ގޭގެ އޯނަރުންގެ ޖީބަށް ބާރު ބޮޑު ވާނެ އެއްވެސް ހާލަތެއް ނޯވެ އެވެ. މީގެ ބަދަލުގައި އިންކަމް ޓެކުހާއެކު، ގޭގެ ކުއްޔަށް ދީގެން އާމްދަނީ ހޯދާ މީހުންނަށް ޓެކުހުގެ ލުއި ތަކެއް ލިބިގެން ދެއެވެ.

އިންކަމް ޓެކުހުގެ ގާނޫނުގެ ދަށުން މީގެ ކޮންމެ ބްރެކެޓެއްގެ ތެރެއަށް ފެތި ޓެކްސް ދައްކަން ޖެހުނު ނަމަވެސް ޓެކްސް ދައްކަން ޖެހޭ ވަރު، ކުރިން ގޭގެ ވެރިންނަށް ލިބުނު ކުލީގެ އާމްދަނީގެ ފައިދާއިން ޓެކްސް ދެއްކި ބީޕީޓީގެ ގާނޫނާ އަޅާ ބަލާއިރު ލުއި ވެގެންދެ އެވެ.

އިންކަމް ޓެކްސްގެ ގާނޫނު ފާސްވުމުގެ ކުރިން ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި ޓެކުހެއް ނަގަމުން ދިޔަ އެވެ. ބީޕީޓީ ގާނޫނު އޮތް ގޮތުން ގޭގެ ކުއްޔަށް ދީގެން ތިބި މީހުން ވެސް އަހަރެއްގެ މައްޗަަށް ލިބޭ އާމްދަނީ 500،000 އަށް ވުރެ ބޮޑުނަމަ 15 ޕަސެންޓް ޓެކުހެއް ދައްކަން ޖެހެ އެވެ.

މާނައަކީ އަހަރެއްގެ އާމްދަނީ ފަސް ލައްކަ އަށްވުރެ ބޮޑު ވެއްޖެނަމަ ގޭގެ އޯނަރުން 15 ޕަސެންޓު ޓެކުހުގެ ގޮތުގައި ދައްކަން ލާޒިމްވުމެވެ. އެކަމަކު، އިންކަމް ޓެކްސް ނަގަން ފެށުމާއެކު ފަރުދުންގެ ޓެކުހާއި ވިޔަފާރީގެ ޓެކްސް ވަނީ ވަކި ކޮށްލާފަ އެވެ. އެހެންވެ މިހާރު ކުލީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ވަނީ ލުއިތަކެއް ލިބިފަ އެވެ.

މިހާރު ކުލީގެ ގޮތުގައި އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 720,000 އަށްވުރެ ބޮޑު ވުމުން ނޫނީ ޓެކްސް ދައްކާކަށް ނުޖެހެ އެވެ. އަދި މި އަދަދަށް ވުރެ އާމްދަނީ މަތިވި ނަމަވެސް ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ ޕަސެންޓު ވަނީ 5.5 ޕަސެންޓަށް ދަށް ވެގެން ގޮސްފަ އެވެ. މިއީ ގޭގެ ވެރިންނަށް ލިބިގެން ދިޔަ ލުޔެކެވެ. މިހާރު އެމީހުން ޓެކްސް ދައްކަން ޖެހޭ ޕަސެންޓޭޖު ކުޑަ ވާނެ އެވެ.

މޯލްޑިވްސް ފައިނޭންސް އެސޯސިއޭޝަންގެ ރައީސް އިލްޔާސް ހަނީފު ވިދާޅުވި ގޮތުގައި އިންކަމް ޓެކުހާއެކު ގެ ކުއްޔަށް ދީގެން ތިބި މީހުންނަށް ޓެކްސްގެ ބެނިފިޓެއް ލިބިގެން ގޮސްފައިވާނެ އެވެ.

"ކުންފުންޏަކުން ޑިވެލޮޕް ކުރިއަސް މިހާރު ރެންޓް ބޮޑުވާން ޖެހޭ ރީޒަނެއް ނެތް. ޓެކްސް މަތިވާން ޖެހޭ ސަބަބެއް ނެތް. މިހާރު އުފެދިފައި މިވަނީ ކޮންމެ ޓެކްސްއަކާ ގުޅިގެން އަންނަ ހައިޕެއް ހެން ހީވަނީ. ރެންޓު ދީ މި އުޅެނީ އާއްމުކޮށް އިންޑިވިޖުއަލްސް. ކުރިން އެމީހުންވެސް ޓެކްސް ދައްކަން ޖެހެނީ ފަސް ލައްކަ އަށް ވުރެ ބޮޑުވީމަ. އެކަމަކު މިހާރު ހަތް ލައްކަ އަށް ވުރެ ބޮޑުވީމަ އެހެންވީމަ ޓެކްސް ދައްކަން ޖެހެނީ. މިއީ ލިބިގެންދާ ލުޔެއް،" އިލްޔާސް ވިދާޅުވި އެވެ.

ގޭގެ ކުލި ބޮޑު ނުކުރެވޭނެ ކަމުގެ ކުޑަ މިސާލެކެވެ؛ އެޕާޓްމަންޓެއް ކުއްޔަށް ދޭ މީހަކަށް އާމްދަނީގެ ގޮތުގައި އަހަރަކު ލިބެނީ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ކަމަށް ބެލިދާނެ އެވެ. އޭނާ ހަރަދުގެ ގޮތުގައި 20 ޕަސެންޓް އުނިކުރުމަށް ފަހު ލިބޭ ޓެކްސް ބިނާ ކުރެވޭ ފައިދާ 864,000 ރުފިޔާ އަށެވެ. އަދި މީގެ ތެރެ އިން 720,000 އާ ހަމަ އަށް ލިބޭ އާމްދަނީގެ ފައިދާ އަކީ ޓެކްސް ދައްކަން ނުޖެހޭ ފްރީ ތްރެސް ހޯލްޑް އެވެ. މި އަދަދަށް އެރި ނަމަވެސް މިހާރު ޓެކްސް ދައްކާކަން ނުޖެހެ އެވެ. އެމީހަކު ޓެކްސް ދައްކަން ޖެހެނީ 720,000 ރުފިޔާ އަށް ވުރެ މަތިވީމަ އެވެ.

އިންކަމް ޓެކްސް ގާނޫނު އޮތް ގޮތުން 720،000 އާއި 1.2 މިލިއަން ރުފިޔާ އާ ދެމެދުގެ އާމްދަނީގެ ބްރެކެޓުގެ މީހުން މިހާރު ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ ގާތްގަނޑަކަށް ހަތް ހާސް ރުފިޔާ އެވެ. އެކަމަކު މި އަދަދަށް އާމްދަނީ ލިބޭ މީހުން ކުރިން ބީޕީޓީގެ ގާނޫނުގެ ދަށުން ބައިލައްކަ ރުފިޔާ ދައްކަން ޖެހެ އެވެ.

އެހެންވީމަ މިއީ ޓެކްސް ކުޑަވުމެއް ނޫން ހެއްޔެވެ؟ މީގައި ރެންޓު މަތި ކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ހެއްޔެވެ؟

އިންކަމް ޓެކްސް ބިލުގައި ގެ ކުއްޔަން ދޫކުރާ މީހުންނަށް ލުއި ދޭން އެހެން ބަދަލެއް ވެސް ގެނެސްފައިވެ އެވެ.

ހަސަން ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ގާނޫނުގައި ލޯނު ނަގައިގެން ގެ ހަދާފައިވާ މީހުންނަށް ވެސް ލުއި ގޮތްތަކެއް ލިބިގެންދެ އެވެ.

"ކެޕިޓަލް އެލަވަންސް ކްލެއިމް ކުރަން ހާއްސަ އުސޫލުތަކެއް އެބަ އޮތް އިންކަމް ޓެކްސް ގާނޫނުގައި. އިންކަމް ޓެކްސް ގަވާއިދުގައި އެބައޮތް ރާއްޖޭގެ ބޭންކް އަކުން ނޫނީ އެމްއެމްއޭ އިން އެޕްރޫވްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ނަގާ ނޫނީ ފައިނޭންސް ކޮށްފި ކަމަށްވާނަމަ އެ ބަޔަކަށް ކެޕިޓަލް އެލަވަންސް ކްލެވޭނެއޭ ލޯނުގެ މުއްދަތުގެ ތެރޭގައި. ޕްރޮޖެޖްޓުގެ 50 ޕަސެންޓް ފައިނޭންސް ކޮށްފައި އޮންނަނީ ލޯނަކުން ކަމަށްވާނަމަ އެބަޔަކަށް ކެޕިޓަލް އެލަވަންސް، ލޯނުގެ މުއްދަތުގެ ތެރޭގައި،" ހަސަން ވިދާޅުވި އެވެ.

އިންކަމް ޓެކްސް ބިލުގައި ގޭގެ ވެރިންނަށް ބޮޑެތި ލުއި ތަކެއް ދީފައިވެ އެވެ. ޓެކްސް ކުޑަވާނެ ގޮތްތަކެއް ހަމަޖައްސާ ދީފައިވެ އެވެ. އެހެންވެ، އިންކަމް ޓެކްސް ނަގަން ފެށުމުން ގޭގެ ކުލި ބޮޑު ކުރަން ޖެހޭ ހެއްޔެވެ؟