ރިޕޯޓް

އާމްދަނީ ޓެކްހާއެކު ކުލި ބޮޑުވާންޖެހޭ ސަބަބެއް ނެތް!

Jan 8, 2020
8

އާމްދަނީން ޓެކްސް ނެގުމަކީ މި ސަރުކާރުގެ "ޖަޒީރާ ރާއްޖެ" ވަޢުދުނާމާގެ ދަށުގައިވާ އެންމެ މައި އެއް ވަޢުދެވެ. ސަރުކާރުގެ މި ވަޢުދު ހަޤީޤަތަކަށް ވެގެން ދިޔައީ 17 ޑިސެންބަރު 2019 ވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އާމްދަނީން ޓެކްސް ނެގުމުގެ ބިލު ތަސްދީގު ކުރެއްވުމާއެކު އެވެ. މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ މި ޤާނޫނަށް އަމަލު ކުރާން ފަށާފަ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ތަޞްދީގު ކުރެއްވުން ވެގެން ދިޔައީ ބޮޑެތި ބަހުސްތަކެއްގެ ފެށުމަކަށެވެ. މި ބަހުސާއިއެކު ގިނަ ބައެއްގެ ހިތްތަކުގައި ސުވާލުތައް އުފެދި ނުތަނަވަސްކަން ވެސް އުފެދިގެން ދިޔަ އެވެ.

މި ޓެކުހުގެ އަސްލު ހަގީގަތް އޮތްތާނގައި ބާއްވާފައި ކަމުގެ ހަގީގަތް އޮޅޭ ގޮތައް ބައެއް މީހުންގެ ބައެއް މީހުން މަސައްކަތް ހުއްޓެވެ. އަނެއް ބަޔަކު ގާނޫނުގެ މަފްހޫމަށް ނުވަތަ ހަގީގީ މަގުސަދާމެދު ނުވެސް ވިސްނައި ގާނޫނުގައި ބުނާ އެއްޗެއް ވެސް ނުބަލައި ބަހުސް ކުރަނީ އެވެ.

މި ޤާނޫނު ނިވާފަތް ގަނޑަކަށް ހަދައިގެން ސިޔާސީ ގޮތުން މަންފާއެއް ހޯދޭތޯ ވެސް ބަޔަކު މަސައްކަތް ފެށި އެވެ. ބައެއް ވިސްނުންތައް ހުރީ މި ގާނޫނު ބަހަނާއަކަށް ދައްކައިގެން ވަކި ބައެއްގެ އަތުން މާލީ މަންފާތަކެއް ހޯދާށެވެ.

މި ޓެކުހާއި ގުޅުވައިގެން ގެދޮރުގެ ކުލި ބޮޑު ކުރުމުގެ ވިސްނުމާއެކު ގެދޮރު ކުއްޔަށް ހިފައިގެން އުޅޭ މީހުންގެ ކަންފަތް ދޮށުގައި މި ކަމުގެ ނުރައްކާތެރި އިންޒާރުގެ ރަނގަބީލު ވަރަށް ބާރަށް ޖަހަން ފަށައިފިއެވެ. މިފަދަ އެތައް އެތައް ސުވާލު ތަކަކާއިއެކު މި ޤާނޫނާއި ގުޅޭ ކަންތައްތައް އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލީއެވެ.

ނަމަވެސް މީގެ ހަގީގަތް އެނގޭނޭ ގޮތަށް ތިލަވެފައި އޮތުން މުހިންމެވެ. ފުރަތަމަ ކަމަކަށް، މިފަދަ ޓެކުހެއްގެ ވާހަކަ ދައްކަމުން ގޮސް ހަގީގަތަކަށް ވީ ހިސާބާއިމެދު ވިސްނާލާން ޖެހެ އެވެ. މި ސަރުކާރު ވެރިކަމަށް އައީ، އޯގާތެރިކަމާއި އިންސާފުވެރިކަމާއެކު ވެރިކަން ކޮށްދިނުމުގެ ވައުދާއި އެކުގަ އެވެ. އާންމު ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ޔަގީންކަން ދެމުންނެވެ. ހަމަހަމަކަން ގާއިމް ކޮށްދޭނެކަން ކަށަވަރު ކޮށްދެމުންނެވެ.

އެހެންކަމުން، އާމްދަނީން ޓެކްސް ނެގުމަކީ އާންމު ރައްޔިތުންނަށް އެއްވެސް ޙާލެއްގައި ތަކުލީފެއް ޖެއްސުންކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

ދެވަނަ ކަމަކަށް، މިފަދަ ޓެކުހެއް ނެގުމުގެ ބޭނުމާއިމެދު ވިސްނާލަމާ ހެއްޔެވެ؟ އެއީ، ވަރަށް އަސާސީ ބޭނުމެކެވެ. އެއީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ބޭނުންވާ އާމްދަނީ ދައުލަތަށް ހޯދުމެވެ. ރައްޔިތުންނަށް ލުއި ފަސޭހަ މަގުތައް ކޮށައިދިނުމެވެ. ކޮންމެ ދިވެއްސަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ތަކުލީފުތަކަށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއިއެކު، ހައްލު ހޯދައިދިނުމެވެ.

ސުވާލަކީ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއިއެކު ރައްޔިތުންނަށް އިތުރު އުނދަގޫތަކެއް ކުރިމަތިކުރުވާން އުޅޭކަމަށް އަޑުފަތުރައި އޮޅުވައިލާން އުޅެނީ ކޮން ބޭނުމެއް ގައިހެއްޔެވެ؟

ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް ދިރިއުޅެމުންދަނީ މާލޭގައެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅެމުންދާ ފަރާތްތަކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ބިލާއިއެކު ގެދޮރުގެ ކުލިތައް ބޮޑު ކުރާން މަޖުބޫރުވެފައިވާ ކަމަށް ދައްކައި ހަގީގަތް އޮޅުވައިލަ އެވެ.

މާލޭގައި މީހުން ދިރިއުޅެމުންދާ ދަތި ހާލަކީ އެންމެންވެސް ދަންނަ ކަމެކެވެ. ހާއްސަކޮށް، މިއީ މިހާރުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރީން ރަނގަޅަށް ދިރާސާކޮށް، ހޯދާ ބަލާފައިވާ ކަމެއް ކަމަށް ވެއެވެ. ރައްޔިތުން ދިރިއުޅެމުންދާ ބިކަ ހާލުން އަރައިގަނެވޭނެ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ.

މިކަން ޙައްލު ކުރުމަށް ސަރުކާރުން އަޅާފައިވާ އެއް ފިޔަވަޅަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނެއް ވުޖޫދު ކުރުމެވެ. މި ޤާނޫނުގައި ގެދޮރު ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް ސަރުކާރުން ވަނީ އެތައް ލުއި ފަސޭހަތަކެއްގެ ދޮރު ހުޅުވައިދީފަ އެވެ. ޤާނޫނުގައި މިކަން ބަޔާންކޮށްފައިވާ ގޮތް ވަރަށް ސާފެވެ. އަދި، އޮޅުން އަރާންވީ ސަބަބެއް އޮތްކަމަކަށް ނުބެލެވެއެވެ.

މި ގާނޫނު ވުޖޫދަށް އައުމުގެ ކުރީން ކަން އޮތީ ކިހިނެއް ހެއްުޔެވެ؟ ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތްތަކުގެ އަތުން ޓެކުހެއްގެ ސިފައިގައި ސަރުކާރަށް ފައިސާ ދައްކަން ޖެހުނީ ވިޔަފާރި ފައިދާއިން ޓެކްސް ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ނެގުމުގެ ޤާނޫނާއިއެކުއެވެ. އެ ޤާނޫނު ވުޖޫދަށް އައީ ޖުލައި 18، 2011 އިގައެވެ. އެއާއިއެކު، ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތްތަކަށް ލިބޭ ފައިދާގެ ވަކި ޕަސެންޓެއް ދައުލަތަށް ދައްކާން ފެށިއެވެ. ނަމަވެސް، އެ ޓެކްސްވެސް ދައްކާން ޖެހެނީ ވަކި މިންތަކެއްގެ މަތީން އާމްދަނީން ފައިދާ ލިބޭ ފަރާތްތަކެވެ.

ބީޕީޓީ ޤާނޫނުގެ ދަށުން، ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތްތަކަށް ވެސް ލުއިފަސޭހަ ގޮތްތަކެއް އެކަށައަޅާފައި ވެއެވެ. އެއް ކަމަކީ، ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތްތަކުން ޓެކްސް ދައްކާންޖެހޭ މިންވަރެވެ. އެ ގާނޫނުގެ ދަށުން އާންމު ފަރުދުން ކުރާ ވިޔަފާރިތަކުން -- ގެދޮރުގެ ކުލީގެ ގޮތުގައި ހޯދާ އާމްދަނީ ހިމެނޭ ގޮތަށް-- ޓެކްސް ނަގަނީ 500,000 ރުފިޔާއަށްވުރެ މަތީން ލިބޭ އާމްދަނީންނެވެ. މި އަދަދަށްވުރެ މަތީން ލިބޭ އާމްދަނީން ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކާން ޖެހެނީ 15 ޕަސެންޓެވެ.

ނަމަވެސް، މި އަދަދު، ނުވަތަ ސީލިން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއިއެކު މިވަނީ 720,000 ރުފިޔާއަށް މަތިކޮށްފަ އެވެ. މާނައަކީ ގެދޮރު ކުއްޔަށް ދީގެން ލިބޭ އާމްދަނީން ދެން ޓެކްސް ނަގާނީ 720,000 އަށްވުރެ މަތީން އާމްދަނީ ލިބޭ ނަމައެވެ. މިއީ، ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތްތަކަށް ލިބުނު އިތުރު ފަސޭހައެކެވެ. އަދި، މިކަމުގެ ފައިދާ، ގެދޮރު ކުއްޔަށް ހިފައިގެން ދިރިއުޅޭ މީހުންނަށް ވެސް ފޯރާން ޖެހޭނެ ކަމަށް ޤަބޫލުކުރާން ޖެހެ އެވެ.

މިސާލަކަށް މީހަކު އޭނާގެ ގޭގެ އެޕާޓްމަންޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދަނީ އެވެ. ކުލީގެ ގޮތުގައި އަހަރެއްގެ މައްޗަށް އޭނާއަށް ލިބޭ އާމްދަނީއަކީ 1,080,000 ރުފިޔާ އެވެ. އޭގެ ތެރެއިން ހަރަދުގެ ގޮތުގައި 20 ޕަސެންޓް ކެނޑުމަށްފަހު، އޭނާއަށް ލިބޭ ޓެކްސް ބިނާ ކުރެވޭ ފައިދާއަކީ 864,000 ރުފިޔާ އެވެ. މީގެ ތެރެއިން 500,000 ރުފިޔާއާއި ހަމައަށް އޭނާ ޓެކްސް ދައްކާން ޖެހެނީ ސުން ޕަސެންޓް ރޭޓުގައެވެ. އޭގެ މާނައަކީ، އެއީ ޓެކުސް ދައްކާން ނުޖެހޭ އަދަދެކެވެ. ނަމަވެސް، ޓެކްސް ބިނާކުރެވޭ ފައިދާ ކަމުގައިވާ 864,000 ރުފިޔާއިން 500,000 ރުފިޔާ ކަނޑާފައި، ބާކީވާ 364,000 ރުފިޔާއަކީ އޭނާ ޓެކްސް ދައްކާންޖެހޭ މިންވަރެވެ.

އެހެންކަމުން، ބީޕީޓީ ޤާނޫނުގެ ދަށުން އޭނާ ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކާން ޖެހޭ މިންވަރަކީ 364,000 ރުފިޔާގެ 15 ޕަސެންޓް ކަމުގައިވާ 54,600 ރުފިޔާ އެވެ. ނަމަވެސް، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއިއެކު މި އަދަދުތައް މިވަނީ ބޮޑުތަނުން ބަދަލުވެފަ އެވެ.

ކުލީގެ ގޮތުގައި ރައްޔިތުން ޚަރަދުކުރާން ޖެހޭ އަދަދުތައް މި ސަރުކާރުންވަނީ ދިރާސާކޮށްފަ އެވެ. އަދި، އާ ގާނޫނެއް ވުޖޫދަށް ގެނެސްފައި ވަނީ، އެކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދޭށެވެ. މި ގާނޫނުގެ ދަށުން، ކުލީގެ ގޮތުގައި އާމްދަނީ ހޯދާ ފަރާތްތަކުން ޓެކްސް ދައްކާން ޖެހޭނީ ވަކި ފަރުދުންގެ ހައިސިއްޔަތުންނެވެ. އެހެންކަމުން، މި ގާނޫނުގެ ދަށުން ފަރުދުންގެ ޓެކްސް ބިނާކޮށްފައިވާ އާމްދަނީގެ ބްރެކެޓްތައް ދެނެގަތުން މުހިންމެވެ.

އެންމެ ފުރަތަމަ ބްރެކެޓްގައި ހިމެނެނީ 720,000 ރުފިޔާއިން ދަށުގެ އާމްދަނީއެއް ލިބޭ ފަރާތްތަކެވެ. އެ ފަރާތްތަކުން އަތުން ޓެކްސް ނަގަނީ ސުން ޕަސެންޓް ރޭޓުގައެވެ. ދެވަނަ ބްރެކްޓްގައި ހިމެނެނީ 720,000 ރުފިޔާއާއި 1,200,000 އާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ 5.5 ޕަސެންޓް ޓެކްސް ނެގުމަށެވެ.

ތިންވަނަ ބްރެކެޓަކީ، 1,200,000 އާއި 1,800,000 ރުފިޔާއާއި ދެމެދުގެ އާމްދަނީ ލިބޭ ފަރާތްތަކެވެ. އެ ފަރާތްތަކުން ޓެކުހުގެ ގޮތުގައި ދައްކާން ޖެހެނީ އާމްދަނީގެ ތެރެއިން 1,200,000 އާއި 1,800,000 އާ ދެމެދުގެ އޮންނަ 600,000 ގެ 8 އިންސައްތައެވެ. ހަތަރުވަނައަށް އޮތީ 1,800,000 އާއި 2,400,000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ އޮންނަ 600,000 ގެ 12 ޕަސެންޓް ޓެކްސް ނެގުމަށެވެ. އެންމެ ފަހު ބްރެކެޓެއްގެ ގޮތުގައި ހިމަނާފައި ވަނީ 2,400,000 އަށްވުރެ މަތީން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އެ އިތުރުވާ އަދަދެއްގެ 15 ޕަސެންޓް ޓެކްސް ނެގުމަށެވެ.

އެހެންކަމުން، އިންކަމް ޓެކްސް ޤާނޫނުގައި ފަރުދުންގެ ޓެކްސް ރޭޓުތައް ކަނޑައަޅާފައި އޮތް ގޮތުން، ކުލީގެ ގޮތުގައި އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 720,000 އަށް އެރުމުން ނޫނީ، އެއްވެސް ޓެކުހެއް ދައްކާކަށް ނުޖެހެއެވެ.

މިސާލަކަށް ކުއްޔަށް ދޭ މީހާއަށް ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ކަމުގައިވާ 1,0800,000 ރުފިޔާއިން ޚަރަދުގެ ގޮތުގައި 20 ޕަސެންޓް އުނިކުރުމަށްފަހު ލިބޭ ޓެކްސް ބިނާ ކުރެވޭ ފައިދާ 864,000 ރުފިޔާއަށް އަރާއިރު، މީގެ ތެރެއިން 720,000 އާއި ހަމައަށް ލިބޭ އާމްދަނީގެ ފައިދާއިން އޭނާ ޓެކްސް ދައްކާކަށް ނުޖެހެއެވެ. އޭނާ ޓެކްސް ދައްކާން ޖެހެނީ 720,000 ރުފިޔާއާއި 1,200,000 ދެމެދުގެ އާމްދަނީގެ ބްރެކެޓްގެ ދަށުންނެވެ. އެއީ، 720,000 ރުފިޔާއަށްވުރެ މަތީން ލިބޭ އާމްދަނީގެ ފައިދާ ކަމަށްވާ 144,000 ރުފިޔާއިން 5.5 ޕަސެންޓެވެ.

އެހެންކަމުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އޭނާ މިހާރު ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކާން ޖެހެނީ 7,920 ރުފިޔާ އެވެ. މިއީ، އޭނާ ބީޕީޓީ ގާނޫނުގެ ދަށުން ޓެކުހުގެ ގޮތުގައި ދައްކަމުންދިޔަ 54,600 ރުފިޔާއާއި އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. ނުވަތަ، އެއާއި ނުބައްދަލު މާކުޑަކުޑަ އަދަދެކޭވެސް ބުނެވިދާނެ އެވެ.

ސުވާލަކީ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއިއެކު ކުއްޔަށް އަންނާންވީ ކޮން ބަދަލެއް ހެއްޔެވެ؟ އާމްދަނީން ޓެކްސް ނަގާތީ ކަމަށް ބުނެ، ކުލި ބޮޑު ކުރާންވީ އެއްވެސް ސަބަބެއް އެބައޮތް ހެއްޔެވެ؟ މި ގާނޫނާއިއެކު ކުއްޔަށް އެއްވެސް ބަދަލެއް އަންނާން ޖެހޭނަމަ، އަންނާން ޖެހޭނީ ހެޔޮ ބަދަލެކެވެ. މި ގާނޫނާއިއެކު، ގެދޮރު ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް ލިބުނު އިތުރު ލުއި ފަސޭހަތަކާއިއެކު، ކުލިތަކަށް އަންނާންޖެހޭ ހަމައެކަނި ބަދަލަކީ، ކުޑަވުމެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއިއެކު ކުލިތައް ބޮޑުކުރާން ޖެހޭކަމަށް ދެކެވޭ ވާހަކަތަކަކީ ދެއުޅިއެއްނުވާ ހޮޅި ވާހަކަތަކެކެވެ.