ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަކުރެވިގެން ކުރިއަށްގެންދާ ގޯތި އަދި ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމާއި އެކަމާއި ގުޅޭ މައުލޫމާތު އާއްމުންނަށް ދިނުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވެރިކަން ކުރާ އެމްޑީޕީ އިން ނިންމައިފި އެވެ.
އެ ޕާޓީން މިއަދު ބުނީ އެޕާޓީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަ ކުތާ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އާއްމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 8:00 އިން 10:30 އަށް ޗާނދަނީ މަގުގައި ހުންނަ އެމްޑީޕީ ދަނޑިކޮށި ޖަގަހަ ގައި ކަމަަށެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ އަމާޒަކީ މަލޭ ރަށްވެހިންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ބޯހިޔާވަހި ކަމުގެ މި ޕްރޮގްރާމްގެ ނަފާ ލިބި މާލޭ ސަރަހައްދުން އަމިއްލަ ގޯއްޗާއި ފްލެޓް ލިބިގެން ދިއުން ކަމަަށެވެ.
ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް 3،000 ގޯތި ދޫކުރަން ނިންމާ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އިން 1،000 ގޯތި އަދި ގުޅިފަޅުން 2،000 ގޯއްޗެވެ. އަދި ގިރާވަރު ފަޅު ހިއްކާ ނިމުމުން އެތަނުން ވެސް 2،000 ގޯތި ދޫކުރުމަށް ނިންމާފައިވެ އެވެ.