އެމްޑީޕީގެ ޗެއާޕާސަންގެ ރޭހަށް ނިކުންނަވާ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ރަސްމީކޮށް ނިންމަވާލައްވައިފި އެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް މާދަމާ މުޅި ރާއްޖޭގައި ވޯޓް ނަގާނެ އެވެ.
މުޅި ރާއްޖޭގައި ހިންގެވި ވަރުގަދަ ކެމްޕެއިން ފައްޔާޒް ނިންމަވާލެއްވީ ނަމޫނާ ދައްކަވަމުންނެވެ. ނަޒާހަތްތެރިކަން ސާބިތުކޮށް ދެއްވަމުންނެވެ.
މި ކެމްޕެއިންގައި ފައްޔާޒަށް އަމާޒު ކުރައްވާ ވާދަވެރި ކެންޑިޑޭޓާއި ކެންޑިޑޭޓްގެ ކެމްޕެއިން ޓީމުންވެސް ވަނީ ތަފާތު އެކި ވާހަކަތައް ދައްކަވާފައެވެ. ބައެއް ފަހަރު ވަރަށް ހުތުރު ބަހުން ދޮގު ތުހުމަތުތައް ކުރައްވާ ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް އެ މޭރުމުން ރައްދެއް ނުދެއްވައެވެ. އޭގެ ބަދަލުގައި ހާމަކުރެއްވެވީ ކަމުގެ ހަގީގަތެވެ.
އިލްތިމާސް ކުރެއްވީ ރީތި ގޮތުގައި ކެމްޕެއިން ކުރެއްވުމަށެވެ. ދޮގު ވާހަކަތަކުން ދުރުހެލިވުމަށެވެ. އެމްޑީޕީގެ މެެންބަރުންގެ ބައިބައިކޮށް ޕާޓީއަށް ގެއްލުން ލިބޭނެ ގޮތަށް އަމަލު ނުކުރެއްވުމަށެވެ. ވާދަވެރީންގެ ފަރާތުން ކިތަންމެ ބޮޑެތި ދޮގު ތުހުމަތެއްތަކެއް ކުރެއްވި ނަމަވެސް އެފަދަ ދޮގު ތުހުމަތުތަކެއް ކުރެއްވުމަށް ބޭނުންފުޅު ނުވާ ކަމަށް ގެންދެވީ ތަކުރާރު ވިދާޅުވަމުންނެވެ. ތުހުމަތުތަކާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުން އެދިވަޑައިގެންނެވީ އެކަަންކަން ރަނގަޅަށް ބެއްލެވުމަށެވެ. ބެއްލެވުމުން ހަގީގަތް ސާފުވާނެ ކަަމަށެވެ. އެފަދަ ތުހުމަތުތައް ކަމާގުޅޭ ކޮމެޓީތަކާއި އިދާރާތަކާއި މުއައްސަސާތަކުން ބެއްލެވުމަށްވެސް އަމިއްލަފުޅަށް އެދިވަޑައިގެންނެވިއެވެ.
އަޅުގަނޑުމެން ކަންބޮޑުވޭ މި ޕާޓީއަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން މަސައްކަތް ކުރާތީ. ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެނެއް ނޫން. ހަމަ ވަރަށް ރީތިކޮށް ދެ ފަރާތުންވެސް ކެމްޕެއިން ކޮށްލަން ޖެހޭނީފައްޔާޒް އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު
ކެމްޕެއިންގައި ފައްޔާޒް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑަައިގެންފައެވެ. މުޅި ކެމްޕެއިން ބިނާ ކުރެއްވީ އެމްޑީޕީ އަލުން ވަރުގަދަ ކުރެއްވުމުގެ މައްޗަށެވެ. ކެމްޕެއިންގެ ޝިއާރަކަށް ހެއްދެވީ އެމްޑީޕީ "ހިންގާލަން" މި ޝިއާރެވެ.
އެންމެ ބޮޑަށް ދަތިފުޅުވީ އަޅާނުލެވި ދޫކޮށްލެވިފައިވާ އެމްޑީޕީގެ ހަރުގެތައް ފެނިވަޑައިގަތުމުންނެވެ. އަދި ވަރުގަދަކޮށް ބަދަހިކޮށް އޮތް ރަށު ގޮފިތަކުގެ ހަރަކާތްތައް މަޑުޖެހިފައި ވުމުންނެވެ. އެކަންކަން އަލުން އިއާދަކުރުމަށް ފައްޔާޒްގެ މެނިފެސްޓޯގައި ހާއްސަ އިސްކަމެއް ދެއްވާފައިވެއެވެ. ވަކީން ހާއްސަކޮށް ދައުލަތުން އެ ޕާޓީއަށް ލިބޭ ފައިސާއިން ރަށްރަށުގެ ހަރުގެތަކާއި ހަރަކާތްތަކަށް ބަޖެޓް ދެއްވުމަށް ކަނޑައެޅުއްވިއެވެ.
އެއީ އެމްޑީޕީގެ މެންބަރުންގެ ވަރަށް ބޮޑު އެދުމެކެވެ.
އެމްޑީޕީގެ އާންމު މެންބަރުން އެއް އަޑަކުން ބުނާ އެއް ވާހަކައަކީ އެމްޑީޕީގެ މި ސަރުކާރު ދެމި އޮތުން. އަލުން އެނބުރި މަގުމައްޗަށް ނުދިއުންފައްޔާޒް އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު
މީގެ އިތުރުން މިހާރު އޮތް އެމްޑީޕީގެ ސަރުކާރު އިތުރަށް ދެމެހެއްޓުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަ ކުރެއްވެވިއެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ވަރަށް ގަދައަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. މަސްލަހަތު އޮތީ އެ ގޮތުގައި ކަމަށް ވާތީ އެވެ. ޕާޓީގެ އަސާސްތަކާއި އުސޫލުތައްވެސް އޮތީ އެ މަގުން ކަމަށް ވާތީ އެވެ.
ކެމްޕެއިން ނިންމަވާލެއްވުމުގެ ގޮތުން ފައްޔާޒް މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެންމެން އެކުވެ ގުޅިގެންތިބެ ކުރިއެރުން ހޯދާ ފިތުނައާ ނަފްރަތުން އެކަހެރިވެ ދިވެހިރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން ކަމަށެވެ.
"އަލުން އާބާރަކާއެކު އެމްޑީޕީ ހިންގާލަން ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެދެން،" ފައްޔާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަލުން އާބާރަކާއެކު އެމްޑީޕީ ހިންގާލަން ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެދެންފައްޔާޒް އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު
ފައްޔާޒްގެ މި ކެމްޕެއިނަކީ އެމްޑީޕީއަށް ހުރިހާ ގޮތަކުންވެސް ނަމޫނާ ކެމްޕެއިނެކެވެ. ޕާޓީ އެއްބައިވަންތަކޮށް ބައިބައިވުންް ނުއުފައްދާ ރީތި ގޮތުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަން ސާބިތުކޮށްދިނެވެ. މިއީ އެމްޑީޕީ އާއި އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށް އަދި ޖުމްލަކޮށް ރާއްޖޭގެ ސިޔާސީ ދާއިރާއަށްވެސް ނަމޫނާ ކެމްޕެއިނެކެވެ.