ބޯހިޔާވަހިކަން

ބޯހިޔާވެހިކަމަށް ސަރުކާރުގެ އިސްކަން އެބައޮތް

Nov 20, 2021
9

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މީގެ ތިން އަހަރު ކުރިން ވެރިކަމަށް ވަޑައިގެންނެވީ ފަހުރުވެރި ދިވެހި އާއިލާއެއް ބިނާކުރުމުގެ ވައުދާ އެކު އެވެ. އެކަން ހާސިލްކުރަން އެންމެ މުހިއްމު އެއް ކަމަކީ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުން ކަމަށް ރައީސް ސޯލިހް ގަބޫލު ކުރައްވަ އެވެ. ރައީސް ސޯލިހުގެ ސަރުކާރުން ގެންދަނީ މާލެ ސަރަހައްދާއި އަތޮޅު ތެރޭގެ ރަށްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލުތަކެއް ހޯދައި ދޭން މަސައްކަތްތަކެއް ކުރަމުނެވެ. ބޯހިޔާވަހިކަމާ ގުޅޭ ބައެއް ކަންކަމުގައި ގާނޫނީ މައްސަލަތަކާ ހެދި ލަސްތަކެއް ދިމާވަމުން ދިޔަ ނަމަވެސް ސަރުކާރުގެ އެ އަމާޒަށް ވާސިލްވުމަށް އެކި މަރުހަލާތަކުގައި މަސައްކަތްތައް ހިނގަމުންދެ އެވެ.

މެނިފެސްޓޯގައިވާ ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ވައުދު

  • ގެދޮރު ހޯދުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމުގެ މަގުފަހި ކުރުމަށްޓަކައި ފައިސާ ރައްކާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ފަހަށް ރައްކާކުރުމުގެ މުހިއްމު ކަމާމެދު ހޭލުންތެރިކުރުވުން.
  • ގެދޮރު ކުއްޔަށް ހިފާ ފަރާތްތަކާއި ކުއްޔަށްދޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގާނޫނުތައް އެކުލަވާލައި ހަރުދަނާކުރުން.
  • ބޯހިޔާވަހިކަން ލިބުމަކީ ދިވެހި ރައްޔިތުންގެ އަސާސީ އަދި ފަރުދީ ހައްގެއް ކަމަށް ބަލައިގަނެ ފަރުދުންނާއި، އެމީހުންގެ އާއިލާތަކަށް އެކަށީގެންވާ ލުއި އަގެއްގައި ބޯހިޔާވަހިކަން ހޯދޭނެ މަގުފަހިކޮށްދިނުން.
  • ގެދޮރު ބިނާކުރުމަށް ބޭނުންވާ ފައިސާއާއި މާލީ އެހީތެރިކަން އެކަށީގެންވާ ލުއިފަސޭހަ ގޮތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  • ގޯތި ދެވެން އޮތް ރަށްރަށުން، އެކަމަށް އެދޭ މީހުނަށް އިންސާފުވެރި އުސޫލަކުން ގޯތި ދިނުން.
  • ގޯތިދެވޭނެ ބިން ނެތް ރަށްރަށުގައި، ފުލެޓު ބިނާކޮށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ އުސޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން.

މާލެ ސަރަހައްދުގައި ކުރިއަށްދާ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގެ ގޮތުން މާލެ ސަރަހައްދުގައި އެކި ފަންތީގެ މީހުންނަށް އަމާޒުކޮށްގެން މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރުވީއިރު ހަމައެކަނި މާލެ ސަރަހައްދުގައި 7،000 އަށް ވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދެ އެވެ.

މީގެތެރޭގައި އެފޯޑަބަލް ހައުސިންގެ ގޮތުގައި 4،440 ހައުސިން ޔުނިޓް، ކައުންސިލް ހައުސިންގެ ގޮތުގައި 1،920 ހައުސިން ޔުނިޓް އަދި މިޑްރޭންޖް ހައުސިންގެ ގޮތުގައި 640 ހައުސިން ޔުނިޓްގެ މަސައްކަތް ދަނީ ކުރިއަށެެވެ. އެފޯޑަބަލް ހައުސިން އަކީ ބޮޑު އާމްދަނީއެއް ލިބޭ ތަނަވަސް މީހުންނަށް ހާއްސަ ކުރެވޭ ފްލެޓްތަކެކެވެ. މިޑްރޭންޖް ހައުސިން އަކީ މެދު ފަންތީގެ އާމްދަނީއެއް ލިބޭ މީހުންނަށް އަމާޒުކޮށްގެން ހަދާ ފްލެޓްތަކެކެވެ. އަދި ކައުންސިލް ހައުސިން އަކީ އެންމެ ނިކަމެތި މީހުންނަށް އަމާޒުކޮށްގެން ވަކި މުއްދަތަކަށް ކުއްޔަށްދޭ -- މިލްކު ނުކުރެވޭ ގޮތަށް ހަދާ ފްލެޓްތަކެކެވެ.

ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުނި ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް މެދުވެރިކޮށް ގާއިމުކުރާ 4,000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެކުއިޓީ މި އަހަރު ތެރޭގައި ސަރުކާރުން ދައްކައި، އަމަލީ މަސައްކަތް ފަށައިގަތުމަށް ވެސް ވަނީ ނިންމާފަ އެވެ. މީގެއިތުރުން ބައެއް އަމިއްލަ ކުންފުނިތަކުން މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން ވިއްކުމަށް ހަދަމުންދާ ފްލެޓްތަކަކީ ވެސް ސަރުކާރުގެ ވަކި ހާއްސަ ސިޔާސަތުތަކެއް ހާސިލްކުރެވޭ ގޮތަށް އިމާރާތްކުރެވޭ ފްލެޓްތަކެކެވެ. އެ ހުރިހާ މަޝްރޫއުތަކަކާ އެކު މާލޭ ސަރަހައްދުގައި ހަމައެކަނި މިވެރިކަމުގައި ހަދާ ހައުސިން ޔުނިޓްގެ އަދަދު 11,000 ހައުސިން ޔުނިޓަށް ވުރެ އިތުރުވާނެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާފަށުގައި ގެދޮރުވެރިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށެވެ.

"ގެދޮރުވެރިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަކީ ޖުމުލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުން ހައްލު ހޯދައިދިނުމަކީ ދައުލަތުގެ ފަރާތުން ބޭނުންވާ ކަމެއް،" އަމީރު ވިދާޅުވި އެވެ.

އަތޮޅު ތެރޭގައި ކުރިއަށްދާ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް

އަތޮޅު ތެރޭގައި ވެސް ބޯހިޔާވަހިކަމަކަށް ބޭނުންވެފައިވާ އެތައް އާއިލާއެއް ތިބި ކަމަށް ރައީސް ސޯލިހް ގަބޫލުކުރައްވަ އެވެ. އެހެންވެ އެމަނިކުފާނު ވަނީ ބިން ބޮޑު ރަށްތަކުން ގޯތި ދޫކުުރާނެ ކަމަށް ވައުދުވެފަ އެވެ. އަދި ބިން ނެތް ރަށްރަށުގައި ބިން އުފެއްދުމަށްޓަކައި ބައެއް ރަށްތަކުގެ ބިން ވަނީ ހިއްކާފަ އެވެ. އަދި އަންނަ އަހަރު ވެސް ބައެއް ރަށްތަކުގެ ބިން ހިއްކުމަށް ވަނީ ޕްލޭން ކުރެވިފަ އެވެ.

ލޯކަލް ކައުންސިލްތަކުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭނާއި ލޭންޑް ޔޫޒް ޕްލޭން ހަދާ ނިމި އަމަލުކުރަން ފެށުމާ އެކު ކައުންސިލްތަކާ ގުޅިގެން ބިން ހުރި ރަށްތަކުން ބޯހިޔާވަހިކަމަށް ބިން ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ސަރުކާރުން ހަރަދުކޮށްގެން އަތޮޅު ތެރޭގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ދަނީ އެކި މަރުހަލާ ތަކުގައި ހިނގަމުންނެވެ. ބައެއް ރަށްތައް ހުރީ ގާތްގަނޑަކަށް އެ މަސައްކަތްތައް ނިމިފަ އެވެ. އަދި ބައެއް ރަށްތަކުގެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފަ އެވެ.

މިސަރުކާރުގައި އަތޮޅު ތެރޭގައި 400 ހައުސިން ޔުނިޓް އަޅަނީ ހަތަރު ރަށެއްގަ އެވެ. އެއީ ބ. ތުޅާދޫ، ޅ. ނައިފަރު، ތ. ތިމަރަފުށި އަދި މ. ކޮޅުފުއްޓެވެ. މިއިން ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވެ އެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށް އޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ބަޖެޓްތަކުގައި ހިމަނައިގެން އަތޮޅު ތެރޭގެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށާފަ އެވެ.

ދިމާވި އެންމެ ބޮޑު ގޮންޖެހުން

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަދާފައި ހުރި 7،000 ފްލެޓާ ގުޅޭ ގިނަ ޝަކުވާތަކެއް ހުރީ ރައީސް ސޯލިހަށް ހުށަހަޅާފަ އެވެ. އެ ފްލެޓްތައް އެކިއެކި ފަރާތްތަކަށް ދޫކުރުމުގައި ހަމައާއި އިންސާފުގެ ބޭރުން އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ޝަކުވާތައް ބެލުމަށް ރައީސް އުފެއްދެވީ މިނިވަން ކޮމިޓީ އެކެވެ. އެ ކޮމިޓީން އެތައް ދުވަހަކު ކުރި ބުރަ މަސައްކަތްތަކަކަށްފަހު ކޮމިޓީން ހުށަހެޅި ހުށަހެޅުންތަކަކަށް ބަލައި ރައީސް ސޯލިހު ވަނީ މުޅި މައްސަލައަށް ހައްލެއް ނުގެނެވުނު ނަމަވެސް އެދެވޭ ހައްލުތަކެއް އެ މައްސަލަ އަށް ހޯއްދަވައިދެއްވާފަ އެވެ.

ހިޔާ ފްލެޓްތަކާ ގުޅިގެން ސަރުކާރަށް ދެން ދިމާވި މައްސަލަ އަކީ ފްލެޓްތަކުގެ އެތެރޭގެ އިންޓީރިއާ މަސައްކަތްތައް ކުރީގެ ސަރުކާރުން ނުނިންމާ އާންމުންނަށް ދީފައި ހުރުމުން ދިމާވި މައްސަލަތަކެކެވެ. މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޮވިޑްގެ ވަބާގައި މުޅި ދުނިޔޭގެ އިގްތިސާދަށް ލިބުނު ބޮޑު ގެއްލުމާއެކު ދިވެހި ރައްޔިތުންނަށް ވެސް މާލީ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެހެންވެ ފްލެޓް ލިބުނު މީހުންނަށް އެ މީހުން މާލޭގައި އުޅޭ ތަންތަނަށް ކުލި ދައްކަމުން ހިޔާ ފްލެޓްތައް އަމިއްލަ އަށް ނިންމުންވީ ވަރަށް ބޮޑު މާލީ ބުރައަކަށެވެ. ބައެއް މީހުން އެ މަސައްކަތް އެ ކުރަނީ އެތައް ބަޔަކަށް ދަރާވިކިގެންނެވެ. އެހެންވެ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހު އެ ތަންތަނަށް ދައްކަންޖެހޭ ކުލި ދެއްކުން ފަސްކޮށްދީފަ އެވެ.

ހިޔާ ފްލެޓްތައް ކުރީގެ ސަރުކާރުން ހަދާފައި ހުރީ އެންމެ އަގު ބޮޑު ބިޑް ހުށަހެޅި ކުންފުންޏާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެ ސަރުކާރުގައި ހިޔާ ފްލެޓެއް ކުއްޔަށް ދޭން ނިންމާފައި އޮތީ 6،600 ރުފިޔާ އަށެވެ. އެ އަގުގައި ފްލެޓް ކުއްޔަށް ދިނުމުން ކޮންމެ ފްލެޓަކުން ސަރުކާރަށް 1.1 މިލިއަން ރުފިޔާގެ ގެއްލުންވާ ކަމަށް ސަރުކާރުން އެދިގެން އޮޑިޓް އޮފީހުން ހެދި މިނިވަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ މިސަރުކާރުން ހިޔާ ފްލެޓެއްގެ މަހު ކުއްޔަށް އެންމެ ފުރަތަމަ ކަނޑައެޅީ 11،000 ރުފިޔާ އެވެ. އެކަމަކު އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެ އަދަދު 7،500 ރުފިޔާ އަށް ކުޑަކޮށްދީފަ އެވެ. ހިޔާ ފްލެޓެއްގެ މެއިންޓަނަންސް ފީއެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ 1،000 ރުފިޔާ އެވެ.

ބަޖެޓްގެ އަދަދުތައް ހުރީ ބޯހިޔާވަހިކަމަށް ފަހިކޮށް

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 716 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި މިއަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން 600 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މީގެތެރެއިން ނެޝަނަލް ސޯޝަލް ހައުސިން ސްކީމަށް 449 މިލިއަން ރުފިޔާ އަދި އެކި ރަށްރަށުގައި ހައުސިން ޔުނިޓް އެޅުމަށް 94 މިލިއަން ރުފިޔާގެ އިތުރުން އެފޯޑަބަލް ހައުސިން ޕްރޮޖެކްޓަށް 57 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އަމިއްލަ ފަރާތްތަކުން ހަދާ މިކްސްޑް ރެޒިޑެންސް ނުވަތަ ހުރިހާ ފަންތިއަކަށް ހާއްސަ ހައުސިން ޔުނިޓްތަކާ އެކު ރާއްޖޭގައި ހައުސިން ސެކަންޑަރީ މާކެޓެއް އުފެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އުއްމީދެވެ. މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި ހަމައެކަނި މާލޭގައި ގެދޮރު ބޭނުންވާ 17،000 އާއިލާ އެބަތިއްބެވެ. އެ އާއިލާތަކަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ހުރިހާ ފަންތިތަކެއްގެ އެޕާޓްމެންޓްތައް ހިމެނޭ ގޮތަށް ހައުސިން މަޝްރޫއުތައް ހިންގުން ކަމަށެވެ.

"ގެދޮރުގެ ސެކަންޑަރީ މާކެޓެއްް އޮންނަން އެބަޖެހޭ. މިކްސް ޑިވެލޮޕްމަންޓްގެ ތެރެއިން ހައުސިން ސެކަންޑަރީ މާކެޓެއް އުފެދުމަކީ ސަރުކާރުގެ އުއްމީދު،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވާ ގޮތަށް ގެދޮރުގެ ސެކަންޑަރީ މާކެޓެއް އުފެއްދިއްޖެ ނަމަ އެޕާޓްމަންޓްތައް ޑިވެލޮޕާއަތުން ގަތުމަށްފަހު އެހެން ފަރާތްތަކަށް ވިއްކާލެވޭ ގޮތަށް ފަސޭހަ މާކެޓެއް ހުޅުވިގެންދާނެ އެވެ. އޭރުން އާންމުންނަށް ހެޔޮ އަގުގައި ގެދޮރު ގަތުމުގެ ފުރުސަތު ފަހިވާނެ އެވެ.

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ގާނޫނު

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމުގައި ކުއްޔަށްދޭ މީހާ އަށް ވެސް އަދި ކުއްޔަށް ހިފާ މީހާ އަށް ވެސް ދިމާވާ އެތައް މައްސަލަތަކެއް އެބަހުއްޓެވެ. ހާއްސަކޮށް މާލޭގައި އެފަދަ މައްސަލަތަކެއް ހުރީ ދައުލަތުގެ އެކި އިދާރާތަކުގައި ފުނި ޖެހިފަ އެވެ. ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރުވީއިރު އެ މައްސަލަ އަށް ވެސް ބޮޑު ހައްލެއް ލިބޭނެ ގާނޫނެއް މިވަނީ ވުޖޫދަށް ގެނެސްދެއްވާފަ އެވެ.

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ގާނޫނަކީ ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށް ހިފުމާ ގުޅޭގޮތުން ކުއްޔަށް ހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ހައްގުތަކާއި އިލްތިޒާމްތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަން ޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުއާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައިދީފައިވާ ގާނޫނެކެވެ. އެހެންކަމުން ކުއްޔަށްދޭ ތަންތަނުގައި ދިމާވަމުންދާ ގާނޫނީ ގިނަ މައްސަލަތަކަކަށް މި ގާނޫނުން އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ކުއްޔަށް ހިފާ ފަރާތާ ކުއްޔަށްދޭ ފަރާތުގެ ހައްގުތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމުގައި އަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ. މީގެ އިތުރުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނާއި، އެ ތަންތަނުގެ ކުއްޔާއި، އެ ތަންތަނުގެ ހާލަތާ ގުޅިގެން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން އުފެދޭ މައްސަލަތަކާއި ޝަކުވާތައް އަވަސް ގޮތެއްގައި ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިބިލު ހިންގޭނެ ދާއިރާތަކަކީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމުގައި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގެ މައްޗަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަށުން އެކި ފަރާތްތަކާ ހަވާލުކުރެވޭ ތަންތަނާ ގުޅޭ މުއާމަލާތްތަކުގެ މައްޗަށްކަމުގައި ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް ސޯލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު މިވަނީ އެ މައްސަލައަށް ބޮޑެތި ހައްލުތަކެއް ލިބޭ ގޮތަށް ސިޔާސަތުތައް ކަނޑައަޅައި ވަށާޖެއްސުމުގެ މަސައްކަތް ފަށާފަ އެވެ. ސަރުކާރުން އުއްމީދުކުރަނީ ރައީސް ސޯލިހުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދާއިރާ އިން އާންމުން ހިތްހަމަޖެހޭ ފަދަ ނަތީޖާ ތަކެއް ނެރެވޭނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކާއި މިސްރާބު ހުރީ އެ މަގަށް ބަހައްޓާފަ އެވެ.