ހަބަރު

މާފަރު އެއާޕޯޓު ބޮޑު ކުރަން އީޕީއޭ ހުއްދައެއް ނުދިން

ނ. އަތޮޅު މާފަރުގައި ހަދާ އެއާޕޯޓު ހިއްކައިގެން ބޮޑު ކުރަން ހުއްދަ ނުދޭން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

އީޕީއޭއިން ހެދި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓުގެ މައްޗައް ބިނާކޮށް އެ އެޖެންސީން ބުނީ މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ އަމާޒަކީ ބޮއިން 777 ގެ ޓުވިން ޖެޓް ޖެއްސުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބުތަކަކީ ދުރު ރާސްތާގައި އެކަމާ ގުޅިގެން ތިމާވެއްޓަށް ދިމާވާނެ ނޭދެވޭ އަސަރުތައް އަޅާބަލާއިރު އެކަށިގެންވާ ސަބަބުތަކެއް ނޫން ކަމަށެވެ. އަދި މާފަރު އެއާޕޯޓުގައި ބޮޑެތި ފްލައިޓުތައް ޖައްސާނީ ކިހާ ވަރަކަށް ކަމެއް ނޭނގޭ ކަމަށެވެ.

އެއާޕޯޓު ބޮޑު ކުރުމަށް ހިންގާ ބިން ހިއްކުމުގެ މަސައްކަތުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލިގެންދާނެ ކަމަށާއި އޭގެ ސަބަބުން ވަށައިގެންވާ އީކޯ ސިސްޓަމްއަށް އަސަރު ކުރާނެ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި މާފަރަކީ ވެލާ ބިސްއަޅުމުގައި މަޝްހޫރު ރަށެއް ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ސަބަބުން އެ ކަމަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމަށް އީޕީއޭއިން ބުންޏެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އާބާދީގައި 1،257 މީހުން ދިރިއުޅޭ މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ މި ސަރުކާރުންނެވެ. ނަމަވެސް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭގެ ކުރިންވެސް މި އެއާޕޯޓު ތަރައްގީ ކުރަން އެކި ފެންވަރުގައި މަސައްކަތް ކޮށްފައިވެ އެވެ. އެއާޕޯޓް އަޅަން އެކި ފެންވަރުގައި 2007 ވަނަ އަހަރުން ފެށިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ. މާފަރުގައި ވައިގެ ބަނދަރެއް ހެދުމުގެ ވިސްނުންތަކާއި ޕްލޭންތައް ގެންގުޅޭތާ 15 ވަރަކަށް އަހަރު ވެއްޖެ އެވެ.