މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

އީޕީއޭއިން ނުދިން ހުއްދަ މިނިސްޓަރު ދެއްވައިފި

މާފަރު އިންޓާނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ސަރުކާރުން ހުށައަޅާފައިވާ މަޝްރޫއު ކުރިއަށް ގެންދަން ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނުދީ ހިފަހައްޓާފައި ވަނިކޮށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ދެއްވައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި ހުއްދަ ދީފައި ވަނީ، މާފަރު އިންޓަނޭޝަނަލް އެއަޕޯޓުގެ ރަންވޭ ބޮޑު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް ތައްޔާރު ކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ އެޑެންޑަމް ރިވިއު ކުރުމަށްފަހު، އެ މަޝްރޫއު ކުރިއަށްގެންދަން ހުށަހަޅާފައި ވާގޮތަށް ކުރިއަށް ގެންދަން ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އީޕީއޭ ނިންމި ނިންމުން ޕްލޭނިން މިނިސްޓްރީން އެންވަޔަރަންމަންޓް މިނިސްޓަރަށް އިސްތިއުނާފު ކުރުމާ ގުޅިގެން "ތިމާވެށްޓަށްކުރާ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު" ގެ ދަށުން އެ މައްސަލަ ބެލުމަށް ފަހުގައި ކަމަށެވެ.

"... މި މައްސަލަ ބެލުމުގެ ގޮތުން ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މައްސަލަ ތަހުގީގު ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އޮފިސަރަކާއި ހަވާލުކޮށް އޭނާ ހުށައެޅި ރިޕޯޓަށާއި، ޖުމުލަކޮށް ދެވަނަ އެޑެންޑަމް ރިޕޯޓަށާއި ވަކިން ޚާއްސަކޮށް އެ ރިޕޯޓްގެ ކޮންކްލޫޝަންސްގެ އެންމެ ފަހު ޕެރެގްރާފުގައި، "ޕްރޮޖެކްޓް ތަންފީޒުކުރުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ފިޔަވަޅުތަކާއި (މިޓިގޭޝަންސް މެޝާސް)، މެނޭޖްމަންޓް ޕްލޭން އާއި އޯލްޓަނޭޓިވްސް އާއި މޮނިޓަރިން ޕްލޭންގައި ކަނޑައަޅާފައިވާގޮތަށް، މަޝްރޫއު ކުރިއަށް ގެންދިޔުމަށް ލަފާދޭ (ރިކަމެންޑް ކުރާ) ކަމަށް" ބުނެފައިވާ ބުނުމަށާއި، މައްސަލާގެ ހަގީގަތްތައް އިތުރަށް އޮޅުންފިލުވުމަށް މި ހިނގާ ޖަނަވަރީ މަހު ހަތަކުން އަށަކަށް މިނިސްޓްރީގެ ވަފުދަކާއެކު މިނިސްޓަރު މާފަރަށް ޒިޔާރަތްކޮށް، އެރަށުގެ ރަށުކައުންސިލާއި ރައްޔިރުންނާއި އަދި މިލަދުނަމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ މަސްއޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝަވަރާތަކަށާއި، މި މަހު ނުވަ ވަނަ ދުވަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އެތޯރިޓީ އާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މަސްއޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝްވަރާތަކުގެ މައްޗަށާއި، މި ބައްދަލުވުންތަކުން ލިބުނު އިތުރު މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް." ހުއްދަ ދިން ސަބަބު ބަޔާންކޮށް އެންވަޔަރުމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ މިނިސްޓަރު ޑރ. ހުސައިން މި ހުއްދަ ދެއްވާފައިވަނީ އެ މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދިޔުމާއިއެކު، އެ ރިޕޯޓުގައި ކަނޑައަޅާފައިވާފަދަ މެނޭޖްމަންޓް ޕްލޭނަކާއި މޮނިޓަރިންގް ޕްލޭނަކާއިއެކު އެ މަސައްކަތް ކުރިއަށްގެންދާ ގޮތަށް ކަމަށެވެ.

އީޕީއޭއިން ހެދި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓުގެ މައްޗައް ބިނާކޮށް އެ އެޖެންސީން ބުނީ މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ އަމާޒަކީ ބޮއިން 777 ގެ ޓުވިން ޖެޓް ޖެއްސުން ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބުތަކަކީ ދުރު ރާސްތާގައި އެކަމާ ގުޅިގެން ތިމާވެއްޓަށް ދިމާވާނެ ނޭދެވޭ އަސަރުތައް އަޅާބަލާއިރު އެކަށިގެންވާ ސަބަބުތަކެއް ނޫން ކަމަށެވެ. އަދި މާފަރު އެއާޕޯޓުގައި ބޮޑެތި ފްލައިޓުތައް ޖައްސާނީ ކިހާ ވަރަކަށް ކަމެއް ނޭނގޭ ކަމަށެވެ.

އެއާޕޯޓު ބޮޑު ކުރުމަށް ހިންގާ ބިން ހިއްކުމުގެ މަސައްކަތުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލިގެންދާނެ ކަމަށާއި އޭގެ ސަބަބުން ވަށައިގެންވާ އީކޯ ސިސްޓަމްއަށް އަސަރު ކުރާނެ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި މާފަރަކީ ވެލާ ބިސްއަޅުމުގައި މަޝްހޫރު ރަށެއް ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ސަބަބުން އެ ކަމަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމަށް އީޕީއޭއިން ބުންޏެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އާބާދީގައި 1،257 މީހުން ދިރިއުޅޭ މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ މި ސަރުކާރުންނެވެ. ނަމަވެސް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭގެ ކުރިންވެސް މި އެއާޕޯޓު ތަރައްގީ ކުރަން އެކި ފެންވަރުގައި މަސައްކަތް ކޮށްފައިވެ އެވެ. އެއާޕޯޓް އަޅަން އެކި ފެންވަރުގައި 2007 ވަނަ އަހަރުން ފެށިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ. މާފަރުގައި ވައިގެ ބަނދަރެއް ހެދުމުގެ ވިސްނުންތަކާއި ޕްލޭންތައް ގެންގުޅޭތާ 15 ވަރަކަށް އަހަރު ވެއްޖެ އެވެ.